ޖުމްހޫރީ ދުވަހާ ގުޅުވައިގެން އެމްއެމްއޭސީން ލަވަ މުބާރާތެއް ބާއްވަނީ

"ޤައުމުގެ ދުލުން" ނަމުގައި ޤައުމީ ލަވަ ކިޔުމުގެ މުބާރާތެއް ބޭއްވުމުގެ ތައްޔާރީތައް ކުރެވެމުންދާ ކަމަށް މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުން ބުނެފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބާއްވާ މި ލަވަ މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އަދި ވީޓީވީގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ކުރިޔަށް ގެންދެވޭ މުބާރާތެކެވެ.
ހަ އުމުރު ފުރައަކަށް ބަހަލައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ލަވަ މުބާރާތުގެ މަޤްޞަދަކީ ޤައުމީ ޝިޢާރު ފާޅުކުރުމާއި ޤައުމިއްޔަތުގެ އިޙުސާސް ކޮށްދޭ ލަވަތަކެއް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުމެވެ. މިމުބާރާތުގައި ބައިވެރިވެވޭ 6 އުމުރު ފުރާތައް ބެހިގެންވަނީ 8 އަހަރުން ދަށާއި، 11 އަހަރުން ދަށާއި 13 އަހަރުން ދަށާއި 16 އަހަރުން ދަށާއި 18 އަހަރުންދަށާއި 18 އަހަރާއި 35 އަހަރުން ދަށެވެ.

އެމްއެމްއޭސީގެ ޗެއަރމަން ޢަލީ ޢަބްދުލް ކަރީމް ވިދާޅުވިގޮތުގައި މި މުބާރާތް ވެގެންދާނީ ބެލުންތެރިން ވަރަށް ޝައުޤުވެރިވާ ލަވަތަކެއް ހިމެނޭ، ވަރަށް ވާދަވެރި މާހައުލެއްގައި އުމުރު ފުރާތަކުގެ މެދުގައި ވާދަކުރެވޭގޮތަށް، ބޭއްވޭ މުބާރާތަކަށެވެ.

" މިމުބާރާތް ވެގެންދާނީ ޤައުމީ ޖޯޝާއި ރޫޙު އާލާ ކުރުމަށް އަޅާދެވޭ ވަރަށް ބޮޑު ބާރަކަށް. މި މުބާރާތުގެ ކޮންމެ ލަވައެއްވެސް ޝަރަޙަ ކުރެވި މާނައާއި މެސެޖުން ޤައުމީ ޖޯޝާއި ރޫހު އާލާވެގެންދިއުން ވަރަށް މުހިންމު. ލަވަ ވާން ޖެހޭނީ މިމަޤްޞަދުގައި މިމުބާރާތަށް ޚާއްޞަކޮށްގެން ހެދިފައިވާ ލަވައަކަށް . ކޮންމެ ލަވައަކުންވެސް ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކޮށްދޭ ފަހި މެސެޖްތަކެއް ދެވިގެންދާނެ. މުބާރާތުގެ މައިގަނޑު މަޢުޟޫއާ ތަޢާރަޒުވާ އެއްވެސް ކަމެއް ނުހިމެނޭނެ. ލަވައިގެ ޅެން، ލަވަކިޔުމުގެ ކުރިން، އެމް އެމް އޭސީ އިން ކަނޑައަޅާފައިވާ ފަނޑިޔާރުން ފާސްކުރާނެ" އަލީ ވިދާޅުވިއެވެ.

މިމުބާރާތަކީ ވަރަށް ފުޅާކޮށް ޤައުމީ ޖޯޝެއްގައި ހުޅުވާލާފައިވާ މުބާރާތަކަށްވާތީ، އަތޮޅު ތެރޭގެ ބައިވެރިވުން ހިމެނުމަށްޓަކައި ރަށްރަށުން ވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ކޮވިޑްގެ މިދުވަސްވަރުގައި ދަތުރުކުރުމުގެ ދަތިކަން ހުރުމާއެކު، ރަށްރަށުން ބައިވެރިވާންއެދޭ ފަރާތްތަކަށް ވާޗުއަލްކޮށް ލަވަ ބައިވެރިކުރެވޭ ނެއެވެ. މިގޮތުން ރަށްރަށުން ފޮނުވާ އޮޑިޝަން ކްލިޕްގެ ދިގުމިނުގައި އެއްމިނިޓާއި ތިރީސް ސިކުންތުގެ ދިގުމިން ހުންނަންޖެހޭނެއެވެ. އޮޑިޝަން އަށް ފޮނުވާ މިކްލިޕްތަކުގެ ބޭނުމަކީ ފެންވަރު ވަޒަންކުރުމެވެ. މިހާރުވެސް ވާޗުއަލް ބައެއް ލަވަ ލިބިފައިވާކަމަށް އަލީ ހާމަކުރެއްވިއެވެ. ރަށްރަށުން ބައިވެރިކުރަންއެދޭ ކްލިޕްތައް ފޮނުވާނީ 7993892 ގެ ޓެލްގްރާމް ނުވަތަ ވަޓްސްއަޕް ނަންބަރަށެވެ.

މި މުބާރާތުގެ ވަނަތައް ހޮވުން ހަމަޖެހިފައިވަނީ ކޮންމެ އުމުރުފުރާއަކުން 1،2،3 ވަނަ ހޮވުމުގެ އިތުރުން، ޖޫނިއަރ ގްރޫޕުން އެންމެ މޮޅު 1،2،3 ވަނަ، ސީނިޔަރ ގްރޫޕުން އެންމެ މޮޅު 1،2،3، މުޅި މުބާރާތުގެ 3 2 1 އަދި މުޅިމުބާރާތުން ބެލުންތެރިންގެ ހޮވުމުން ހޮވޭ އެންމެ މޮޅު ތިން ފަރާތެއް (ޕޮޕިއުލަރ) ވޯޓް އެސް އެމް އެސް މެދުވެރިކޮށް ހޮވުމާއި ޅެން ވެރިކަމުގެ ގޮތުން ވެސް މުޅި މުބާރާތުން 1،2،3 ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގައި ޕޮޕިއުލަރ ވޯޓުން ހޮވޭ ފަރާތްތައް ހޮވުމުގައި ފަނޑިޔާރުންގެ ވޯޓެއް ނުހިމެނޭނެ އެވެ. މިމުބާރާތް މުޅިރާއްޖެއަށް ދުރަށްދެއްކުމާ ހަވާލުވެފައިވަނީ މުބާރާތުގެ އެއް ޕާޓްނަރ ކަމަށްވާ ވީޓީވީއެވެ.

މިމުބާރާތަށް ހުށަހަޅާ ކޮންމެ ލަވައެއްގައިވެސް މަންޒަރާއެކު ވީޑިޔޯ ހުށަހަޅަންޖެހޭނެ ކަމަށާއި ލަވަކިޔާ އަޑު އިވޭ ކޮންމެ ހިސާބެއްގައި ލަވަ ހުށަހަޅާ ފަރާތް ލަވަކިޔަނިކޮށް ފެންނަ ގޮތަށް ތައްޔާރުކުރެވިފައި އޮންނަންވާނެ ކަމަށް މިމުބާރާތާއި ބެހޭ ގަވާއިދު ބުނެއެވެ
ލަވަ ދަސްކޮށްދިނުމުގައާއި ލަވައިގެ ވީޑިއޯ ތައްޔާރު ކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މިމުބާރާތް ވެގެންދާނީ މެދު ކެނޑިފައިވާ ޤައުމީ ލަވަމުބާރާތް ބާއްވާނެ ދުވަހަކަށް އިންތިޒާރުކޮށްގެން ތިބި މިފަދަ މުބާރާތެއްގައި ބައިވެރިވާ ހިތްވެފައި ތިބި، އެތައް ބަޔެއްގެ އުއްމީދާ ގުޅިފައިވާ މުބާރާތަކަށެވެ. މި މުބާރާތުގެ އަޕްޑޭޓްސް ތައް އެމް އެމް އޭ ސީ ގެ ފޭސްބުކު ޕޭޖުން ނާއި އެމް އެމް އޭ ސީ އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ، 9990997 ، 7993872 އީމެއިލް އެޑްރެސް : channel.liveart@gmail.com..

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *