އެތްލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އެމްޖޭއެސްއަށް، މޮޅު އެތްލީޓަކީ ޔޫނުސްއާއި އައުހާ

މައިލޯ އެތްލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 15 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ ޗެމްޕިއަންކަން ފުވައްމުލައް މުޙައްމަދު ޖަމާލުއްދީން ސްކޫލުން ހޯދައިފިއެވެ. އަދި މި އުމުރު ފުރައިގެ އެންމެ މޮޅު ފިރިހެން އެތްލީޓްގެ މަޤާމް ހޯދީ، އައްޑޫ އެތްލެޓިކްސްގެ މުޙައްމަދު ޔޫނުސް ބިން ހުސައިން ބިން އިބްރާހިމެވެ. މަރަދޫ ސްކޫލުގައި ކިޔަވަމުންދާ ޔޫނުސް ވަނީ އައްޑޫގައި ނިމިގެން ދިޔަ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި ވެސް 15 އަހަރުން ދަށުގެ އެންމެ މޮޅު އެތްލީޓްގެ މަޤާމް ހޯދާފައެވެ. އޭނާ ވަނީ ދެ ރަން މެޑަލާއެކު މީޓް ރެކޯޑް ޓްރިޕަލް ޖަމްޕް އަދި ހާޑްލްސްއިންން ހަދާފައެވެ. އަދި 400 މީޓަރު ދުވުމުން ރިހި މެޑަލް ހޯދާފައެވެ.

ޔޫނުސް ވަނީ އެތްލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި މިފަހަރު، 400 މީޓަރު ދުވުމާއި 80 މީޓަރު ހާރޑްލްސް އިން އެއްވަނަ ހޯދާފައެވެ. އަދި ޓްރިޕަލް ޖަމްޕުން ދެވަނަ ހޯދިއެވެ.

ފަނަރަ އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތްލީޓަކީ ޝަރީފު ސްޕޯޓްސްގެ އާމިނަތު އައުހާ އަބްދުއް ރަހުމާނެއެވެ. އައުހާ ކިޔަވަމުން ދަނީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައެވެ.

އައުހާ ވަނީ އޭނާ ބައިވެރިވި ތިން އިވެންޓުން ވެސް އެއްވަނަ ހޯދާފައެވެ. އެއީ 100 މީޓަރާއި 200 މީޓަރު ދުވުމާއި ލޯންގ ޖަންޕެވެ. 100 މީޓަރު ރޭހުން އެއްވަނަ އައުހާ ހޯދީ 13.49 ސިކުންތުން ފަސޭހަކަމާ އެކުގައެވެ. މިއީ 2023 ގައުމީ މުބާރާތުގައި އައުހާ ދުވި 13.5ސ އާ އަޅާބަލާއިރު ލިބުނު ކުރިއެރުމެކެވެ.

މާލޭގެ އެކުވެނި ސިންތެޓިކް ޓްރެކްގައި ކުރިއަށް ގެންދިޔަ މުބާރާތުގައި ފަނަރަ އަހަރުން މަތީގެ އޯޕަން ކެޓަގަރީގެ އެންމެ މޮޅު ފިރިހެން އެތްލީޓަކީ ދިވެހި ސިފައިންގެ ކުލަބުގެ ހަސަން ސާއިދެވެ. އަންހެން އެތްލީޓަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަސޫހާ އަޙްމަދެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *