ލާމު އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ތިން ކެޓަގަރީން ޗެމްޕިއަންކަން ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލަށް، ދެ ކެޓަގަރީން ޗެމްޕިއަންކަން ލ. އޭއީސީން ހޯދައިފިއެވެ.
ހަމަދު ސްކޫލުން ޗެމްޕިއަންކަން ހޯދީ، 13 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ކުދިންގެ ބައިންނާއި 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިންނެވެ.
ލ. އޭއީސީން ޗެމްޕިއަންކަން ހޯދީ ފަނަރަ އަހަރުންގެ ދަށުގެ ފިރިހެން އަދި އަންހެން ކުދިންގެ ބައިންނެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގެ ޗެމްޕިއަންކަން ހޯދީ އިސްދޫ ސްކޫލުންނެވެ.
މުބާރާތުގެ އެންމެ މޮޅު އެތްލީޓުން:
13 އަހަރުން ދަށް ފިރިހެން- އަލީ ޔޫއާން ބިން މުޙައްމަދު ފާއިޒު، އިހައްދޫ ސްކޫލް
13 އަހަރުން ދަށް އަންހެން- އައިޝަތު އީޝަލް ބިންތް އިމާދު، ހަމަދު ސްކޫލް
15 އަހަރުން ދަށް ފިރިހެން- މުޙައްމަދު ރައުލް، ލ. އަތޮޅު މަދަރުސާ
15 އަހަރުން ދަށް އަންހެން- އައިޝަތު ލަޝާ ތަޢުފީޤު، ލ. އޭއީސީ
17 އަހަރުން ދަށް ފިރިހެން- ހޫދު އަޙްމަދު ފަތުހީ، އިސްދޫ ސްކޫލް
17 އަހަރުން ދަށް އަންހެން- އައިޝަތު ޝަމާން، މާމެންދޫ ސްކޫލް

350 އެއްހާ ދަރިވަރުން ބައިވެރިވި މި މުބާރާތުގައި 150 މެޑަލް އެތްލީޓުން ހޯދިއެވެ. އޭގެ ތެރޭގައި ހިމެނެނީ 48 ރަން މެޑަލާއި 48 ރިހި މެޑަލްގެ އިތުރުން 54 ލޯ މެޑަލެވެ. މެޑަލްގެ އަދަދު ގުނުމުގައި ރިލޭތަކުން ވަކިވަކި ދަރިވަރުންނަށް ލިބުނު މެޑަލްތައް އެތްލެޓިކްސް އެސޯސިއޭޝަނުން ނުގުނައެވެ. ރިލޭ ތަކުގެ ވަނަތައް ގުނަނީ ކޮންމެ ރިލޭ އަކުން ދާ ވަނައަކަށް މެޑަލެއްގެ މަގުންނެވެ.

މި މުބާރާތުގައި އެންމެ ގިނަ މެޑަލް ހޯދީ ލ. އޭއީސީންނެވެ. އެ ސްކޫލުން 40 އެތްލީޓުން ބައިވެރިވެ، 40 މެޑަލް ހޯދިއެވެ. އެއީ 10 ރަން މެޑަލާއި 16 ރިހި މެޑަލާއި 14 ލޯ މެޑަލެވެ. ހަމަދު ސްކޫލުން 32 މެޑަލް ހޯދިއިރު، މި މުބާރާތުގައި އެންމެ ގިނަ ރަން މެޑަލް ހޯދީ އެ ސްކޫލުންނެވެ. އެއީ 15 ރަން މެޑަލެވެ. ދެން އެ ސްކޫލަށް ލިބުނީ 6 ރިއްސާއި 11 ލޯ މެޑަލެވެ. ދެން އެންމެ ގިނަ މެޑަލް ހޯދީ ލ. އަތޮޅު މަދަރުސާއިންނެވެ. އެ ސްކޫލުން 16 މެޑަލް ހޯދިއިރު، ހަ ރަންމެޑަލާއި ފަސް ރިއްސާއި ފަސް ލޯ މެޑަލް އޭގެ ތެރޭގައި ހިމެނެއެވެ. މާމެންދޫ ސްކޫލުން ސާދަ މެޑަލް ހޯދިއެވެ. އެއީ ފަސް ރަން މެޑަލާއި ފަސް ރިއްސާއި 4 ލޯ މެޑަލެވެ.
advertisment
ހިޔާލު