ލަޔާން: ބިޒްނަސް ކިޔަވާހިތުން ސްކޫލް ބަދަލުކޮށް، ހޯދީ އޯ ލެވެލްއާއި އޭ ލެވެލްއިން ވެސް އެއްވަނަ

ގުރޭޑް 1ން 7އަށް އަރަބިއްޔާ ސްކޫލުން ކިޔެވުމަށްފަހު، އެހެން ސްކޫލަކަށް ބަދަލުވާން ލަޔާން މުޙައްމަދު ރަޝީދަށް މަޖުބުރުވީ އެންމެ ސަބަބަކަށްޓަކައެވެ. ބިޒްނަސް ދާއިރާއިން ކުރިއަށް ދިއުމަށް އޮތް ޝައުޤެއްގެ ބޮޑުކަމުންނެވެ. އަރަބިއްޔާ ސްކޫލުގައި ބިޒްނަސް ސްޓްރީމެއް ނެތެވެ. އެ ސްކޫލުގައި އޭރު ކިޔަވައިދެމުން ގެންދިޔައީ  ސައިންސާއި އާޓްސް ސްޓްރީމެވެ. ބިޒްންސް ސްޓްރީމަށް ކިޔެވޭނެ އެނޫން ގޮތެއް ނެތިގެން ގުރޭޑް  8ށް އަޙްމަދިއްޔާ ސްކޫލަށް ލަޔާން ބަދަލުވީއެވެ.

އަޙްމަދިޔާ ސްކޫލުގައި ހޭދަކުރި ފަސް އަހަރަކީ ލަޔާންގެ ކިޔެވުމަށް މުހިންމު ފަސް އަހަރެވެ. އޯލެވެލްއާއި އޭލެވެލް ނިންމާލީ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފަވެ.

އޯލެވެލްގައި ރަނގަޅު ނަތީޖާއަކަށް އުއްމީދު ކޮށްގެން މަސައްކަތް ކުރަމުން ދިޔައިރު ލަޔާންއަށް އެންމެ އުނދަގޫވީ ދިވެހި މާއްދާއެވެ. އޯ ލެވެލްގައި އެއްވަނައަށް އޭނާ އުއްމީދު ނުކުރީ ވެސް ދިވެހި މާއްދާއާ މެދު އޮތް ނުތަނަވަސް ކަމުގެ ސަބަބުންނެވެ. އެ މާއްދާވީ އޭލެވެލްގައި ވެސް އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހުނު މާއްދާއަށެވެ. އެހެންވެ ދުރާލާ ތައްޔާރުވެ ޓިއުޝަން ނެގި މާއްދާތަކުގެ ތެރެއަށް ދިވެހި މާއްދާ ވެސް ހިމެނިއެވެ.

ލަޔާން ބުނީ، އޯލެވެލްއިން އެއްވަނައަށް އުއްމީދު ނުކުރެވުނަސް ގަދަ ތިނެއްގެ ތެރޭގައި ހިމެނޭނެ ކަމުގެ އުއްމީދު އޮތް ކަމަށެވެ.

" ދިވެހިން އޭ ސްޓަރ ނުލިބިދާނެތީ އެއްވަނައަށް އުއްމީދު ނުކުރީ. އެކަމަކު ވެސް ގަދަ ތިނަކަށް ދާނެ ކަމުގެ އުއްމީދު އޮތް" ލަޔާން ބުންޏެވެ.

ދިވެހިން އޭ ސްޓަރއެއް ލިބިގެން އޯލެވެލްއިން އެއްވަނަ ލިބުމަކީ އެނާއަށް ލިބުނު ބޮޑު ސަޕްރައިޒެކެވެ. އެ ސަޕްރައިޒާއެކު އޭލެވެލްއާ ކުރިމަތިލީ ވެސް އާ ހިތްވަރަކާއެކު ގައެވެ. ދިވެހި މާއްދާއަށް އިތުރު ހިތްވަރެއް ލަމުންނެވެ.

އޭލެވެލްގެ ކިޔެވުން ފަށާ ދުވަސްވަރު ގިނަ ދަރިވަރުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. ދެ ސިލަބަހުގެ ތަފާތު، ސްކޫލުގައި ނަގާ އިމްތިޙާނުތަކުން ދައްކައެވެ. އެކަމަކު ލަޔާންއަށް އޭލެވެލް މާ ފަސޭހައެވެ. ޚާއްޞަކޮށް ގުރޭޑް 11ގެ ކިޔެވުން ކުރިއަށް ދިޔައިރު އެ ތަފާތެއް ނުފެނެއެވެ.

" އޯލެވެލްގައި ވަރަށް ރަނގަޅަށް ދަސްކުރެވިފައި ހުރީމާ ފަށައިގަތީ ވެސް ފަސޭހަކަމާއެކު. މުދައްރިސުން ވެސް ވަރަށް ރަނގަޅު މަސައްކަތް ކޮށްދިން. އެހެންވެ އޭ ލެވެލް ފެށި ދުވަސްވަރު އުނދަގުލެއް ނޫން. ގުރޭޑް 12ގައި ކިޔަވަން ފެށުމާއެކު އުނަދަގޫވާން ފެށީ" ލަޔާން ބުންޏެވެ.

ލަޔާން ބުނީ، 11ގެ ކިޔެވުން ފެށުމާއެކުހެން އޭ ލެވެލްއިން ވެސް އެއްވަނަ ހޯދިދާނެ ކަމުގެ އުއްމީދު އާވި ކަމަށާއި އެހެންވެ އެ ހިސާބުން އެއްވަނައަށް ޓާގެޓް ކޮށްގެން މަސައްކަތް ފެށި ކަމަށެވެ.

ލަޔާންއަށް ކިޔަވަން ފަސޭހައީ އެކަނިމާ އެކަންޏެވެ. ހުރިހާ ކުލާސްތަކަށް ބަރާބަރަށް ހާޒިރުވެ ފިލާވަޅުތައް މުދައްރިސުން ނަގައިދޭ ގަޑިއަށް ސަމާކުކަންދެއެވެ. އޭގެ ފަހުން ނޭނގޭ އެއްޗެއް އޮވެއްޖެނަމަ މުދައްރިސުންގެ ކައިރިން އަހައި އޮޅުންފިލުވައެވެ. ސުވާލުކުރެއެވެ. ލިބޭ ހުސްވަގުތުގައި ކުލާސްކުދިންނާއެކު ކިޔެވުމުގައި ސްކޫލުގައި ވަގުތު ހޭދަކުރެއެވެ. އެ ފުރުޞަތު ސްކޫލުން ވެސް ފަހިކޮށްދެއެވެ.

ލަޔާން ބުނީ، ޓެސްޓް ކައިރިވީމާ ހުރިހާ މާއްދާއަކުން ދަސްކުރަން ޖެހޭ ބައިތައް ފާހަގަކޮށްފައި، ތާވަލެއް އެކުލަވާލަނީއެވެ. ފިލާވަޅު ދަސްކުރުން ކުރިއަށް ދަނީ އިސްކަންދޭ ތަރުތީބުން އެ ތާވަލާ އެއްގޮތަށެވެ. އެގޮތަށް ހެދުމުން ފޯކަސް ނުގެއްލި ފިލާވަޅު ދަސްކުރަން ފަސޭހަވެއެވެ.

އޯ ލެވެލްއާއި އޭލެވެލްއަށް ކިޔެވިއިރު ލަޔާން ނުކުރާ ކަމަކީ ހޭލައި ހުރެގެން ފިލާވަޅު ދަސްކުރުމެވެ. ހަމަނިދި ނުލިބި ކުލާސްތަކަށް ހާޒިރުވުމަކީ އެއީ ކިޔެވުމަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. އިމްތިހާން ކުރިއަށްދާއިރު ވެސް ނިދި ހަމަކުރަން ލަޔާން އިސްކަންދެއެވެ. އޭގެ ސަބަބުން ކުލާސްތަކަށާއި އިމްތިޙާނަށް ދޭ ސަމާލުކަން އިތުރުވެއެވެ. ނަތީޖާއެއް ލިބޭނެ ކަމަށް އޮންނަ ޔަގީންކަން އިތުރުވެއެވެ.

ލަޔާން ބުނީ، ބައެއްފަހަރު މާއްދާއަކުން ދަށްވާފަހަރު ކުރިމަތިވާ ސްޓްރެސްއިން ދުރަށް ދިއުމަށް މަންމައާއި ބައްޕަ އަދި މާމަގެ ރޯލު މުހިންމު ކަމަށެވެ. އެފަދަ ކޮންމެ ކަމެއްގައި އެންމެ ކައިރީގައި އެ މީހުން ތިބޭ ކަމަށެވެ. އަދި އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުމަކީ ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.

" ބޭނުންވާ މާކްސް ނުލިބިގެން އެ ލިބޭ މާޔޫސްކަމުން އަރައިގަތުމަށް މަންމައާއި ބައްޕަ އަދި މާމަ އަބަދުވެސް ހިތްވަރުދޭނެ. ބައެއް ފަހަރު މާހައުލު ބަދަލުކޮށްލަން، ދުއްވާލަން ނޫނީ، މޫދަށް ދިއުން ފަދަ ކަންތައްތައް ރާވާނެ. އޭގެ ސަބަބުން އާ ފެށުމަކާއެކު ކިޔެވުމުގެ ތެރެއަށް ވަންނަން ހިތްވަރު ލިބޭ"

އޭލެވެލްއިން އެއްވަނަ ހޯދުމުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގައި މަތީ ތަޢުލީމަށް ކިޔަވަންދާން ލަޔާން ދަނީ ތައްޔާރުވަމުންނެވެ. ލަޔާން ބޭނުންވަނި އެކައުންޓެންޓަކަށް ވާށެވެ. އެކަމުގައި އޭނާ އަޅާ ފުރަތަމަ ބިންގަލެއްގެ ގޮތުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *