ޝަޠުރަތު ޝާކިރު
އިންފޯޑަމްޕިންގ އަކީ އޯޓިޒަމް ހުންނަ ގިނަ ދަރިވަރުންގެ ފަރާތުން ފެންނަ ކަމެކެވެ.
މިގޮތުން އަމިއްލަ ޝައުޤުވެރިކަން ނުވަތަ ގަޔާވާ ކަންތައްތައް ނުވަތަ ހިތްއެދޭ ކަންތައްތައް ވަރަށް ގިނައިން ފާޅުކޮށްފާނެއެވެ. މިސާލަކަށް: ޤައުމުތަކުގެ ދިދަތަކާއި ބެހޭގޮތުން އަބަދު ވާހަކަ ދައްކަފާނެއެވެ.
އަމިއްލަ ނަފުސު ބޭނުންވާ ކަންތައްތައް ބުނެދިނުމުގެ ގޮތުން މިކަން ކުރެއެވެ. މިސާލަކަށް: ކޮންމެވެސް ފިހާރައަކަށް ނުވަތަ ކާން އަބަދު އެއްތަނަކަށް ދާން ކިޔާފާނެއެވެ.
މަޢުލޫމާތު، ލޮޖިކް އަދި ކަންކަމުގެ އަސްލު ވަރަށް ތަފްސީލުކޮށް އަނެކާ އަށް ބުނެދިނުމުގެ ގޮތުން މިކަން ކުރެއެވެ. މިސާލަކަށް: ދުނިޔޭގެ ޗާޓު ( ޤައުމު ތަކާއި ކޮންޓިނެންޓު ތަކާއި އެ ޤައުމު ތަކުގެ ރައީސުން) ވަރަށް ތަފްސީލްކޮށް ކިޔާދީފާނެއެވެ.
އަދި އެހެން މީހުންނާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ނުވަތަ މުޢާމަލާތުކުރުމުގެ ގޮތުން ވެސް ބޭނުން ކުރެއެވެ. މިސާލަކަށް: އަމިއްލަ ގަޔާވާ ކަމެއްގެ ވާހަކައިން ނުވަތަ ކުރިން ތަޖުރިބާ ކޮށްފައިވާ ކަމެއްގެ ވާހަކައިން އަނެކާ އާއި ބައްދަލުވާއިރު ފެށުމެވެ.

އިންފޯޑަމްޕިންގ ގުޅިފައިވަނީ މި ދަރިވަރުން އެންމެބޮޑަށް ޝައުޤުވެރިކަން ހުންނަ މައުޟޫއަކަށެވެ. މިގޮތުން ކިތަންމެ ގިނައިރަކުވެސް އެއްވެސް ފޫހިކަމެއްނެތި މި މައުޟޫއަށް ވާހަކަދައްކާފާނެއެވެ. މިގޮތުން ވާހަކަދައްކާއިރު އެއީ އަޑުއަހަން ހުންނަމީހާ އެންމެ ބޭނުންވާ މަޢުލޫމާތުތޯ ނުވަތަ އަޑުއަހަން ހުންނަ މީހާ އެންމެ ބޭނުންވާ މައުޟޫތޯ ނުބަލަފާނެއެވެ. ނުވަތަ އެއީ އެ ވާހަކަދައްކަން އެންމެ ރަނގަޅު ޙާލަތުތޯ ދެނެނުގަނެވިދާނެއެވެ. އަދި އަޑުއަހަން ހުންނަ މީހާ އަޑުއަހަން ފޫހިވާކަން ދެއްކިޔަސް މި މައުޟޫއަށް ހުއްޓާނުލާ ވާހަކަދެއްކުން ކުރިއަށް ގެންގޮސްފާނެއެވެ. މިފަދަ ޙާލަތެއްގައި ސާފުބަހުން ދެންކުރަންވީ ކަންތައްތައް ދަރިވަރަށް ހަނދާންކޮށް ދެވިދާނެއެވެ.
މި ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި؛
– އެންމެ ފުރަތަމަ ދަރިވަރުގެ ރަނގަޅަށް ދަސްކުރުން މުހިންމެވެ. – ދަރިވަރުގެ ޝައުޤުވެރިކަމާއި ގުޅުވައިގެން ފިލާވަޅުތަކަށް ބަދަލު ގެނެވިދާނެއެވެ.މިސާލު: ލިޔުމާއި ކިޔުމާއި އަދި ވާހަކަދެއްކުމާއި ގުޅުންހުރި ޓާސްކްތައްވެސް ޝައުޤުވެރިކަމާއި ގުޅުވާލެވިދާނެއެވެ.

– ޝައުޤުވެރިކަން ހުރި ދާއިރާއިން ކުރިއަށް ދިޔުމަށް އިތުރު ފުރުސަތު ހޯދައިދެވިދާނެއެވެ. މިސާލު: އެސެމްބްލީގައި ވާހަކަދައްކަން ފުރުސަތު ދިނުމާއި ޝައުޤުވެރިކަން ހުރި ކަމަކާއި ގުޅޭގޮތުން އަމިއްލައަށް ފޮތެއް ލިޔަންދިނުމާއި ނުވަތަ ކޮމިކެއް ތައްޔާރުކުރުން ނުވަތަ ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް އާ އީޖާދެއް ތައްޔާރުކުރަން ފުރުސަތުދިނުމާއި އެކު އެ ތައްޔާރުކުރެވުނު އެއްޗެއް ކްލާހުގެ އެހެން ދަރިވަރުންނަށް ހުށަހަޅައިދިނުން ފަދަ ކަންތައްތައް ހިމެނެއެވެ.

މި މައުޟޫތަކަށް މި ދަރިވަރުން ޤާބިލުވެފައި މޮޅެވެ. މާޝާالله. މި ފަދަ ދަރިވަރަކު ކްލާހުގައި އިނުމަކީ އެހެން ދަރިވަރުންނަށް ވެސް އަދި އަޅުގަނޑުމެން މުދައްރިސުންނަށްވެސް ލިބޭ ވަރަށް ބޮޑު ފައިދާއެކެވެ. އެހެނީ އެއީ މި ދަރިވަރުގެ ކިބައިން އެތައް މައުލޫމާތެއް އަޅުގަނޑުމެންނަށް ތަފާތުކަންތައްތަކާއި ބެހޭގޮތުން ލިބިގެން ދާތީއެވެ. އަދި އެހެން ދަރިވަރުންނަށް “އިންސްޕިރޭޝަން” އަކަށް މި ދަރިވަރު ވެގެންދާތީ އެވެ.

advertisment
ހިޔާލު