ކާރިސާތަކަށް ރައްކާތެރި ތަންތަނުގެ ގޮތުގައި ސްކޫލްތައް ކަނޑައެޅުން މުހިންމު: އެޑިއުކޭޝަން މިނިސްޓަރު

ކާރިސާތަކަށް ރައްކާތެރި ތަންތަނުގެ ގޮތުގައި ސްކޫލްތައް ކަނޑައެޅުން މުހިންމު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަމުންދާ "ސުނާމީ އެވެއާރނެސް ޑޭ" ނުވަތަ "ސުނާމީއަށް ހޭލުންތެރި ކުރުމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ޚިޠާބެއްގައެވެ.

އެކަމަނާ ވިދާޅުވީ ކާރިސާއެއްގެ ހާލަތުގައި ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތައް ނުވަތަ އިވެކުއޭޝަން ސެންޓަރުތަކުގެ ގޮތުގައި ބޭނުން ކުރެވޭ އެންމެ އެކަށޭނަ ތަންތަނަކީ ގިނަ ރަށްރަށުގައި ސްކޫލްތައްކަމަށެވެ. އެހެންވަނީ ކާރިސާތަކާއި ގުޅޭ މަޢުލޫމާތު އެންމެ ފުރަތަމަ ފޯރުކޮށްދެވޭ ތަންތަނަކީ ސްކޫލްތަކަށްވާތީ ކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ ކާރިސާތަކުން ސަލާމަތް ވުމަށްޓަކައި، އިމަރޖެންސީ އޮޕަރޭޝަން ޕްލޭންތައް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އެކުލަވާލައި، އެންޑޯސްކޮށް ތަންފީޒުކުރަމުން ގެންދާ ކަމަށާއި، ފަޔަރ ޑްރިލް އާއި އިވެކުއޭޝަން ޑްރިލްތައްކުރިއަށް ގެންދާ ކަމަށެވެ. ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަފްހޫމް ކަރިކިޔުލަމްގައި ހިމަނާ އެންޑީއެމް އާއި ގުޅިގެން ރާއްޖޭގެ އަތޮޅުތެރޭ ސްކޫލްތަކުގައި އިޖާބަ ދިނުމުގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް އެކަމަނާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވީ ސުނާމީ ކާރިސާގައި މާލެއާއި އަތޮޅުތެރޭގެ 28 ސްކޫލެއް ވަނީ ރައްކާތެރި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތަކެއްގެ ގޮތުގައި އޭރު ބޭނުންކޮށްފައި ކަމަށާއި، އެކި ގޮތްގޮތުން ސުނާމީގެ އަސަރު ކުރި ދަރިވަރުންގެ އަދަދު 25593 އެރި ކަމަށެވެ. އަދި ސްކޫލުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން 5437 ދަރިވަރުން ވަނީ ކިޔެވުމުން މަހުރޫމްވިއިރު، 1321 ދަރިވަރުންގެ ދިރިއުޅުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނެވެ.

2004ވަނަ އަހަރުގެ ސުނާމީގައި ރާއްޖެއިން 108 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 32 ކުދިން ހިމެނެއެވެ. އެކުދިންގެ އުމުރަކީ ތިން އަހަރާއި 15 އަހަރާ ދެމެދެވެ.
ސުނާމީއާ ގުޅިގެން ތައުލީމީދާއިރާއަށް 15.5 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވެއެވެ. ނުވަ ސްކޫލެއް ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތިވެ، 114 ސްކޫލަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *