މުދައްރިސުންގެ ދުވަހާ ދިމާކޮށް، މުދައްރިސުންނަށް ތަފާތު އެކި ސަޕްރައިސްތައް ދެމުން ދިޔައިރު، އެންމެ އަޅައިގަތް ސަޕްރައިޒެއް ދިނީ މާލޭގައި އެންމެ ފަހުން ހުޅުވި އިއްޒުއްދީން ސްކޫލުންނެވެ.
އެ ސްކޫލްގައި ކިޔަވައިދެމުން ގެންދާ އަށާވީސް މުދައްރިސުންނަށް ސަޕްރައިޒަކަށްވީ ސްޓާފު ކެންޓީނުގެ ބަދަލުގައި ކޮފީޝޮޕަކަށް ވަދެވުމުންނެވެ. ތަނުގެ މާހައުލުވަނީ މުޅިން ބަދަލުކޮށްފައެވެ. ކުރިން އެތަނުން ނުލިބޭ އެތައް ހިތްހަމަޖެހުމެއް އިއްޔެއިން ފެށިގެން ދަނީ ލިބެމުންނެވެ. އެތަނުގައި އިންނައިރު، މިހާރު އިހުސާސް ކުރެވެނީ މާލޭގައި އެންމެ ރަނގަޅު އެއް ކޮފީޝޮޕުގައި އިނދެވޭނެހެންނެވެ. އައު އާންމު ހާލަތުގައި އެތަނުގައި އެއްފަހަރާ ހަ މީހުންނަށް ޚިދުމަތް ލިބޭނެއެވެ. ކޮފީއާއި ސައިގެ އިތުރުން ސޭންޑްވިޗް ކަހަލަ ތަކެތި ހެދޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސާފައެވެ.

މުދައްރިސުންނަށް ހޯދައި ދިން މި ހިތްގައިމު މާހައުލުގެ މޭސްތިރިއަކީ އެ ސްކޫލްގެ ޕްރިންސިޕަލެވެ. ޑެޕިއުޓީ ޕްރިންސިޕަލާއި، މަދު އަދަދެއްގެ ސްޓާފުންނެވެ.
" މުދައްރިސުންގެ ހިތް ހަމަޖެހުމަށް ކުރެވުނު މި މަސައްކަތް ބަލައިގަތުމުން ވަރަށް އުފާވި. އިއްޔެ އަކީ އަޅުގަނޑުގެ ތައުލީމީ ކެރިއަރގައިވެސް އެންމެ އުފާވި އެއް ދުވަސް" ޕްރިންސިޕަލް އިސްމާއިލް ނަސީރު ވިދާޅުވިއެވެ.

ކޮފީޝޮޕުގެ އެ ޚިޔާލުއައީ މުދައްރިސުންގެ ދުވަހަށް ތަފާތު ކަމެއް ކުރުމަށް ގެންގުޅުނު ވިސްނުމުގެ ތެރެއިންނެވެ. ކޮފީޝޮޕުގެ ވަޑާމުގެ ހުރިހާ މަސައްކަތެއް ކުރީ ޕްރިންސިޕަލް އިސްމާއިލެވެ. އެކަމުގައި އޭނާގެ ރައްޓެއްސެއްގެ އެހީތެރިކަން ހޯދިއެވެ. ކުލައިގެ ހުރިހާ ކަމެއް ކުރީ ޑެޕިއުޓީ ޕްރިންސިޕަލާއި އެޑްމިން ސްޓާފުންނެވެ.
ބަހާލައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމުން، ކެންޓީނުން ކޮފީޝޮޕެއްގެ ސިފަ ޖައްސަން ނެގީ އެންމެ ފަސް ދުވަހެވެ.
" މި ހާލަތުގައި ސްކޫލްގައި މިފަދަ ކަމެއް ކުރާނެ ބަޖެޓެއް ނެތް. އެހެންވެ އެންމެ ފަސޭހައިން، އެންމެ ޚަރަދުކުޑަކޮށް ކުރެވޭނެ ގޮތަށް އިސްކަންދީގެން ޑިޒައިން ވެސް ކުރީ" އިސްމާއިލް ވިދާޅުވިއެވެ.
އިއްޒުއްދީން ސްކޫލަކީ އެއް ދަންފަޅިއަށް މާލޭގައި މިހާރު ހިންގާ ހަމައެކަނި ސަރުކާރުގެ ސްކޫލެވެ. އެ ސްކޫލްގައި މިހާރު 230 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު