ސްޕީޑް ފެރީއާއެކު، ދަތުރު ކުރުވެ، ފެހެންދޫ ސްކޫލްގެ ދަރިވަރުންނަށް ރައްކާތެރިކަން

ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ކަނޑުހުރަސްކޮށްފައި ސްކޫލަށް ދިއުމަކީ ފަސޭހަ ކަމެއް ނޫނެވެ. ބ. އަތޮޅު ފެހެންދޫ ސްކޫލްގެ ދަރިވަރުން އެ ދަތުރު ކުރާތާ އެތަކެއް އަހަރު ވެއްޖެއެވެ. ސްކޫލެއް ހިންގޭ ވަރަށް ކުދިން ނެތުމާއެކު ފެހެންދޫގެ ކުދިން ދަނީ އެރަށާ އެއް ފަޅެއްގައި އޮތް ގޮއިދޫ ސްކޫލަށެވެ.

ހެޔޮއެދޭ ފަރާތަކުން ހަދިޔާކުރި އަށާރަ ފޫޓްގެ ޑިންގީގައި، ކުރަމުން ދިޔަ ދަތުރުތަކަށް ނިމުން އައީ މިއަދުއެވެ. އިންޑިޔާ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު ދިން ސްޕީޑް ލާންޗްގެ ދަތުރުތައް ފެށީ މިއަދުއެވެ. ކުރިން ދުވާލަކު ކުރަމުން އައި ހަތަރު ދަތުރު ދެ ދަތުރަށް މިއަދު ވަނީ މަދުވެފައެވެ. ދިހަ މިނިޓުން ކުރި ދަތުރު އެންމެ ތިން މިނިޓަށް ކުރުވެއްޖެއެވެ. ވިއްސާ ލޮނާއި، ވެހޭހާ ވާރެއަކާއި ދޭހާ އައްވެއްގައި އެކުދިން ކުރި ހިތްދަތި ދަތުރުގެ ހަނދާންތައް މާޒީއާއެކުވީއެވެ.

" މިއަދު އަޅުގަނޑުމެންނަށް ކަށަވަރުކޮށް މިދެވުނީ ފެހެންދޫ ސްކޫލް ދަރިވަރުންގެ ރައްކާތެރިކަން" ޒަމާނީ ފެރީގެ ޚިދުމަތް ފެށުމާއެކު ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުޙަންމަދު ނިޒާމް ވިދާޅުވިއެވެ.
ނިޒާމް ވިދާޅުވީ ހުރިހާ ކުދިންގެ މޫނުމަތިން މިއަދު ފެނުނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ.

" ހުރިހާ ކުދިންގެ މޫނުމަތިން ފެނުނީ އުފާވެރިކަން. އެއީ ދުވަހަކުވެސް އެކުދިންގެ ފަރާތުން ފެނުނު މަންޒަރެއްނޫން" ދަރިވަރު ނޫހާ ވާހަކަ ދައްކަވަމުން ނިޒާމް ވިދާޅުވިއެވެ.
ނިޒާމް ވިދާޅުވީ މިއަދުވެސް ފެހެންދޫއިން 30 ކުއްޖަކު ކިޔަވަން ދިޔަ ކަމަށާއި، އޭގެ ތެރޭގައި އެހެން ރަށްރަށުގައި ކިޔަވަމުންދާ ތިން ކުއްޖަކުވެސް ހިމެނޭ ކަމަށެވެ.
" ކޮވިޑާ ގުޅިގެން، އެކުއްޖަކު ހުރި ތަނަކުން ކިޔެވޭނެ އިންތިޒާމް ހަމަޖައްސާފައި ވަނީ ތިން ކުއްޖަކަށް ފުރުޞަތު ދީފައި ވަނީ" ނިޒާމް ވިދާޅުވިއެވެ.

ނިޒާމް ވިދާޅުވީ ސްޕީޑް ފެރީގެ ޚިދުމަތް ދިނުން ލަސްވީ ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންދާތީ އެރަށަށް ވެދެނުކުމެވޭނެ އިންތިޒާމެއް ހަމަނުޖެހިގެންނެވެ. މިއަދު ދަތުރުތައް ފެށީ ފެހެންދޫ ބަނދަރުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން އެ އިންތިޒާމް ހަމަޖައްސައި ދިނުމުންނެވެ.
ފެހެންދޫގެ ދަރިވަރުންނަށް ރައްކާތެރިކަމާއި އެކު ދަތުރު ކުރުމަށް ސްޓޫޑެންޓް ފެރީ ހިދުމަތަކީ 2019 ވަނަ އަހަރުގެ މާޗް މަހު އިންޑިއާގެ ސޯޝަލް އިކޮނޮމިކް ޕްރޮޖެކްޓްސްގެ ދަށުން ފެށި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަށް 2.5 މިލިއަން ރުފިޔާގެ ޚަރަދުވެފައިވެއެވެ.

ފެހެންދޫ ސްކޫލު ކުދިން ދަތުރު ކުރުމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ސަރުކާރުން ފެށްޓެވި މި މަސައްކަތުގެ ދަށުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ބަނދެފައިވާ ސްޓޫޑެންޓް ފެރީއަކީ އެންމެ ފަހުގެ ޒަމާނީ ފެންވަރަށް ބަންދެފައިވާ 30 މީހުންގެ ޖާގައިގެ ލޯންޗެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *