ވިލާ ހައި ސްކޫލުގެ ޒާހް: އޭ ލެވެލްއިން އެއްވަނަ ހޯދައި، ލަންޑަނުގެ އިމްޕީރިއަލް ކޮލެޖަށް 

ބައޮލޮޖިކަލް ސައިންސްގެ ދާއިރާއިން އާރުލާ ރިސަރޗް ތަކެއް ނެރުމަކީ އޭނާގެ ކުރިމަގު އުއްމީދު

ދުނިޔޭގެ މަޝްހޫރު ޔުނިވަރސިޓީއެއް ނޫނީ ކޮލެޖެއްގައި ކިޔެވުމަކީ ފާއިތުވި އަހަރު އޭ ލެވެލްއިން އެއްވަނަ ހޯދި އަޙްމަދު ޒާހް ވަދީފް ވަރަށް ކުރިންސުރެ ކުރަމުން އައި އުއްމީދެކެވެ. އެ އުއްމީދުގައި ކުލަޖައްސަން ވަކި އުޞޫލުތަކެއް އޭނާ ގެންގުޅުނެވެ. ކިޔެވުމަށް ވަކި ޓާގެޓްތަކެއް އޭނާ ކަނޑައެޅިއެވެ. ނަތީޖާއަކީ އޯ ލެވެލްއިން އެއްވަނަ ހޯދުމާ އެކު، ފާއިތުވި އަހަރު އޭލެވެލްއިން ވެސް އެއްވަނަ ހޯދައި، އިނގިރޭސިވިލާތުގެ ލަންޑަނުގެ އިމްޕީރިއަލް ކޮލެޖުންނާއި ޔުނިވަރސިޓީ އޮފް ކޮލެޖް ލަންޑަލުން ފުރުޞަތު ފަހިވުމެއެވެ. އޭގެ ތެރެއިން އޭނާ އިޚްތިޔާރު ކުރި އިމްޕީރިއަލް ކޮލެޖުގައި، ބައިލޮޖިކަލް ސައިންސްގެ ދާއިރާއިން އަންނަ ސެޕްޓެމްބަރު މަހު ކިޔަވަން ފަށާނެއެވެ.

ޒާހް، އޯ ލެވެލް ނިންމީ އަމީނިއްޔާ ސްކޫލުންނެވެ. އޭ ލެވެލް ނިންމީ ފާއިތުވި އަހަރު ވިލާ އިންޓަރނޭޝަންލް ހައި ސްކޫލުންނެވެ.

ޒާހް ބުނީ، އެންމެ ކުޑައިރުއްސުރެ ވެސް ސައިންސަށް ޝައުޤު ހުންނަ ކަމަށެވެ. ސައިންސާ ގުޅޭ ފޮތްތައް ކިޔުމާއި ސައިންސާ ގުޅުން ހުންނަ ކިޓްތައް ހޯދައިގެން ކުދިކުދި އެކްސްޕެރިންމެންޓްތައް ގޭގައި ހަދާ ކަމަށެވެ. އެހެންވެ އޭނާގެ ހިތުގައި ސައިންސްގެ ދާއިރާއަށް އޮތީ ޚާއްޞަ ލޯތްބެކެވެ.

ޒާހްއަކީ ވަކި ގޯލްތަކެއް ކަނަޑައަޅައިގެން ކިޔެވި ދަރިވަރެކެވެ. އެނާއަށް ކިޔވަން ފަސޭހައީ ހަމަހިމޭން މާހައުލުގައެވެ. އެހެންވެ ހަވީރުގެ ވަގުތުތަކާއި ރޭނގަނޑު ދަންވަރު ފިލާވަޅު ދަސްކުރުމާއި މުޠާލިޔާ ކުރުމުގައި ވަގުތު ހޭދަކުރެއެވެ.

 

"އަޅުގަނޑަކީ ވަރަށް ބޮޑަށް ގޯލް އޮރިއެންޓެޑް ކުއްޖެއް. ކޮންމެ ދުވަހަކަށް ވެސް ވަކި ގޯލްތަކެއް ސެޓްކޮށްފައި، އެ ގޯލްތަކަށް މަސައްކަތް ނިންމަން އަމާޒުހިފަނީ. ހަވީރުގެ ވަގުތުތަކާއި ދަންވަރު 12ން 2އަށް އެއީ އާންމުކޮށް ކިޔަވާގަޑި"

އެކަނި ކިޔަވަން ޒާހް ލޯބި ކުރި ނަމަވެސް ޓެސްޓް ކައިރިވީމާ ސްކޫލް ކެމްޕަސްގައްޔާއި ބައެއް ފަހަރު އެކުގައި އުޅޭ ކުއްޖެއްގެ ގެއަށް ގޮސް ގުރޫޕް ސްޓަޑީ ހަދައެވެ.

ޒާހް، އޯލެވެލްގައި ވެސް އޭލެވެލްގައި ވެސް، ހުރިހާ ކުލާހަކަށް ގަވާއިދުން ގޮސް، ޓީޗަރުން ކިޔައިދޭ ގަޑީގައި ކަނުލައި އަޑުއަހާ ކަމަށެއެވެ. ކިޔަވަނީ އަމިއްލައަށް ދިރާސާކޮށް ހޯދާ ބަލައިގެންނެވެ. ނޭނގޭ އެއްޗެއް އޮވެއްޖެނަމަ ޓީޗަރުން ކައިރިގައި އަހައި އޮޅުންފިލުވާ ކަމަށެވެ. އެހެންވެ އޭލެވެލްގައި ވެސް އޯލެވެލްގައި އޭނާއަށް ކާމިޔާބު ހޯދަން ފަސޭހަވި ކަމަށެވެ.

ޒާހް ބުނިގޮތުގައި، އޯ ލެވެލްއާ އަޅާބަލައިރު އޭ ލެވެލްގެ ކޮންޓެންޓް ވަރަށް ބޮޑެވެ. ކޮންމެ ޓްރޮޕިކެއްގައި ވެސް އެހާމެ ތަފްސީލްކޮށް ގެނެސްދީފައި ހުރެއެވެ. އިތުރު އެހީ ހޯދަން ކޮންމެ ވެސް ވަރަކަށް ޓިއުޝަން ނެގިނަމަވެސް، ގިނަ މާއްދާތައް ކިޔެވީ ޓިއުޝަނާ ނުލައެވެ. އަމިއްލައަށް ކިޔަވާ އިރު، ކޮންމެ ފިލާވަޅެއްގައި ވެސް ހިމެނޭ އެންމެ ކުދިކުދި ކަންތައް އަމިއްލައަށް ހޯދައި ބެލުން ވަރަށް މުހިންމެވެ. އޭގެ ސަބަބުން މައުލޫމާތު މުއްސަނދިވެ ކުރިއަށް ދިއުމަށް ފަސޭހަވެއެވެ.

" ޓީޗަރު ކިޔައިދިނީމާ އަމިއްލަ އަމިއްލައަށް ދިރާސާކޮށްގެން ހޯދާ ބެލުމަކީ ދަސްކުރަން ފަސޭހަ ގޮތެއް. އޯ ލެވެލްއާ އަޅާބަލާއިރު، އޭ ލެވެލްއިން ދަސްކޮށްދެނީ ވެސް އަމިއްލަށް ރިސަރޗްކޮށްގެން ކިޔަވަން" ޒާހް ބުންޏެވެ.

ޒާހް ބުނީ، އޭނާ ދެކޭގޮތުގައި އޯ ލެވެލްއަށް ފަހު އޭ ލެވެލް އަށް ދިއުން މުހިންމެވެ. އޭ ލެވެލްއަކީ ޔުނިވަރސިޓީ ތައުލީމަށް އަޅާ ފާލަމެކެވެ. އޭ ލެވެއިންއިން ޔުނިވަރސިޓީގެ މާހައުލަށް ލޯ ހުޅުވާލަދެއެވެ. " މަތީ ތަޢުލީމަށް ދާން ބޭނުންވާ ކޮންމެ ކުއްޖަކަށް ވެސް އޭލެވެލް މުހިންމު. އެއީ އަމިއްލައަށް ދިރާސާކޮށްގެން ކިޔެވުމުގެ ފެށުން. ޔުނިވަރސިޓީއަށް ދިއުމަށް އެޅޭ ފާލަމެއް" އޭ ލެވެލްގެ މުހިންމުކަން ޒާހް ކިޔައިދިނެވެ.

ޒާހް ބުނީ، އޯ ލެވެލްއާއި އޭ ލެވެލްގައި އޭނައަށް ހޯދުނު ކާމިޔާބީން އެހެން ކުދިންނަށް ދޭން އޮތްހާވެސް ނަސޭހަތަކީ މިއެވެ. " ސްކޫލާއި ސްކޫލުން ބޭރުގައި ވެސް އަދަބު އަޚްލާގުގެ ރީތި ސިފަތައް ގެންގުޅުން. މުދައްރިސުންނަށް ކަމޭހިތައި އިޚްތިރާމް އަދާކުރުން. އިތުރު ކުލާސްތައް ހިމެނޭހެން ހުރިހާ ކުލާހަކަށް ހާޒިރުވުން. މުދައްރިސް ކިޔަވައިދޭ ގަޑީގައި ކަނުލައި އަޑުއެހުން. ނޭނގޭ އެއްޗެއް އޮވެއްޖެނަމަ ޓީޗަރު ގާތުން ނަމަވެސް އޮޅުން ފިލުވުން. ނޭނގޭ ބައިތަކުން މުދައްރިސާ ސުވާލުކުރުން. ޔޫޓިއުބާއި އިންޓަރނެޓްގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެން އަމިއްލައަށް ރިސަރޗް ކުރުން"

ޒާޙް ބުނީ، އޭނާގެ ކިޔެވުމަށް މަންމަ ޚާއްޞަ އިސްކަމެއް ދިން އިރު، ބައްޕަގެ އަޅައިލުމާއި އެހީތެރިކަން ވަރަށް ބޮޑުކަމުގައެވެ. މާމައާއި ބޮޑު ބޭބެއިންނާއި ބޮޑުދައިތައިންގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބުނު ކަމަށެވެ. ކިޔެވުމުގައި އޭނާއަށް މަގު އަލިވީ އެ ފަރާތްތަކުން ދިން އެހީތެރިކަމާއި ރަނގަޅު ނަތީޖާއަކަށް އެދިގެން ކޮށްދިން ހެޔޮ ދުޢާ ކަމަށެވެ.

އަމީނިއްޔާ ސްކޫލުގައި ކިޔަވައިދެއްވި މުދައްރިސުންނާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށާއި މުދައްރިސުންނަށް ވެސް އޭނާގެ އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރެކެވެ. ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ރިސަރޗް ކުރުމުގެ ދާއިރާއަށް އޭނާގެ ލޯ ހުޅުވާލަދީ، އޭނާ ކިޔަވަން ބޭނުންވި ދާއިރާއިން ހިތްވަރަކަށް މިއަދުވީ، އެ ސްކޫލުން އޭނާއަށް އުގަންނައިދިން އެއްޗަކުންނެވެ. އަޅައިދިން ބިންގަލުންނެވެ. އެ ބިންގަލުގެ މަތީގައި އޭނާ އެދަނީ ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ މަތީ އެ ކޮލެޖްގައި ކިޔަވައި ރަނގަޅު ނަތީޖާއަކަށް އުއްމީދު ވެސް ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *