ޕާކުކުރަންޖެހޭ ތަނުގައި ބައިސްކަލް ޕާކުކުރުމާއި ބޫޓް ބަހައްޓަންޖެހޭ ތަނުގައި ބޫޓް ބެހެއްޓުމާއި ކިޔަވަން ބޭނުންކުރާ މޭޒުގައި ފޮތިގަނޑެއް އަޅައިގެން ބޭނުން ކުރުމަކީ އެ ސްކޫލުގެ ދަރިވަރުންގެ ދުވަސްވީ އާދަތަކެއް
މަތީގައިވާ ފޮޓޯއަށް ބަލާއިރު ފެންނަނީ، ޕާކް ކުރަން ޚާއްޞަ ކޮށްފައިވާ ސަރަހައްދުގައި ތަރުތީބުން ބައިސްކަލް ޕާކު ކޮށްފައިވާ ތަނެވެ. ތ. ކިނބިދޫ ސްކޫލުގެ ކުރިމަތިން އަތިރިއަށްވާ ގޮތަށް، ޕާކިންގ އަށް ޚާއްޞަ ކޮށްފައިވާ ޒޯނަކީ އެ ސްކޫލަށް އަންނަ ދަރިވަރުންނަށާއި މުވައްޒަފުން އަދި ބެލެނިވެރިންނަށް ޚާއްޞަ ޒޯނެކެވެ. ދަރިވަރުން ސްކޫލަށް ވަންނަނީ އެތަނުގައި ބައިސްކަލް ޕާކްކޮށްފައެވެ. އެ ސްކޫލުގައި ކިޔަވާ ގިނަ ދަރިވަރުން ސަކޫލަށް ދަނީ ބައިސްކަލުގައެވެ. މަދު ކުއްޖެއް ފިޔަވައެވެ.
" ބެލެނިވެރިޔާ އެކުގައި އަޔަސް ދަރިވަރު އާންމުކޮށް އަންނާނީ ބައިސްކަލުގައި" ކިނބިދޫ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު އަބްދުﷲ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕާކިން ޒޯނެއް ހެދުމުގެ ބޭނުމަކީ ކަނޑައަޅާފައި އޮންނަ ވަކި ތަނެއްގައި ޕާކް ކުރަން ދަސްކޮށްދީ އެކަމަށް ދަރިވަރުން އާދަ ކުރުމެވެ. މީގެ ހަތަރު އަހަރު ކުރިން ފެށި އެ މަސައްކަތް މިހާރު ވަރަށް ކާމިޔާބު ކަމަށް އަޙްމަދު ވިދާޅުވިއެވެ.

އެކަން ކުރުމުގައި އިސްކޮށް މަސައްކަތް ކުރީ އެ ސްކޫލުގެ ޕްރިފެކްޓުންނެވެ. ސްކޫލަށް ބައިސްކަލުގައި އަންނަ ދަރިވަރުން ވަކި ތަނެއްގައި ޕާކުކުރަން ބާރުއަޅައިދީ، އެ ރީތި އާދަ އަށަގެންނެވުމަށް ޕްރިފެކްޓުން މުހިންމު ރޯލެއް އަދާކުރި ކަމަށް ކިނބިދޫ ސްކޫލުން ފާހަގަކުރެއެވެ. އެކަން ކުރުމަށް، ސްކޫލަށް ދަރިވަރުން އަންނަ ގަޑީގައި ޕްރިފެކްޓުންގެ ގުރޫޕަކުން އެ ސަރަހައްދު ބަލަހައްޓަމުން ވެސް ދިޔައެވެ.
" މިހާރު އެއީ އާންމުކޮށް، ކޮންމެ ދުވަހަކުހެން ދަރިވަރުން ޤަވާއިދުން ކުރާ ކަމެއް. ޕާކުކުރަން ޚާއްޞަ ކޮށްފައި އޮތް ޒޯނުގައި ނޫން ތަނެއްގައި އެއްވެސް ކުއްޖަކު ބައިސްކަލެއް ނުބަހައްޓާނެ" ބޭނުމަކީ ދަރިވަރުންގެ ޒިންމާއެއް އޮވެގެން، އެ އާދަ އަށަގެންނެވުން" އަޙްމަދު ވިދާޅުވިއެވެ.
އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ ކުދިން ބައިސްކަލުގައި ސްކޫލަށް ދިއުމަކީ މިހާރު ވެސް ކުރާ ކަމެކެވެ. ސިއްޙަތަށް އެންމެ ފައިދާ ހުރި ގޮތަކީ ވެސް އެއީއެވެ.
300 އެއްހާ ދަރިވަރުން ކިނބިދޫ ސްކޫލުގައި ކިޔަވަމުންދާއިރު، ޕްރިންސިޕަލް އަހްމަދު ވިދާޅުވީ، އެ ސްކޫލުގެ ކޮންމެ ކުއްޖަކަށް ޚާއްޞަ ހަތަރު ވަތްގަނޑުލީ ކަބަނޑެއް ކުލާސްރޫމްތެރޭގައި ބަހައްޓާފައި ހުންނަކަމަށެވެ. ދަރިވަރުންގެ ދަބަހާއި ފޮތްތަކާއި ބޫޓްވެސް ބަހައްޓަނީ އެ ކަބަނޑުގެ ތެރޭގައެވެ. ގުރޭޑް 1ން 6ގެ ދަރިވަރުން ކޮންމެ ދުވަހަކުހެން ކިޔަވާ ފޮތްތައް ގެއަކަށް ނުގެންދެއެވެ. ކިޔަވަން ބޭނުންވާ ހުރިހާ ފޮތެއް ހުންނާނީ އެ ކުއްޖެއްގެ ކަބަނޑުގައެވެ. ގެއަށް ގެންދާނީ ހަވާލުކުރާ މަސައްކަތަށް ބޭނުންވާ ފޮތާއި، "ރީޑިންގ" ގޮތުގައި ކިޔަން ދޭ ފޮތެއް އެކަންޏެވެ.
" ކޮންމެ ކުއްޖަކު ވެސް ކުލާހަށް ވަދެފައި ބޫޓްލާން ޚާއްޞަ ޓްރޭއަށް ލާފައި އެ ޓްރޭ ކަބަނޑުތެރޭގައި ބަހައްޓާފައި އިށީންނާނީ ވެސް" އަޙްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުލާސްރޫމްތެރޭގައި އެ ހުރިހާ އިންތިޒާމް ހަމަޖައްސާފައި ހުރުމަކީ އެ ރީތި އާދަތައް ދަރިވަރުން ލައްވައި ކުރުވުމަށް ލިބޭ ބާރެއް ކަމަށެވެ.
" ކިޔަވަން ފަހި މާހައުލެއްގެ ތެރެއިން އެފަދަ ރީތި އާދަތަކަށް ދަރިވަރުން ހޭނުވޭނީ"

ކިނބިދޫ ސްކޫލުގައި ގުރޭޑް 1ން 10އަށް ކިޔަވާ ކޮންމެ ކުއްޖަކު ވެސް ކިޔަވަން މޭޒު ބޭނުން ކުރާނީ، މޭޒުމަތީގައި ފޮތިގަނޑެއް އަޅައިގެންނެވެ. ނޫކުލައިގެ މި ފޮތިކޮޅަކީ ސްކޫލަށް ދަރިވަރުން އަންނައިރު ކޮންމެ ދުވަހަކު ގެންނަ ފޮތިކޮޅެކެވެ. ގެއަށް ދާއިރު އެ ފޮތިކޮޅު ގެންދާނެއެވެ. ސާފްތާހިރުކޮށް އެ ފޮތިކޮޅު ގެންގުޅުމަކީ ކޮންމެ ކުއްޖެއްގެ ވެސް ޒިންމާއެކެވެ. މިއީ މޭޒުގައި ކުރެހުމުން ދަރިވަރުން ދުރުކުރަން އެ ސްކޫލުން، މީގެ އަށެއްކަ އަހަރު ކުރިން ފެށި ކަމެކެވެ.
" ޔުނީފޯމް ހޯދާހެން އެ ފޮތިކޮޅު މުހިންމު ވެފައި މިހާރު އޮންނަނީ"

ސްކޫލުގެ މާހައުލުގެ ތެރެއިން ދަސްކޮށްދެވޭ މިފަދަ އާދަތަކަކީ ޒިންމާދާރު ދަރިވަރުންތަކެއް ނެރުމަށް ކޮންމެހެން ބޭނުން ކަމެކެވެ. ކިނބިދޫ ސްކޫލުން އެ އާދަތައް އަށަގަންނުވަމުން ދަނީ ދަރިވަރުންނަށް ފަހި މާހައުލެއް އެ ސްކޫލުގެ ތެރެއިން ފަހިކޮށް ދިނުމަށްފަހުއެވެ. އެހެންވެ ސްކޫލުގެ ދަރިވަރުންނަށް އުނދަގޫ ކަމަކަށް އެކަން މިހާރު ނުވެއެވެ.
advertisment
ހިޔާލު