އަށް މަހަށްފަހު، ގުރޭޑް 7 ގެ ދަރިވަރުން ސްކޫލަށް

މޭލެ ހިމެނޭ ސަރަހައްދުގެ ސްކޫލްތަކުގައި ގުރޭޑް ހަތެއްގެ ދަރިވަރުންނަށް މިއަދު ކިޔަވައިދޭން ފަށައިފިއެވެ. އެކުދިން ސްކޫލަށް މިއަދު ދިޔައީ އަށް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ.

ކޮވިޑް 19އާ ގުޅިގެން ސްކޫލްތައް ބަންދުކުރީ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ ފަހުން ސްކޫލްތައް ހުޅުވީ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ރަށްރަށުގެ ސްކޫލްތަކުގައި ކިޔެވުން ކުރިއަށް ގެންދިޔަ ނަމަވެސް މާލޭ ހިމެނޭ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔެވުން ކުރިއަށް ގެންދިޔައީ ގުރޭޑް 9ން މަތީގެ ގުރޭޑް ތަކަށެވެ. ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން މެދުކެނޑުމަކަށްފަހު، ގުރޭޑް 9ން މަތީގެ ގުރޭޑްތަކަށް އަލުން ކިޔަވައިދޭން ފަށާފައިވާއިރު، ގުރޭޑް 8ގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ.

ގުރޭޑް 7ގެ ދަރިވަރުންނަށް ކިޔަވައިދޭން މިއަދު ފަށާފައިވާއިރު، އެކުދިންނަށް ކިޔަވައި ދެނީ ހަފުތާއަކު ދެ ދުވަހުއެވެ. ސްކޫލްތައް ހުޅުވީ އެޗްޕީއޭގެ ގައިޑްލައިންތަކާ އުޞޫލުތަކާ އެއްގޮތަށް ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހުއެވެ. މިހާތަނަށް ސްކޫލްގެ ތެރޭގައި ކޮވިޑް ބަލި ފެތުރުނު ކަމެއް ރިކޯޑް ކުރެވިފައެއް ނުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރުގެ ތެރޭގައި މާލޭގެ ސްކޫލްތަކުގައި އިތުރު ގުރޭޑްތަކަށް ކިޔަވައި ނުދޭނެ ކަމަށެވެ. ގުރޭޑް 6ން ދަށުގެ ދަރިވަރުންނަށް ސްކޫލްތައް ނުހުޅުވި ނަމަވެސް އޮންލައިންކޮށް އެކުދިންނަށް ކިޔަވައިދިނުމުގެ އިންތިޒާމް މިހާރެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *