ހިތަދޫ ސްކޫލް ދަރިވަރުންގެ "ޓީން ސަމިޓް" އަންނަ ބުދަދުވަހު
ފުރާއުމުރުގެ ކުދިންނަށް ދިމާވާ ކަންތައްތަކާއި އެކަންތައްތަކަށް ހޯދިދާނެ ހައްލުތަކާ ގުޅޭ ގޮތުން އައްޑޫސިޓީ ހިތަދޫ ސްކޫލުން " ޓީން ސަމިޓް"ގެ ނަމުގައި ސަމިޓެއް ބާއްވަން ނިންމައިފިއެވެ.
މާދަމާ ފަށާ މި ސަމިޓްގައި އެ ސްކޫލްގެ 38 ދަރިވަރުން ބައިވެރިވާނެއެވެ. ތިން ގަޑިއިރަށް ދެމިގެންދާ މި ސަމިޓްގައި ތިން ތީމެއްގެ ދަށުން ހަ މަކަށް ދަރިވަރުން ކަރުދާސް ހުށަހަޅާނެއެވެ. ތީމް ތަކުގެ ތެރޭގައި ހިމެނެނީ ފުރާވަރުގެ ކުދިންގެ ސިއްޙަތާއި އިޖްތިމާއީ ގުޅުންތަކާއި އަދި ފުރާވަރު އުމުރުގައި ދިމާވާ ގޮންޖެހުންތަކެވެ.
ސިއްޚީ ތީމްގެ ދަށުން، ނަފުސާނީ ދުޅަހެޔޮކަމާއި، އަމިއްލަ ނަފުސަށް އިތުބާރު އުފެއްދުމާއި، އަމިއްލަ ހަށިގަނޑަށް އަޅާލައި ބެލެހެއްޓުން ހިމެނެއެވެ. އިޖްތިމާއީ ތީމުގެ ދަށުން ސައިބަރ ސެކިއުރިޓީއާއި ރިވެތި އަޚުލާގާއި އެކުވެރިކަމުގެ މުހިންމުކަން ގެނެސްދޭނެއެވެ. ގޮންޖެހުންތަކުގެ ތެރޭގައި ހަނގާކުރުން ފަދަ ކަންތައްތަކަށް އަލިއަޅުވާލާނެއެވެ.
ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙަންމަދު ދީދީ ވިދާޅުވީ މި ސަމިޓްގައި ކަރުދާސްތައް ހުށަހަޅާނީ އެކުދިން އަމިއްލައަށް ދިރާސާކޮށް، މައްސަލަތަކަށް އެކުދިން ހޯދާ ހައްލުތަކުގެ މައްޗަށް ކަމަށެވެ.
" ކުދިންނަށް ފުރުޞަތު މި ދެނީ މައްސަލަތައް ދިރާސާކޮށް އެކަންކަމަށް ހޯދޭނެ ހައްލުތައް ހުށަހަޅަން. މިކަމުގެ ސަބަބުން އެކުދިންނަށް އެބަލިބޭ، ފުރާއުމުރުގައި ދިމާވާ މައްސަލަތައް، ހައްލުކުރުމަށް ދިރާސާ ގޮތެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު" ޑރ. އާސިޔަތު ވިދާޅުވިއެވެ.
ޑރ. އާސިޔަތު ވިދާޅުވި ގޮތުގައި މި ސަމިޓްގެ ތެރޭގައި ހިތަދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްއާއި ދެ ލީޑިންގ ޓީޗަރުން ބައިވެރިވެވަޑައިގަންނަވާ ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދާނެއެވެ.
އަންނަ ބުދަދުވަހު ހެނދުނު ފަށާ މި ސަމިޓް ހުޅުއްވައި ދެއްވުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކީ ނޯޓް ސްޕީޗެއް ދެއްވާނެއެވެ. އެދުވަހުގެ ހަވީރު ސަމިޓް ނިންމާލުމުގެ ގޮތުން ގިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލީ މުސްތަފާވެސް މި ސަމިޓްގައި ބައިވެރިވެވަޑައިގެން ދަރިވަރުންނަށް މުހިންމު މައުލޫމާތު ދެއްވާނެއެވެ.
ފުރާއުމުރުގެ ކުދިންގެ މެދުގައި ދިމާވާ މައްސަލަތަކަށް ހައްލުހޯދުމަށް ދިރާސާކުރެވި ކަރުދާސްތަކެއް ހުށަހަޅައިގެން މިފަދަ ސަމިޓެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.
advertisment
ހިޔާލު