މިހާތަނަށް 4،000 އަށްވުރެ ގިނަ މުދައްރިސުންނަށް އޮންލައިން ޕްލެޓްފޯމްތަކަށް ޓްރެއިނިންގ ދީފި

ޔުނިސެފްގެ އެހީގައި މިހާތަނަށް 4 ހާހަށް ވުރެ ގިނަ މުދައްރިސުންނަށް އޮންލައިން ޕްލެޓްފޯމްތަކަށް އަހުލުވެރިވުމުގެ ގޮތުން ޓްރެއިނިންގ ދީފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 ގެ މިހާލަތުގައި މެދު ނުކެނޑި އޮންލައިން ޕްލެޓްފޯމްތަކުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވި ކަމަށާއި ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ބައެއް ދަރިވަރުންގެ އިތުރުން ބައެއް މުދައްރިސުން ޕްލެޓްފޯމްތަކަށް އަހުލުވެރި ނުވުން ކަމަށެވެ.
އެގޮތުން މައްސަލަ ހައްލުކުރުމުގެ ގޮތުން ޔުނިސެފްގެ އެހީގައި މުދައްރިސުން ގޫގަލް ކްލާސްރޫމަށް އަހުލުވެރި ކުރުވުމުގެ ގޮތުން ޓްރެއިނިންގތަކެއް ދެވިގެން ދިޔަކަމަށާއި ބައެއް ސްކޫލްތަކުގެ ހުރިހާ މުދައްރިސުންނަށް ވެސް މިގޮތަށް ތަމްރީނު ދެވިގެން ގޮސްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ މިކަން ފެށިގެން ދިޔައިރާ އަޅާބަލާއިރު މިހާތަނަށް ނުހަނު ގިނަ ކުރިއެރުންތަކެއް ސްކޫލްތަކަށް ލިބިގެންދިޔަކަމަށާއި އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ނާސްތާ ޕްރޮގްރާމެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކުރައްވަން ހުރި ބައެއް މަސައްކަތްތަކާ ބެހޭގޮތުން މިނިސްޓަރ ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 9 ހަބް ސްކޫލެއް ގާއިމް ކުރެއްވުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ދަރިވަރުންގެ ލިޓްރަސީއާއި ނިއުމަރެސީ ރަނގަޅުކޮށް ތަރައްގީ ކުރުމަށް ޕްރޮގްރާމްތަކެއް ހިންގަމުން ދާކަމަށާއި 2021 ވަނަ އަހަރުގެ ދިރާސީ އާއަހަރު ފަސްކުރެވިގެން ދިޔައީ ގިނަ ކަންތައްތަކަށް ބެލުމަށްފަހު ކަމަށެވެ.
އެހާ ގިނަ ދުވަހު ސްކޫލަށް ނުގޮސް ދަރިވަރުން ތިބުމުގެ ސަބަބުން ދަރިވަރުން ވަރަށް ގިނަ ކަންކަން ހަނދާން ނެތުމުގެ އިތުރަށް އޭގެ ސަބަބުން ފަހަތަށް ޖެހިގެން ދާކަމަށް ގަބޫލު ކުރެވޭކަމަށާއި ދަރިވަރަކު ސްކޫލަށް އަންނަ މިންވަރު އިތުރުވެ، ގިނަ ވާނަމަ އެކުއްޖަކަށް އިނގޭ މައުލޫމާތާއި ހުނަރު އިތުރުވެގެން ދާކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް ތެރޭގައި ކުދިންނަށް ކިޔަވައި ދެމުން ގެންދިޔައީ ކޮންޑެންސް ކަރިކިއުލަމްއަކަށް ކަމަށާއި އެގޮތުން ދަރިވަރުންނަށް ކިޔަވައިދީފައިވަނީ ހަމަ އެކަނި އެކުދިންނަށް ކޮންމެހެން ބޭނުންވާ މިންވަރަށް އެކަނިކަމަށާއި ގެއްލުނު ބައި އަލުން ދަރިވަރުންނަށް ކިޔަވައިދިނުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *