ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާ

ޝަހީދުންގެ ލޭ ޖެހުމުން ބިންގަނޑު ސިހިގެން ދިޔައެވެ. ވެލިފުކަކަށް ފަހު ވެލިފުކެއް އެ ލެއިން ރަތްވެ ފޯވަމުން ދިޔައެވެ. ކޯރު ދެމެމުން ގޮސް އެ ލޭ ހިނދެންފެށިއިރު ކޮންމެ ވެލި ފުކެއް ވެސް ދިޔައީ ރޮމުންނެވެ. އެ ހިނދު ދިވެހި ފަސްގަނޑު ބުންޏެވެ. ދަރިންނޭވެއެވެ. ނުރޯށެވެ. އެ ބޭފުޅުންނަށް ޓަކައި އުފާކުރާށެވެ. އެ ބޭފުޅުން އެ ދައްކައިދިނީ ދީނާއި ޤައުމަށް އޮތް ލޯތްބެވެ. މި ޤައުމުގެ ޙައްޤުގައި ޤުރުބާންވެ، ފިދާވާން ކެރޭ ދަރިން އަދިވެސް ތިބިކަމެވެ. މި ޤައުމުގެ ރޫޙު މަރުނުވާކަމެވެ. މި ޤައުމުގެ ދަރިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙުގެ ވިންދު ޖަހާ ކަމެވެ. އެ ބޭފުޅުގެ ހަނދާނާއި ޒިކުރާ އާކޮށްދޭށެވެ.

1988 ނޮވެންބަރު 3 ވަނަ ދުވަހު ދުޝްމަނުން ދިން ނިރުބަވެރި ހަމަލާއާއި ހިތްދަތި އަސަރުގަދަ އެ ހާދިސާގެ މަތިން މި ޤައުމާއި މި ވަޠަނުގެ ދަރިން ހަނދާނެއް ނުނެތެއެވެ. މި ފަސްގަނޑުގެ އިޙްސާސާއި އާދޭސްތަކަށް ދިވެހީން އަބަދުވެސް އިޖާބަދެއެވެ. ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާއަކީ މީގެ ހެއްކެކެވެ. ދަލީލެކެވެ.

ފެންނަ ފެނުމަށް އެއީ ފާރުން ކަނޑާފައިވާ ނިކަން ބޮޑު ބާގަނޑެކެވެ. އެ ބާގަނޑުގެ އެތެރެއިން ފެންނަނީ ބިޔަ އައްޑަނައެކެވެ. ބިނާގެ ފުރިހަމަކަމާއި މާނަތައް ގުޅިފައިވަނީ ޖަހާފައިވާ ޝަރަފުވެރި ދިވެހި ޤައުމީ ދިދަތަކާއި ބިނާގައި ދައްކައިދީފައިވާ ފަރުމާތަކުން ރަމުޒުކުރެވޭ ގުޅިލާމެހިފައިވާ މާނައާއެވެ.

ބިނާގައިވާ އައްޑަނައިގެ މައިގަނޑު ފަރުމާއަކީ ދީނާއި ޤައުމަށް ޓަކައި ދުޝްމަނުންނާ ދެކޮޅަށް އެތައް ހަނގުރާމައެއް ކުރައްވައި ނަޞްރާއި ފަތަޙަ ހޯއްދަވާފައިވާ ހުރަވީ ދުވަހުގެ ޤައުމީ ބަޠަލު އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ގެ އައްޑަނަކޮޅު އަސްލަކަށް ބަލައިގެން ކޮށްފައިވާ ފަރުމާއެކެވެ. އެ އައްޑަނަ ރަމުޒުކޮށް ދެނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލުގެ ދިފާޢުގައި ނޮވެންބަރު ތިނެއްގައި ދިވެހި ސިފައިން ކޮށްފައިވާ މަތިވެރި ޖިހާދެވެ.

ފާރުން ކަނޑާފައިވާ ބާގަނޑަކީ ސިފައިންގެ މައި މަރުކަޒަށް ނިރުބަވެރިން ވަދެގަތުމަށް ޓަކައި ސިފައިންގެ ވަށާފާރުގެ ހުޅަނގު ދެކުނުކަން ގޮއްވާލައި، ފޫއަޅުވާލި ބާގަނޑުގެ ނަކަލެކެވެ. އެކަމަކު އަސްލު ބާގަނޑުގެ ސައިޒަށްވުރެ ބޮޑެވެ. އެ ބިނާގެ މަފްހޫމާއި އެ ބިނާ ހުރިތަކާ ވަނީ ގުޅިފައެވެ. ބިނާ އެހެރީ ތިނެއް ނޮވެންބަރުގައި ދުޝްމަނުން ސިފައިންގެ ބޭރު ފާރުގައި އެކްސްޕްލޯސިވް ބޭނުންކޮށްގެން ގޮއްވާލި ބާގަނޑުހުރި ތަނުގައެވެ.

ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައިވާ ބާގަނޑުން ބުނެދެނީ ދުޝްމަނުން ދިން ވަރުގަދަ ޙަމަލާ ތަކުން ސިފައިންގެ މައި މަރުކަޒުގެ ފާރު އެ ދުވަހު ފޫއަޅުވާ ލެވުނަސް، ދިވެހި ސިފައިންގެ ޢަޒުމަށް ކުޑަ ނަމަވެސް ގުޑުމެއް އަރުވާ ނުލެވުނު ކަމެވެ. ދިވެހި އަސްކަރިއްޔާގެ މައި މަރުކަޒު ވަށައިގެން ލެވިފައިވާ ބޯ ފާރަކީ މާއްދީ ދިފާޢެއް ކަމާއި އެ މާއްދީ ދިފާޢުގައި ބާގަނޑެއް ހައްދާލެވުނަސް ދުޝްމަނުންނަށް ދިވެހި ސިފައިންގެ ރޫޙާނީ އަޤީދާ އެ ދުވަހު ފޫއަޅުވާލެވިފައި ނުވާކަމެވެ. އެ ދުވަހު ދުޝްމިނުން ބަލިވެ ދިވެހީންނަށް ނަޞްރު ލިބިގެން ދިޔަ މައިގަނޑު ސަބަބަކީ އެއީއެވެ.

އައްޑަނައިގެ ވަށައިގެންވާ ފެހިކުލައިގެ ބުރުގައިވާ ލިޔުމުގައި ވަނީ މާތްﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ ޝަހީދުންނަށް ހުރި މަތިވެރި ދަރުމައިގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ އާޔަތާއި އެ އާޔަތުގެ ދިވެހި ތަރުޖަމާއެވެ. އެއީ އާލްޢިމްރާން ސޫރަތުގެ 169 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ވެއެވެ. "اللَّه ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށިކަމެވެ! އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ރިޒުޤުލިބޭ ހާލު، ދިރިތިބި ބަޔެކެވެ."

އައްޑަނައިގެ ވަށައިގެންވާ ފެހި ބުރުގައިވާ ލިޔުންތަކުން ރަމްޒުކޮށް ދެނީ ދިވެހި ސިފައިންނަކީ އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބި ބައެއްކަމެވެ. ދިވެހި ސިފައިންނަކީ ދީނާއި ޤައުމަށް ޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވެސް ވުމަށް އަބަދުވެސް ތައްޔާރަށް ތިބި ބައެއްކަމެވެ. ނޮވެންބަރު ތިނެއްގައި ދިވެހި ސިފައިން އެކަން ސާބިތުކޮށްދިންކަމެވެ.

ބިނާގައި މައުންޓްކޮށްފައި ހުންނަ ޤައުމީ ދިދައިގެ އަށް ދިދައިން ރަމުޒުކޮށް ދެނީ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ދިވެހި ސިފައިންގެ ހިތްވަރުގަދަ އަށް ބޭފުޅުންނެވެ. އެ ދިދަތަކުގެ ދިދަ ދަނޑިތައް ފެންނަނީ ކުރީ ޒަމާނުގައި ހަނގުރާމައިގައި ދިވެހި ކާބަފައިން ބޭނުންކުރި ސިލޭހަތަކެއްގެ ގޮތުގައެވެ. ދިދަ ތަކުގެ ބިއްދޮށު ފާރުން ވަރަށް ރީތި ދިހަ ތަނބު ފެނެއެވެ. އެ ތަނބުތައް ފެންނަނީ މާލޭ ހުކުރު މިސްކިތާއި ރާއްޖޭގެ އެހެން ބައެއް އާސާރީ މިސްކިތްތަކުން ފެންނަ ތަނބުތަކުގެ ފަރުމާއާ އެއްގޮތަށެވެ. އެ ތަނބުތައް މާނަކޮށް ދެނީ ތިނެއް ނޮވެންބަރުގައި ދިވެހީން މި ލޮބުވެތި ވަޠަނުގެ މިނިވަންކަމަށް ޓަކައި ދައްކައިދިން އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. ކޮންމެ ދެ ތަނބެއްގެ ދޭތެރޭގައި އެލުވާލެވިފައިވާ ގޮތަށް ފެންނަ އަށް މާބޮނޑި ނުވަތަ ރިތު ރަމްޒުކޮށް ދެނީ މި ވަޠަންގެ ޙައްޤުގައި ފިދާވެ ދިޔަ ޝަހީދުންގެ މަތިވެރި ޤުރުބާނީއާއި ހިތްވަރާއި ޢަޒުމުގެ ޒިކުރާއެވެ.

ތިނެއް ނޮވެންބަރުގެ ޢުދުވާނީ ޙަމަލާގައި ދުޝްމިނުން ވަނީ ދިވެހީންގެ ތެރެއިން 19 ބޭފުޅުން ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި ހިމެނެނީ ދިވެހި ސިފައިންގެ އަށް ބޭފުޅުންނާއި އާންމު ރައްޔިތުންގެ ތެރެއިން 11 ބޭފުޅުންނެވެ. މި ބިނާގައި އެ ހުރިހާ ބޭފުޅުންގެ ނަންފުޅުތަކާއި ބިނާއާ ބެހޭ ކުރު ތަޢާރަފެއް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔެފައިވާ ދެ ގައު ބާއްވާފައިވެއެވެ.
ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާއަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ތިންވަނަ ދުވަހު ދިވެހިރާއްޖެއަށް ދުޝްމަނުންގެ ބަޔަކު ދިން ޢުދުވާނީ ޙަމަލާގައި އިސްލާމްދީނާއި މި ލޮބުވެތި ވަޠަންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލުގެ ދިފާޢުގައި ދިވެހި ދަރީން ކޮށްފައިވާ މަތިވެރި ޖިހާދާއި، ވެފައިވާ އަގުނުކުރެވޭފަދަ ޤުރުބާނީގެ ޒިކުރާ އާކުރުމަށް 2012 ވަނަ އަހަރު ދިވެހި ސިފައިން ހެދި ބިނާއެކެވެ. މި ބިނާ ފަރުމާ ކުރެއްވީ އެމްއެންޑީއެފްގެ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމެވެ. މާނަފުން އަދި އެހާ ރީތި، ފެއްސާއި ރަތާއި ހުދުކުލަ ފެނިގެންދާ މި ބިނާގެ އާކިޓެކްޗަރަކީ ކެޕްޓަން މުޙައްމަދު ޝިފާޢުއެވެ. ބިނާ ހެދުމަށް ކުރި މަސައްކަތުގެ ޕްރޮޖެކްޓް މެނޭޖަރަކީ ވޮރަންޓް އޮފިސަރ3 އައިމިނަތު ޢަލީ އެވެ. މި ބިނާ އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި 2012 ނޮވެންބަރު 2ވަނަ ދުވަހުގެރޭ ސަލްޓަންޕާކް ކުރިމަތީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަނެވެ.
އޭގެފަހުން އައި ދިވެހިރާއްޖޭގެ ކޮންމެ ނަޞްރުގެ ދުވަހަކު އެ ބިނާގައި އަންނަނީ ދިދަ މައުންޓް ކުރުމުގެ ޚާއްޞަ ރަސް މިއްޔާތެއް ބާއްވަމުންނެވެ. ސިފައިންގެ ރަސްމީ ޢިއްޒަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ އާއި ގާޑު މައުންޓް ކުރެވެއެވެ. ޝަހީދުގެ ޝަރަފުގައި ހަތް ބަޑީގެ ސަލާމެއް އެރުވެއެވެ. ތިނެއް ނޮވެންބަރުގެ ޝަހީދުންގެ ހަނދާނާއި ޤުރުބާނީއާއި ޝަރަފަށް ޓަކައި ރަސްމިއްޔާތުގެ ހުރިހާ ބައިވެރިން ވެސް މަޑުމަޑުން އިސްޖަހާލައެވެ. ސުކޫތުގެ ވަގުތުކޮޅެއް ގެނެއެވެ. އެ ހިނދު އެ ވެރިވާ ހަމަ ހިމޭން ކަމުގައި މި ލޮބުވެތި ވަޠަނުގެ ފަސްގަނޑު ބުނާ ކަހަލައެވެ. ދަރީންނޭވެއެވެ. އެ ޝަހީދުންގެ ހިތްވަރުން ހިތްވަރު ލިބިގަންނާށެވެ. އެ ބޭފުޅުން ނަމޫނާއަކަށް ބަލާށެވެ. އެ ބޭފުޅުންގެ ހަނދާނާއި ޒިކުރާ އާކުރާށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *