ކޮވިޑްގެ ހާލަތަށް ބަލާއިރު، ޕްރީސްކޫލްތައް ހުޅުވުން ރައްކާތެރިއެއް ނޫން: އެޑިއުކޭޝަން

ކޮވިޑްގެ ހާލަތަށް ބަލާއިރު، ޕްރީސްކޫލްތައް ހުޅުވުން ރައްކާތެރިއެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަހުމަދު އަލީ ވިދާޅުވީ އަތޮޅުތެރޭގެ ސްކޫލްތަކުގައި ގުރޭޑް އެކަކުން 12 އަށް ކިޔަވައިދެމުން ގެންދާއިރު، ޕްރީސްކޫލްތައް ހުޅުވަން އެދެމުންދާ ކަމަށާއި، އެކަމާ ގުޅިގެން އެ މިނިސްޓްރީން މަޝްވަރާ ކުރި ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު، އެއީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

އަހުމަދު އަލީ ވިދާޅުވީ ސްކޫލްތަކުގެ ކިޔެވުން ފަށަނީ އެޗްޕިއޭގެ މަޝްވަރާގެ މަތިން ކަމަށާއި، ޕްރީ އަތޮޅުތަކުގެ ޕްރީ ސްކޫލްތައް ހުޅުވުމުގެ ކުރިން ބަލަންޖެހޭ ކަންތައްތަކެއް ބަލަންޖެހޭ ކަމަށް އެޗްޕީއެގެ ލަފާ ލިބިފައިވާ ކަމަށެވެ.

ކޮވިޑާ ގުޅިގެން ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންދުކުރި ސްކޫލްތައް ހުޅުވަން ހުއްދަދީފައި ވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން އަތޮޅުތަކުގެ ސްކޫލްތަކުގައި ދަނި ގުރޭޑް އެކަކުން 12އަށް ކިޔަވައި ދެމުންނެވެ. މާލޭގެ ސްލޫލްތަކުގައި ފެށީ ގުރޭޑް 9ން މަތީ ގުރޭޑް ތަކަށެވެ. މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރެވިފައި ނުވާތި ކިޔެވުން މެދުކަނޑާލުމަށްފަހު، ގުރޭޑް 9ން މަތީގެ ގުރޭޑްތަކަށް ކިޔަވައިދޭން ފެށީ ހުސްވި މަހުގެ ތެރޭގައެވެ.

މިމަހުގެ 19 ވަނަ ދުވަހު ގުރޭޑް އަށަކަށް ކިޔަވައިދެން ފަށައި، 25 ވަނަ ދުވަހުން ފެށިގެން ގުރޭޑް ހަތަކަށް ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *