"އާބަން ގާޑެނިން" ގެ ފުރަތަމަ މޮޑެލް ބިލަބޮންގ ހައި ސްކޫލްގައި

"އާބަން ގާޑެނިން" ގެ ފުރަތަމަ މޮޑެލް ބިލަބޮންގ ހައި ސްކޫލްގައި ފަށަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ދަނޑުވެރިކަމާބެހޭ މިނިސްޓްރީން ސޮއިކޮށްފިއެވެ.

ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

މިއެއްބަސްވުމުގެ ދަށުން މިނިސްޓްރީގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން އަރބަން ގާޑެނިންގ މޮޑެލްއެއް ތައްޔާރު ކުރުމަށް ހަމަޖެހިފައި ވަނީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޓެރެސްގައި 1094 އަކަފޫޓުގެ ސަރަޙައްދެއްގައެވެ.
މިނިސްޓްރީގެ އިސްނެގުމާއެކު ފަށާ މި ޕްރޮގްރާމް ކުރިއަށްދާނީ އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށާފައިވާ "ވަން އާތް އެކަޑަމީ" ޕްރޮގްރާމާ ގުޅުވައިގެންނެވެ.

ވަން އާތް އެކަޑަމީ ޕޮރޮގްރާމަކީ ދަރިވަރުންނަށް ނަފްސުގެ ފުދުންތެރިކަމާއެކު ތިމާވެއްޓާއި ރައްޓެހި ދިރިއުޅުމެއް ދަސްކޮށްދިނުމުގެ މަޤްޞަދުގައި އެކުންފުންނިން ފަށާފައިވާ ޕްރޮގްރާމެކެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އާބަން ގާޑެނިންގ މޮޑެލް ތައްޔާރު ކުރުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށް ދަނޑުވެރިކަމާބެހޭ މިނިސްޓްރީން ވަނީ ބުނެފައެވެ.

ސޮއި ކުރުމަށް މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކާބޯތަކެތި އުފެއްދުމުގައި ބޮޑެތި ބިންތައް އެކަނި ބޭނުންކުރުމުގެ ބަދަލުގައި، އާބާދީ ބޮޑެތި ސިޓީތަކުގައި ލިބެންހުރި ކުދިކުދި ތަންކޮޅުތަކުގައި ކާބޯތަކެތި އުފެއްދުމުގެ މުހިންމުކަން މިނިސްޓަރ ޒަޙާ ވަޙީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި ހަމައެއާއެކު ކާބޯތަކެތި އުފެއްދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ސުފުރާތަކާއި ހަމަޔަށް ގެނެސްދޭ ކާބޯތަކެތި އުފައްދަން އެފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ސްކޫލް ކުދިން އަހުލުވެރިވުމުގެ މުހިންމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ކުދި ޖާގަތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފޭނެހެން ބައްޓަން ކުރެވޭ މިމޮޑެލްގައި ގަސްހެއްދުމަށް ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ބޭނުމެއް ނުކުރާނެ ކަމަށާއި ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތަކަށް ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތައް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދައި، އެތަކެތި ބޭނުންކުރުންވެސް މިޕްރޮގްރާމްގައި ހިމެނިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *