ޚާއްޞައެހީއަށް ބޭނުންވާ ކުދިން ތަމްސީލުވާނެ ގޮތަށް ސްކޫލްތަކުގެ ބޯޑާއި ޕީޓީއޭ އެކުލަވާލަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދެއްވައިފިއެވެ.
ޚާއްޞައެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނާއި ކަމާގުޅުން ހުރި މުއައްސަސާތަކުގެ އިސްވެރިންނާއެކު ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލްބޯޑާއި ޕޭރަންޓް ޓީޗަރ އެސޯސިއޭޝަންގައި މިހާރު ޚާއްޞައެހީއަށް ބޭނުންވާ ކުދިންގެ ބައިވެރިވުން ނެތް ކަމަށެވެ. އެހެން ނަމެވެސް ބެލެނިވެރިންގެ ފަރާތުން ލިބުނު ޚިޔާލުތަކާއެކު، ކުރިއަށް އޮތް ތަނުގައި ސްކޫލްތަކުގެ ބޯޑާއި ޕީޓީއޭ އެކުލަވާލާއިރު ޚާއްޞާއެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ބައިވެރިވުން އިތުރުކޮށް، އެ ބަދަލު ގެންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
" ސްކޫލް ބޭސްޑް މެނޭޖްމަންޓް ސިސްޓަމްގެ ދަށުން ސްކޫލް ބޯޑް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެބަގެންދަން. އެގޮތުން ސްކޫލްގެ ބޯޑާއި ޕީޓީއޭގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިންގެ ރެޕްރެޒެންޓެޓިވްސް ތިބުން މުހިންމު. އެއީ ވަރަށް މުހިންމުޚިޔާލެއް" ބެލެނިވެރިން ހުށަހެޅި ޚިޔާލަށް ތާއީދު ކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގައި ދުވަސްތައް ފާހަގަކުރާއިރުވެސް މާނަވީ ގޮތެއްގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިންގެ ބައިވެރިވުމާއި އެކުދިންނާމެދު އެހެން ދަރިވަރުންނާއި މުޅިމުޖްތަމައު ދެކޭގޮތް ބަދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ތައުލީމީ ގާނޫނާއެކު ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވާ ދިނުމަކީ އެ މިނިސްޓްރީގެ މައްޗަށް ލާޒިމް ކަމެއް ކަމަށާއި، ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ޝާމިލުކޮށްގެން ކިޔަވައި ދިނުމަށް އިންކުލޫސިވް އެޑިއުކޭޝަން ޑިޕާޓްމަންޓް އުފައްދާފައިވާ ކަމަށެވެ. އެ ޑިޕާޓްމަންޓުން ކުރިއަށް އޮތް ފަސްއަހަރު ދުވަހު ކުރާނެ ކަންތައްތަކުގެ އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އިންކްލޫސިވް އެޑިއުކޭޝަން ޕޮލިސީ ބަދަލުތަކާއެކު ލޯންޗްކޮށްފައިވާ ކަމަށާއި، އެ ޕޮލިސީ މިހާރުވަނީ ގާނޫނާއިވެސް އެލައިންވާގޮތަށް ފަރުމާކޮށްފައި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
" ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ޗެލަސްޖަސްތަކެއް އެބަހުރި، އެ ޗެލަސްޖަސްތަކަށް އެޑްރެސްކުރެވޭނެ ގޮތްތަކެއް ހޯދަން އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ" ޑރ އައިޝަތު އަލީ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ސްކޫލްތަކުގައި ތައުލީމް ފޯރުކޮށްދެމުން ގެންދާއިރު، މޮނިޓަރިން ނިޒާމް ހަރުދަނާ ކުރަންޖެހޭ ކަމަށާއި، އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާކަމަށެވެ. އެގޮތުން އެމްއެންޔޫއާ ގުޅިގެން ސެންޓީޗަރސް ތަމްރީނު ކުރުމުގެ އިތުރުން މިހާރު ޚިދުމަތުގައި ތިއްބެވި މުދައްރިސުންނަށް ތަމްރީނު ދިނުމުގެ މަސައްކަތް 2019ގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސަރުކާރު ސްކޫލްތަކުގައި ކިޔަވަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ ކޮންމެ ކުއްޖަކަށް 2500 ރުފިޔާ ކޮންމެ މަހަކު ސަރުކާރުން ދެމުން ގެންދާ ކަމަށާއި، ސްކޫލްތަކުން އެ ފައިސާ ބޭނުން ކުރަމުން ގެންދާނީ އެކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ކަމަށް ޑރ. އައިޝަތު އަލީ ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.
" މިއީ އެކުދިންނަށް ބޭނުންވާ ޚިދުމަތްތަކާއި ތަކެތި ގަންނަން ދޭ ފައިސާއެއް. މިފައިސާއެއް އެހެން ކަމަކަށް ޚަރަދެއް ނުކުރެވޭނެ" މިނިސްޓަރު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ހުރިހާ ސްކޫލެއްގައި ޓިވެޓް ޕްރޮގްރާމުގެ ގޮތުގައި މަސައްކަތް ދަސްކޮށްދިނުމަށް ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށާއި، އެއީ ވޮކޭޝަނަލް އެޑިއުކޭޝަން ރަސްމީ ނިޒާމުގެ ތެރެއިން އުގަންނައިދޭން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ. އެ ޕްރޮގްރާމްތައް ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް ދިހައަކާ ހަމައަށް މި ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
" ހަތަކާ ހަމައަށް ދަރިވަރުން މަސައްކަތަށް އަހުލުވެރި ކުރުވާނެ. ހަތަކުން މައްޗަށް، އެއިރެއްގައި އެ ރަށަކުން ކުރެވެން ހުރި މަސައްކަތަކަށް ދަރިވަރުން އަހުލުވެރި ކުރުވާނެ. ތަފާތު ކުރުމެއްނެތި ހުރިހާ ކުދިންނަށް މިޕްރޮގްރާމް އަންނަ އަހަރުން ފެށިގެން ކުރިއަށް ގެންދާނެ" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލް ނިންމާ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ވަޒީފާ ހޯދައިދިނުމަށް މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން ގެންދާ ކަމަށާއި އެ މަސައްކަތް ކުރަމުން ގެންދަނީ ޖެންޑަރ މިނިސްޓްރީއާ ގުޅިގެން ކަމަށެވެ.
advertisment
ހިޔާލު