ވަގުތުން ގަހަނާ ހަދައިދޭން ޓޫރިސްޓުންނަށް ޚާއްޞަ ހަރަކާތެއް އަންނަނީ މަހަކު އެއްފަހަރު ބާއްވަމުން
މަންމަ ހޯދައިދިން މަސައްކަތު އާލާތްތަކާއި ތަކެތި ހުއްޓަސް ގަހަނާ ހެދުމަކީ އދ. ދަނގެތީ ސްކޫލުގެ ގުރޭޑް 9ގައި ކިޔަވަމުންދާ ހައްވާ ނީޝާން ފައިސަލް އެއްގޮތަކަށް ވެސް ކުރާހިތްވި ކަމެއް ނޫނެވެ. އަދި އެއީ ކުރަން ބޭނުންވި ކަމެއް ވެސް ނޫނެވެ. މާލެ ދިޔަ ފަހަރެއްގައި، އޯކިޑްމަގުގައި ހުންނަ އޮތެޓިކް މޯލްޑިވްސް ޝޯރރޫމަށް މަންމައާއެކު ނީޝާން ވަނީ ވެސް ޝަޢުޤުވެރިކަމެއް ހުރެގެން ނޫނެވެ. އެތަނަށް ވަނީ، އެތަނުގައި ހުރީ ކޮންއެއްޗެއްތޯއާއި ދިވެހި އުފެއްދުންތައް ބަލައިލުމުގެ ބޭނުމުގައެވ ނީޝާން އަށް އެތަނުން ފެނުނީ ދިވެހި އެތައް ޒުވާނުންގެ ޚިޔާލުން ކޮށަމަށައިގެން އުފަންކުރުވި އުއްމީދީ ބްރޭންޑް ތަކުގެ ދިވެހި އުފެއްދުންތަކެވެ. ހިތް ނޭދުނަސް ދިވެހި ފަންނާނުންގެ އެކި އުފެއްދުންތަކުން މުއްސަނދިކޮށްފައި އޮތް އެ ފިހާރާއިން ނީޝާން ނުކުތީ ދެ ކަފިވެފައި އޮތް ޚިޔާލެއްގެ ތެރެއިންނެވެ.
މަންމަ ހޯދައިދިން ސާމާނުގެ ބޭނުން، ލިބޭ ހުސްވަގުތުގައި ނީޝާން ހިފަން ފެށިއެވެ. އަޖުމަ ބެލުމުގެ ގޮތުން ހާރުފަދަ ތަކެތި ހަދަން ފެށިއެވެ. އޭރު އެކަން ކުރީ ވިކިދާނެ ކަމަށް ބަލައިގެންނޫނެވެ. ހުސްވަގުތު ފުރާލަން ފެށި ކަމެއްގެ ގޮތުންނެވެ.
" ފުރަތަމަ ހެދީ ބޮލިކަހަލަ އެއްޗެހި ބޭނުން ކޮށްގެން ކަރުގައި އަޅާ ފަށެއް. އޭގެ ފަހުން ހެދި އަތުގައި ކެވެލި ކޮޅެއް" ނީޝާން ހެދި ހާރާއި ކެވެލިކޮޅު ވިކެން ދުވެސް ކޮޅެއް ނެގިއެވެ.

" ގެސްޓްހައުސްގެ ރެސްޓޯރަންޓް ތެރޭގައި ހުންނާތީ އެތަނުގައި ޑިސްޕްލޭ ކުރީމާ އެ ނުއެއް ފެނޭ ޓޫރިސްޓުންނަށް، ފަހުން ފްރޮންޓް އޮފީހަށް ބަދަލުކޮށް، ވަންނައިރު ފެންނަން ހުންނަ ގޮތަށް ޑިސޕްލޭކުރަން ފެށީމާ ވިކުނީ. ވަރަށް އުފާވޭ ހަދާއެއްޗެއް ވިއްކާލެވުނީމާ. ދެން ފެށީ އެ މަސައްކަތް ރަނގަޅަށް ގަޔާވެގެން ކުރެވޭތޯ"
ގަހަނާތައް ވިއްކަން ނީޝާން ގެންދަނީ ދަނގެތީގައި ހުންނަ މަންތާ ގެސްޓް ހައުސްއަށެވެ.
އެހެން މީހުންނާ ޚިލާފަށް ގަހަނާ ހަދަން ދަސްކުރާކަށް މީހެއްގެ ކައިރިއަކަށް، ވީޑިއޯފަދަ ވަޞީލަތެއް ބޭނުން ނުކުރެއެވެ. އަމިއްލަ ވިސްނުމަށް ނީޝާން މަސައްކަތް ފަށައިގަތީއެވެ. އެކަމުގައި އެހީތެރިކަން އަބަދުވެސް ފޯރުކޮށް ދެނީ މަންމައެވެ. ބައެއް ފަހަރު ހަދާފައި ހުންނަ އެފަދަ ގަހަނާތައް ބަލައިވެސް ހަދައެވެ.
" ފެށިއިރު ވެސް އެންމެ ކުރަން ބޭނުންނުވާ ކަމަކީ ކޮޕީކުރުން. ކޮޕީ ކުރެވިދާނެތީ ޔޫޓިއުބު ފަދަ ވީޑިއޯތައް ވެސް ނުބަލަން"

ނީޝާން ހަދަން ފެށި ގަހަނާތައް ވައިގައި ހިފަންފެށިއެވެ. ވިކޭ އަދަދު ވެސް އިތުރުވާން ފެށިއެވެ. އެ ހިސާބުން ރަނގަޅު ވިޔަފާރިއެއްގެ ވިސްނުން ނީޝާންގެ ބޮލުގައި ކޮށައިގަތެވެ. ދެން ބެލީ ބްރޭންޑެއް އުފައްދާށެވެ.
ނީޝާންގެ "ލެގޫން ޖުވެލްސް" ގެ ބްރޭންޑަކީ ދިވެހިންގެ ދިވެހި އުފެއްދުމަށް ޚާއްޞަ ގަހަނާގެ ބްރޭންޑެކެވެ. އެ ބްރޭންޑްގެ ދަށުން ހަދާ ގަހަނާތައް ވެސް ދިވެހިވަންތައެވެ. އެއިން ކޮންމެ ގަހަނާއަކުން ސިފަކޮށްދެނީ ދިވެހިންގެ ރާއްޖެއެވެ. ދިވެހި ދިދައާއި ދިވެހިންގެ އަތްތެރިމަސައްކަތުގެ ފަންނާއި ދިވެހިންނަށް ލިބިފައި އޮތް ގުދުރަތީ ރިތި މަންޒަރުތަކެވެ. ކަނޑުފަޅުތަކާއި ދިވެހިންގެ ގުރުރަތީ އަޖައިބެވެ.
ގަހަނާ ހެދުމުގައި ނީޝާން ބޭނުން ކުރަނީ ކުލޭބީޑްއާއި ޕާރލްބީޑްއާއި އެކި ވައްތަރުގެ ޝެލްސްއާއި ތަފާތު ވައްތަރުގެ "ނެޗުރަލް ސްޓޯން"އެވެ. އަދި ސެރެމިކުން ހަދާފައި ހުންނަ ސްޓަރ ފިޝްއާއި ވެލާފަދަ ތަކެތި ވެސް ބޭނުން ކުރެއެވެ.

ކުރިމަގުގައި ވެސް ވިޔަފާރީގެ ބްރޭންޑެއްގެ ތެރެއިން ވިޔަފާރި ކުރަން ވިސްނުން ގެންގުޅޭ ނީޝަންގެ ގަހަނާ ބްރޭންޑް އިސްތިހާރު ކުރަން ދާދި ފަހުން ވަނީ ޚާއްޞަ ހަރަކާތެއް ވެސް ފަށާފައެވެ. ކޮންމެ މަހަކު އެއް ފަހަރު އެ ހަރަކާތް ކުރިއަށް ގެންދަނީ މަންތާ ގެސްޓް ހައުސްގައި، ނޫނީ އަތިރިމަތީގައެވެ. އެ ހަރަކާތުގެ ތެރެއިން ނީޝާން ކުރާކަމަކީ ޓޫރިސްޓުން ބޭނުންވާ ގޮތަށް ވަގުތުން ގަހަނާ ހަދައިދިނުމެވެ.
" އެމީހުން ބޭނުންވާ ގޮތަށް ކައިރީގައި ހުރެގެން ވަގުތުން ހަދައިދިނުމަކީ އެއީ ޓޫރިސްޓުން ވަރަށް ގަޔާވާކަމެއް. އެ އިވެންޓް އޮންނަ ދުވަސްދުވަހު ވިކޭ އަދަދުވެސް މާ ގިނަ" ނީޝާން ބުންޏެވެ.

ނީޝާން ބުނީ، އެ އިވެންޓް އޮންނައިރު، ގަހަނާއެއް ގަތުމުގައި އެއާ ގުޅުން ހުރި ސްޓޯރީ ޓޫރިސްޓުންނަށް މުހިންމުވާ ކަމަށެވެ.
" ކޮންމެ ގަހަނާއަކުން ވެސް ކިޔައި ދެނީ ތަފާތު ސްޓޯރީއެއް. އެ ސްޓޯރީ ކިޔައިދިނީމާ ޓޫރިސްޓުންގެ ހިތް އެއަށް ލެނބެނީ"

ނިޝާން ބުނީ ވަގުތުން ގަހަނާ ހަދާއިރު އެއްޗަކަށް ގިނަ ވެގެން ހޭދަވާނީ ފަސް ވަރަކަށް މިނެޓެވެ.
ނީޝާންގެ ކުރިމަތީގައި އޮތީ އޯލެވެލްގެ ބުރަ ދުވަސްތަކެވެ. ކިޔެވުމަށް ފޯކަސް ކުރަންޖެހޭ އަހަރެވެ. ސްކޫލްގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭ ބުރަ ދުވަސްތަކެވެ. އެ ދުވަސްތަކަށް އޭނާ ދަނީ ތައްޔާރުވަމުންނެވެ.
" އަބަދުވެސް ސްޓޮކެއް ބަހައްޓޭތޯ ބަލަނީ. އެއީ ވިޔަފާރިއަކަށް ވިސްނާއިރު ވަރަށް މުހިންމު ކަމެއް. އޯލެވެލް އަހަރު ކުރިއަށް އޮތް ނަމަވެސް ހުސްވަގުތު ހޯދާނެ. އެ ލިބޭ މަދު ވަގުތެއްގެ ބޭނުން އެންމެ ފުރިހަމައަށް ހިފިއްޖެނަމަ މަސައްކަތަށް ހީނަރުކަމެއް ނާންނާނެ" ނީޝާން ހުރީ ގަހަނާ ހެދުން މަޑުޖައްސާލާ ގޮތަކަށް ނޫނެވެ.

ނީޝާން ބުނީ، އޭނާ މިހާރު ބޭނުންވަނީ އޭނާގެ ގަހަނާ ބްރޭންޑް އޮތެންޓިކް ޝޯވް ރޫމުގައި ޑިސްޕްލޭ ކުރެވޭނެ ދުވަހެކެވެ. އެއީ ދަނގެތީން ބޭރަށް އޭނާގެ ބްރޭންޑް ގެންދިއުމުގެ ބޭނުމުގައެވެ. ދެން ކުރިއަށް އޮތީ އެ ބްރޭންޑް އެހެން ހަރުފަތަކަށް ގެންދިއުމެވެ. އެކަމުގައި ވެސް އޭނާ ބޭނުމީ އާއިލާއާއި މަންމަގެ އެހީތެރިކަމެވެ.
advertisment
ހިޔާލު