ގައިޝް: ފޮޓޯނަގައިގެން ހުވަފެންތަކުގައި ކުލަޖައްސަމުން ގެންދާ ދަރިވަރު

އެހެން މީހުން ފޮޓޯނަގާއިރު، އޭނާ ހުންނަނީ ބަލާށެވެ. ފޮޓޯގަނޑެއް ކަނޑާލާ ހިތްވިއަސް، ކެމެރާއެއް ނެތެވެ. އެހެންވެ އޭރު ފޮޓޯ ނަގަމުން ދިޔައީ އަތުގައި އޮތް ފޯނުންނެވެ. އެހާވެސް އެކަން ކުރާހިތްވެއެވެ. ހައެއްކަމަސް ދުވަސްވަންދެން އެތައް ފޮޓޯއެއް ނެގިއެވެ. ފޯނުންނެވެ. ތަފާތު މަންޒަރުތަކެވެ. އެތަކެއް ބައެއްގެ ފޮޓޯތަކެވެ.
އުކުޅަހު ސްކޫލްގައި ކިޔަވަމުންދާ އުމުރުން 15 އަހަރުގެ، އިބްރާހިމް ގައިޝް އަންވަރުގެ މި ހުނަރު ތަރައްގީ ކުރުމުގެ ފުރުޞަތު ހުޅުވިގެން ދިޔައީ އޭނާގެ ބޭބެ ދިން ކެމެރާއަކުންނެވެ. އެ ކެމެރާގެ ބޭނުން ހިފައިގެން އޭނާގެ ފޮޓޯގްރަފީގެ ހުނަރު އިތުރު ހަރުފަތަކަށް ކުރަހާލިއެވެ. އުކުޅަހުގައި ފޮޓޯނަގާ އުޅޭ މީހުންނާއެކު އެފަދަ މަސައްކަތްތަކުގައި އޭނާ ދިޔައީ ބައިވެރިވަމުންނެވެ. ވަގުތު ހުސްކުރީ ފޮޓޯގްރަފީ ޓިއުޓޯރިއަލް ބެލުމުގައެވެ. ޔޫޓިއުބުގެ ބޭނުން ހިފީ މުސްތަގުބަލް ބިނާކުރާށެވެ.

ގައިޝްގެ ނަސީބު އަތުގައި ހިފީ ޕްރޮފެސަރު ހަސަން އުގައިލް އިސްވެ ހުންނަވައި، އުކުޅަހުގައި ބޭއްވި އިންޓަރނޭޝަނަލް އާޓިފިޝަލް އިންޓަލިޖެންޓް (ސްކިމާ) ކޮންފަރެންސްގައި ފޮޓޯ ނެގުމުގެ ފުރުޞަތު ފަހިވުމުންނެވެ. ބައިނަލްއަގުވާމީ އެ ކޮންފަރެންސްގައި އެންމެ ތޭރަ އަހަރުގެ ގައިސް ސާބިތުކޮށްދިނީ އުމުރުން ހަގަސް އޭނައަށް ވާނެކަމެވެ. އޭނާގެ ހުރަރުވެރިކަމާއި ފާޑުވެރިކަމެވެ. އެކަމަށް އޮތް ޝަޢުޤުވެރިކަމެވެ.

" އުގައިލަށް ވަރަށް ކަމުގައިދިޔަ ފޮޓޯތައް. އެ ހިސާބުން ފޮޓޯނެގުން ވިޔަފާރިއަކަށް ބަދަލުވެ، އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ކުރަން ފެށީ" ގައިޝް ކިޔައިދިނެވެ.

އުކުޅަހު ސްކޫލްގެ ނުވަ ވަނަ ކިލާހުގައި ގައިޝް ކިޔަވަމުންދާއިރު، ކިޔެވުމުގެ އިތުރުން ލިބޭ ހުރިހާ ވަގުތެއް އޭނާ ހުސްކޮށްފައި ވަނީ ފޮޓޯގްރަފީއަށެވެ.

ގައިސްއަކީ މިއަދު ކިޔަވަމުން, ވަޒީފާއަދާކުރަމުން އިވެންޓްތަކުގެ ފޮޓޯތައް ނަގައިދޭ ހުނަރުވެރި ދަރިވަރެކެވެ. އޭނާގެ އެތައް ފޮޓޯތަކެއް ޔޫޕިކް ޑޮޓް ކޮމްއިންވެސް ދަނީ ފެންނަމުންނެވެ. ނޫސްތަކަށްވެސް ފޮޓޯނަގައިދެއެވެ. ވަޒީފާއަކީ އުކުޅަސް ޑެސްޓިނޭޝަނެއްގެ ގޮތުގައި އިސްތިހާރު ކުރާ ވެބްސައިޓްގެ ފޮޓޯގްރަފީ މެނޭޖަރުކަމެވެ. އުކުޅަސް ޕްރޮމޯޓް ކުރުމުގައި މި ހުނަރުވެރި ކުޑަ ފަންނާނުގެ ހިއްސާ ދުވަހެއް ދުވަހަށް އަންނަނީ ބޮޑުވަމުންނެވެ.

އުކުޅަހު ސްކޫލުން ދިން ފުރުޞަތެއްގައި ބައިވެރިވެ، އިންޑިޔާގެ ނެހުރޫ ވާރލްޑް ސްކޫލުން އިންތިޒާމް ކޮށްގެން ބޭއްވި ކުރިއޯ އިންޓަރނޭޝަނަލް ފެސްޓިވަލް " ޝަޓަރ ބަގު" ގެ މެރިޓް އެވޯޑެއްވެސް ގައިޝް ވަނީ ހޯދާފައެވެ. އޭނާއަށް ލިބުނީ އޭޝިޔާއިން ދެވަނައެވެ.
" ސްކޫލުން ދިން ފުރުޞަތެއްގައި ބައިވެރިވެ ފަޚުރުވެރި ކާމިޔާބެއް ލިބުމުން އެއީ ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް" ގައިޝް ބުންޏެވެ.

ފޮޓޯނަގާ ސްޓޫޑިއޯއެއް ނެތް ނަމަވެސް އިވެންޓް ފޮޓޯނެގުމުގެ އެތައް ދައުވަތެއް ގައިޝްއަށް ލިބެއެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިންގެ ފޮޓޯތައް ނަގައިދީގެންނެވެ.

" ފަތުރުވެރިން ނާންނާތީ މިދުވަސްވަރު އާމްދަނީ މަދުވިޔަސް، އޭރު އެންމެ ފޮޓޯ ސެޝަނަކަށްވެސް ސަތޭކަ ޑޮލަރު މަދުވެގެން ލިބޭ" ގައިޝް ބުންޏެވެ.

ކުރިމަގުގައި ގައިޝް ފެންނާނީ ވެސް ފޮޓޯގްރާފީގެ ދާއިރާއިންނެވެ. ފޮޓޯޖާނަލިސްޓެއްގެ ގޮތުގައެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *