ގްރޭޑު 1 އަށް ވައްދާނީ، ޑިސެމްބަރު މަހުގެ ނިޔަލަށް ހަތް އަހަރު ފުރިފައިވާ ކުދިން: އެޑިއުކޭޝަން

އަންނަ އަހަރު ގްރޭޑު އެކަކަށް ވައްދާނީ، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ހަތް އަހަރު ފުރިފައިވާ ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.

އަންނަ އަހަރު ސްކޫލްތަކަށް ކުދިން ވެއްދުމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި އުޞޫލުގައިވާ ގޮތުން ގުރޭޑް އެކަކަށް ވައްދާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް ހަތް އަހަރު ފުރިފައިވާ ކުދިންނެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ޕްރީ ސްކޫލު ނިންމައި އަދި ނިމިގެން ދިޔަ އަހަރު ޔޫކޭޖީ ނުވަތަ އެ ފެންވަރުގެ ޕްރޮގްރާމެއް ފުރިހަމަކޮށް، އެ މަރުހަލާގައި ހާސިލްކުރަންޖެހޭ މިންވަރަށް ތައުލީމާއި ތަރުބިއްޔަތާއި ހުނަރު ލިބިފައިވާ ދަރިވަރުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި އުޞޫލުގައިވާ ގޮތުން ކޮވިޑާގުޅިގެން އަންނަ އަހަރުގެ ދިރާސީ އަހަރު އޮގަސްޓް 10 ވަނަ ފަށާއިރު، އެލްކޭޖީއަށް ކުދިން ވައްދާނީ އޮގަސްޓް އެއްވަނަ ދުވަހާ ހަމައަށް ހަތަރު އަހަރު ނުފުރޭ ކުދިންނެވެ.

އަންނަ އަހަރުގެ މާރޗް މަހުގެ31 ވަނަ ދުވަހާ ހަމައަށް ޖޫކޭޖީ ފުރިހަމަކޮށް، އުމުރުން ހަތް އަހަރު ފުރޭ ދަރިވަރުންނަށް ބެލެނިވެރިޔާ ބޭނުން ނަމަ އެ ދަރިވަރަކަށް ގްރޭޑު 1 ން ޖާގަ ލިބޭނެ ކަމަށްވެސް އެ އުޞޫލުގައި ބުނެފައިވެއެވެ. އެލްކޭޖީގައި އަންނަ އަހަރުގެ ޑިސެމްބަރު 31، އާ ހަމައަށް ހަތް އަހަރު ފުރޭ ދަރިވަރުން ތިބިނަމަ ދަރިވަރުގެ ބެލެނިވެރިޔާއާއި ސްކޫލާ މަޝްވަރާކުރުމަށްފަހު އެ ފަދަ ދަރިވަރުންނަށް ވެސް ގްރޭޑު 1 އިން ޖާގަ ހަމަޖެހޭނެ ކަމަށް ބުނެފައިވެއެވެ. މި ހާލަތުގައި ކުއްޖާ ސްކޫލަށް ވެއްދި ނަމަވެސް، އެފަދަ ދަރިވަރުން ގްރޭޑު 1 އަށް ގެންދިއުމަށްޓަކައި ސްކޫލުން ހާއްސަ ޕްރޮގްރާމެއް ހިންގަން ވަނީ ސްކޫލްތަކަށް ލާޒިމްކޮށްފައެވެ.

މާލޭގެ ސްކޫލްތަކަށް ކުދިން ވެއްދުމަށް ޚާއްޞަ ޕޯޓަލްއެއް ތަޢާރަފުކޮށްފައިވާއިރު، ގުރޭޑު 1 އަށް ވަންނަން އެދޭ ކުއްޖާއަށް ޔޫކޭޖީ މަރުހަލާގައި ކިޔަވައިދިން ޓީޗަރުގެ ފަރާތުން ނުވަތަ އެ ކުއްޖާ ކިޔެވި ޕްރީސްކޫލުން އެއީ ގްރޭޑު 1 ގެ ކިޔެވުން ކުރިއަށް ގެންދިއުމުގެ ގާބިލްކަން ހުރި ދަރިވަރެއްކަން ބަޔާންކުރާ ލިޔުމެއް، ވައްދަން އެދޭ ސްކޫލަށް ހުށަހަޅަންޖެހެއެވެ. މާލޭގައި ނަމަ މި ލިޔުން ހުށަހަޅަންޖެހޭނީ އެޑިއުކޭޝަން މިނިސްޓްރީ އަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *