ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ކުރެހެމުގެ މުބާރާތެއް ބާއްވަނީ

ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ކުރެހުމުގެ މުބާރާތެއް ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ބުނީ ކުޑަކުދިންގެ މެދުގައި އިސްލާމީ އަހްލާގު އަށަގަންނުވައި އިސްލާމީ އަގީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުމުގެ މަގްޞަދުގައި ކަމަށެވެ. މި މުބާރާތުގައި ބައިވެރިކުރަނީ އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް ހުށަހަޅާ ކުރެހުންތަކެވެ.

ފަސްއަހަރާއި ތޭރަ އަހަރާ ދެމެދުގެ ކުދިންނަށް ހުޅުވާލައިގެން މި މުބާރާތް ކުރިއަށް ގެންދަނީ ތީމް ތަކަށް ބަހާލައިގެންނެވެ. ތީމުތަކެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ނަމާދު، މަންމަ އާއި ބައްޕަ އަދި ގެފުޅެވެ.

މި މުބާރާތަށް ހުށަހެޅޭ ކުރެހުންތައް ފަންނީ ބޭފުޅުންގެ ޓީމެއް މެދުވެރިކޮށް އިންސާފު ކޮށް ވަނަ ހޮވަން ވަނީ ނިންމާފައެވެ. އެންމެ މޮޅު ފަސް ކުރެހުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ލައިވް ކަވަރޭޖްގައި ދައްކާލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުރެހުމުގެ މި މުބާރާތުން އެއްވަނައަށް 1500 ރުފިޔާ، ދެވަނައަށް އެއްހާސް ރުފިޔާ އަދި ތިން ވަނައަށް 700 ރުފިޔާ ވަނީ ހުށަހަޅާފައެވެ. ހަތަރުވަނައަށް 500 ރުފިޔާ އަދި ފަސް ވަނައަށް 300ރުފިޔާ ވަނީ ހުށަހަޅާފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކުރެހުން ހުށަހަޅަންޖެހޭނީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4 ޖެހުމުގެ ކުރިން މެއިލް އެޑްރެހަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *