މިޓްސްބްޝީ އޭޝިއަން ޗިލްޑްރެންސް އެނިކީ ފެސްޓާ 2019-2020ގެ އެންމެ ޝަރަފްވެރި އެވޯޑް ކަމުގައިވާ " ގްރޯން ޕްރީ" އެވޯޑް އަރަބިއްޔާ ސްކޫލްގެ އިބާ އާމިރު އަބްދުﷲއާ ހޯދައިފިއެވެ.
ގްރޯން ޕްރީ އެވޯޑް އެހެން އަހަރުތަކުގައި ހަވާލުކުރަނީ ޖަޕާނުގައި ބޭއްވޭ ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެހެން ނަމަވެސް ކޯވިޑް19ގެ މި ހާލަތުގެ ސަބަބުން މި އަހަރު މި އެވޯޑް ހާސިލްކުރި ދަރިވަރުންނަށް ޖަޕާނަށް ދިއުމުގެ ފުރުސަތު ލިބިފައިނުވެއެވެ.
މި އެވޯޑް އިބާއާ ހަވާލުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.
ނޭޝަނަލް ފެޑެރޭޝަން އޮފް ޔުނެސްކޯ- ޖަޕާން އިން އިންތިޒާމުކޮށްގެން ބާއްވާ މި ޕްރޮގްރާމްގައި އޭޝިއާގެ 24 ޤައުމުން ބައިވެރިވެއެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ގައުމަކުންވެސް 1 ގްރޯންޕްރީ، 3 ޔުނެސްކޯ އެވޯޑް އަދި 4 އެކްސްލެންސް އެވޯޑް ލިބޭ ދަރިވަރުން ކަނޑައަޅަނީ އިންޓަރނޭޝަނަލް ސްކްރީނިންގައެވެ.

ގްރޯން ޕްރީ އެވޯޑްގެ އިތުރުން ރާއްޖެއިން އެވޯޑް ހާސިލްކުރި ދަރިވަރުން:
ޔުނެސްކޯ އެވޯޑް
އައިޝަތު މިޝީލް ބިންތް އިބްރާހިމް- މުހައްމަދު ޖަމާލުއްދީން ސްކޫލް / ފުވައްމުލައް ސިޓީ
ފާތިމަތު ލައިޝާ މުހައްމަދު- ވަށަފަރު ސްކޫލް
އިބްރާހިމް ޔޫސަމް ސާމިއު- މުހައްމަދު ޖަމާލުއްދީން ސްކޫލް / ފުވައްމުލައް ސިޓީ
އެކްސެލެންސް އެވޯޑް
ޒެއިނާ އަމްޒަތު އަހުމަދު – ހުރަވީ ސްކޫލް
އަބާން އާމިރު އަބްދުﷲ- މަޖީދިއްޔާ ސްކޫލް
އައިޝަތު ދާނާ އިޔާޒް- މަޖީދިއްޔާ ސްކޫލް
އައިމިނަތު ލައިބާ އިހުސާން- މުހައްމަދު ޖަމާލުއްދީން ސްކޫލް / ފުވައްމުލައް ސިޓީ
އުމުރުން 6 އާއި 12 ދެމެދުގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މި ޕްރޮގްރާމްގައި ދަރިވަރުން ހުށައަޅަން ޖެހެނީ ދަރިވަރުންގެ ދިރުއުޅުން ދައްކުވައިދޭ 5 ޑައިރީ/ކުރެހުމެވެ. ގްރޯން ޕްރީ އެވޯޑް ހާސިލް ކުރި އިބާ ހުށައެޅީ އިބާ އެންމެ ގަޔާވެގެން ކުރާ ކަންކަމެވެ. އޭގެ ތެރޭގައި މޫދަށް ދިއުމާއި، ކޮތަރަށް ކާންދިނުމާއި، އީދު ނަމާދަށް ދިއުމާއި، ޓިއުޝަނަށް ދިއުން ފަދަ ކޮންމެ ދުވަހަކުވެސް އިބާ ޝައުގުވެރިކަމާއެކު ކުރާ ކަންކަން ކަމުގައި އިބާގެ ބައްޕަ އާމިރު އަބްދުﷲ އާ ހަވާލާދީ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
މި ޕްރޮގްރާމްގައި ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ހިސާބުތަކުން 500 ދަރިވަރުން ބައިވެރިވެއެވެ.
advertisment
ހިޔާލު