ޝަޠުރަތު ޝާކިރު (ޝަތޫ މިސް)
ކޮންމެ ކުއްޖަކުވެސް ފުރާވަރަށް އެރުމުގެ ކުރިން ކިޔައިދޭންޖެހޭ ކަންތައްތަކެއް ވެއެވެ. ހަމަ މިމޭރުމުން އޯޓިޒަމް ހުންނަ ކުދިންނަށް ވެސް ފަހުމްވާނެ ގޮތަކަށް ނަފްސާނީގޮތުންނާއި ޖިސްމާނީ ގޮތުން މި ޙާލަތަށް ތައްޔާރުކުރުން މުހިންމެވެ. މިއީ ވަރަށް ގިނަ ބަދަލުތަކެއް ކުދިންގެ ހެދިބޮޑުވުމަށާއި ހަށިގަނޑަށް އަންނަ ދުވަސްކޮޅެއް ކަމުގައިވާތީ، މި ބަދަލުތަކުގެ ސަބަބުން ކުދިންގެ އުޅުމަށްވެސް އަސަރުކުރެއެވެ. މިގޮތުން އެންމެރަނގަޅަށް މި ބަދަލުތައް އެނގި ތައްޔާރުނުވެވޭނަމަ، ކުދިންގެ އުޅުމުންވެސް ޢާންމުކޮށް ނުފެންނަ ކަހަލަ ބިހޭވިއަރ ފެންނަކަމަށް ދިރާސާތަކުން ދައްކައެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލައަށް ޕްލޭންކުރުމާއި، އޮގަނައިޒްކުރުން، އިސްނަގައި އެކަމެއް ކުރުން، ނުވަތަ އަންނަ ބަދަލުތައް ފަސޭހައިން ބަލައިގަތުމުގެ ދަތިތައް އަމިއްލަ ސިކުނޑިން ރާވައި ކުރަން (އެގްޒެކްޓިވް ފަންކްޝަނިންގ) އެހެންކުދިންނަށްވުރެ އޯޓިޒަމް ހުންނަ ކުދިންނަށް އުނދަގުލެވެ. މިހެންކަމުން ފުރާވަރަށް އެރުމާއިއެކު އަމިއްލަ ޒިންމާތަކުގެ ތެރެއިން އަމިއްލަ ހަށިގަނޑު ސާފުތާހިރު ކުރުމާއި، އަންނަ ބަދަލުތަކާއި އެއްގޮތަށް އަމަލުކުރާނެ ގޮތްތައް އަމިއްލައަށް ރޭވުމާއި، އިޙްސާސްތަކާއި ކަންބޮޑުވާ ގިނަކަންތައްތައް ދިމާވާ ވަގުތުތަކުގައި ސިކުނޑިން ކަންތައްތައް އެކުލަވާލައި އެއަށް ޢަމަލުކުރަން އަޅުގަނޑުމެންގެ ކުދިން ތައްޔާރުކުރަން ޖެހެއެވެ.މިހެންކަމުން މި ކަންތައްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އަމިއްލަ ޝެޑިއުލް ހެދުމަށް ބާރުއެޅުމާއި، އެއާއި އެއްގޮތަށް މަސައްކަތްކުރުމަށް ދުރާލައި ބާރުއެޅިދާނެއެވެ.ވަކި ބައްޓަމަކަށް ކަންތައްތައް ކުރުމަށް ދަސްކޮށްދިނުމުން ގިނަކަންތައްތައް ކުރަން މިކުދިންނަށް ވަރަށް ފަސޭހައެވެ.އަމިއްލަ މިނިވަންކަމާއިއެކު ކަންތައްތައް ކުރަން މަގުފަހިވެއެވެ. މިއީ ފުރާވަރަށް އެރުމަށްފަހު ގިނަކުދިން ބޭނުންވާ ކަމެކެވެ. ކުއްލިއަކަށް އަންނަ ބަދަލުތަކަށް އަބަދު ކުދިން ހޭލުންތެރިކުރަން އުނދަގޫވާނެއެވެ. އަދި ޢުމުރުން މައްޗަށްދާވަރަކަށް މި ބަދަލުތައް ކިޔައިދޭން އަބަދަކު ބޮޑެތި މީހުން ނުތިބޭނެއެވެ. އެހެނަސް ކުއްލިއަކަށް ބަދަލެއް އަތުވެއްޖެ ޙާލަތެއްގައި އަބަދުވެސް 'ކޯޕް' ކުރުމުގެ ގޮތުން ކުރާނެ ކަމެއް ނުވަތަ ކަންތައްތައް ދަސްކޮށްދެވިދާނެއެވެ.

ވަރަށް ގިނަ ފަހަރަށް އޯޓިޒަމް ހުންނަކުދިންނަށް އަމިއްލަ ކަންތައްތައް އަމިއްލައަށް ކުރުމަށް ހިތްވަރު ދިނުމުގެ ބަދަލުގައި ކުދިން ބޮޑެތިވާއިރުވެސް އަޅުގަނޑުމެން ބޮޑެތި މީހުން އެކަންތައްތައް ކޮށްދޭތަން ފެނެއެެވެ. މީގެތެރޭގައި ތަށިދޮވުން، ކާ އެއްޗެހި ތައްޓަން އެޅުން، ދަތް އުނގުުޅުން، ފެންވެރުން، ފާޚާނާކޮށް ސާފުތާހިރުވުން،ހެދުން ލުން ފަދަ އެންމެ އަސާސީ ކަންތައްތައް ކުރުމަށްވެސް ކޮންމެވެސް ބޮޑުމީހަކަށް ބުރަވާން ޖެހެއެވެ. މިއީ ކުދިން އެކަނި އުޅުމަށް ދަސްކޮށްދިނުން ކޮންމެހެންވެސް މުހިންމު ހުނަރުތަކެވެެ. މި ހުނަރުތައް ތަރައްޤީކުރުމަށް އެކި ކުދިންގެ އެކިވަރަށް ދުވަސް ހޭދަވެދާނެއެވެ.އެއީ މައްސަލައެއް ނޫނެވެ.

ދެންއޮތީ ސެންސަރީ މައްސަލަތަކުގެ ވާހަކައެވެ. މިއީ ޙަޤީގީ ވާހަކައެކެވެ. މި ކަންތައްތަކާއި އަޅުގަނޑުމެން ކުދިން ކުރިމަތިލާ ކޯޕްކުރާނެ ގޮތްތަކެއް (އެ ކުއްޖަކަށް ފަސޭހަގޮތެއް) ހޯދަން އެބަޖެހެއެވެ. މިއީ އެންމެ ޅަފަތުން ފެށިގެން ޕްރެކްޓިސްކޮށްގެން ނޫނީ ދަސްވާނެ ކަންތައްތަކެއް ނޫނެވެ.އަޑުގަދަތަންތަނުގައި ކަންތައްތައް ކުރާނެ ގޮތާއި، ގައި ހިރުވާ ހެދުމެއް ލާންޖެހުމުން ކަންތައްތައް ކުރާނެ 'އޯލްޓަނޭޓިވް' ގޮތްތަކެއް ޕްރެކްޓިސް ކޮށްގެންނޫނީ އެކަނި ދިރިއުޅުމަކަށް އަޅުގަނޑުމެން ކުދިން ތައްޔާރުނުކުރެވޭނެއެވެ. މިކަންތައްތައް ކުރެވޭނީ ކެތްތެރިކަމާއިއެކު ގިނަ ދުވަހުންނެވެ. މިއީ ކޮންމެ ބެލެނިވެރިއަކަށް ކުރަން ފަސޭހަކަމަށްވެސް ނުވެދާނެއެވެ.
މި ފުރުސަތުގައި 'ގިވްއަޕް' ނުކޮށް ހިތްވަރާއިއެކު މަސައްކަތްކުރަމުންދާ އެންމެހާ ލޮބުވެތި ބެލެނިވެރިންނަށް ފަށްފަށުން ޝުކުރުދަންނަވަމެވެ. އަޅުގަނޑުމެން ގުޅިގެން މި ކުރާމަސައްކަތުގައި މާތްﷲ ބަރަކާތްލައްވައި އަޅުގަނޑުމެންގެ އުނދަގޫތައް ފަސޭހަކޮށްދެއްވާށިއެވެ. އާމީން!
advertisment
ހިޔާލު