އޮންލައިން ޕޯޓަލް މެދުވެރިކޮށް، މާލޭ ސްކޫލްތަކަށް ކުދިން ވެއްދުމާއި ސްކޫލް ބަދަލު ކުރެވޭ ގޮތް ހަދައިފި

އޮންލައިން ޕޯޓަލް މެދުވެރިކޮށް، މާލޭ ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި ސްކޫލް ބަދަލު ކުރެވޭ ގޮތް ހަދައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިކަމަށް ޚާއްޞަ ވެބްޕޯޓަލްއެއް އިފްތިތާހުކޮށްފައެވެ. މި ޕޯޓް މެދުވެރިކޮށް، މާލޭގެ ސްކޫލްތަކަށް ކުދިން ވައްދަން ހުށަހަޅަންޖެހޭ ފޯމްތައް ހުށަހެޅުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރަން ފޯމް ހުށަހެޅޭ ގޮތް ވަނީ ހަމަޖައްސާފައެވެ. އަދި ފޯމާއެކު އިތުރު ލިޔުންތައްވެސް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

މި އޮންލައިން ޕޯޓަލްއާއެކު ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަރުހަލާތަކުގައި ބެލެނިވެރިން މިނިސްޓްރީއަށާއި، ސްކޫލްތަކަށް އަންނަން ނުޖެހި ފަސޭހަ ކަމާއެކު ސްކޫލަށް ވެއްދުމުގެ ކަންކަން ކުރެވޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑާ ގުޅިގެން މި އަހަރުގެ ކިޔެވުން އަންނަ އަހަރުގެ މެދުތެއަށް ދަންމާލާފައިވާއިރު، އަންނަ އަހަރު ގުރޭޑް އެކަކަށް ކުދިން ވެއްދުމާގުޅޭ އިންތިޒާމްތަކެއް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ހަމަޖައްސަމުންނެވެ. މިހާތަނަށް އެކަމުގެ ތަފުޞީލެއް އެ މިނިސްޓްރީން ދީފައިނުވެއެވެ.

ކޮވިޑާ ގުޅިގެން ފެބުރުވަރީއަށްފަހު، ގުރޭޑް ހަޔަކުން ދަށުގެ ކުދިންނަށް ސްކޫލްގައި ކިޔަވައި ނުދޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ގުރޭޑް 7ން މަތީގެ ކުދިންނަށް ސްކޫލްތައް ހުޅުވާލާފައިވާއިރު، ފުރަތަމަ ޓާމުގެ ކިޔެވުން ޑިސެމްބަރު 3 ގައި ނިމި، ދެވަނަ ޓާމުގެ ކިޔެވުން ޖެނުއަރީ 10ގައި ފަށަން ވަނީ ތާވަލު ކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *