އެއީ 1988 އެވެ. މިހާރު މިދެކޭ ޒަމާނީ ގިނަކަންތައްތަކެއް އޭރު ތަޢުލީމީ ދާއިރާގައި ނެތެވެ. ރަނގަޅު ފެންވަރަކަށް ކިޔަވައިގެން ތިބޭ މުދައްރިސުންގެ އަދަދުވެސް މިޒަމާނާ ބަލާއިރު ވަރަށް މަދެވެ. ކިރިޔާވެސް ޢިލްމެއް ލިބިފައިވާ ފަރާތެއް ވާނަމަ، އެފަރާތަކަށް މަދަރުސާތަކުން ޓީޗަރުންގެ ވަޒީފާ ހުށަހަޅައި އޭރު ދިޔައީ ކުދިންނަށް ކިޔަވައިދިނުމަށް މަސައްކަތް ކުރަމުންނެވެ.

ގްރޭޑް 6 ގައި ކިޔަވަމުން ޓީޗަރެއްގެ ވަޒީފާ އަދާކުރަންފެށި
ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ މުދައްރިސް އަޙްމަދު މޫސާގެ ކިޔަވައިދިނުމުގެ ދާއިރާގެ ފެށުން އައީވެސް މިކަހަލަ ގޮތަކަށް ލިބުނު ފުރުސަތަކުންނެވެ. އަޙްމަދު މޫސާއަކީ ހދ. ކުޅުދުއްފުށީ އެލްޕާސޯ މޫސާ ޢަލީއާއި އެލްޕާސޯ ޙަބީބާ ޢަލީއަށް ލިބިވަޑައިގެންނެވި 11 ކުދިންގެ ތެރެއިން 5 ވަނަ ދަރިފުޅެވެ. 1988 ވަނަ އަހަރު ހދ. އަތޮޅު ތަޢްލީމީ މަރުކަޒުގައި ގްރޭޑް 6 ގައި ކިޔަވަމުން އަންނަނިކޮށް، ޕާޓްޓައިމްކޮށް އަމީރު އަމީން ޕްރީސްކޫލްގައި ވަގުތީގޮތުން ކިޔަވައި ދިނުމަށް ފުރުސަތު ލިބުނެވެ. އެ ސްކޫލުގެ ޕްރިންސިޕަލަކަށް އެވަގުތު ހުންނެވީ ކަންދިމާކުރިގޮތުން އަޙްމަދު މޫސަގެ ބައްޕަ އަލްމަރްޙޫމް މޫސާ ޢަލީއެވެ. ކުޅުދުއްފުށީގެ ކަތީބުކަން ކުރެއްވި މޫސާ ޢަލީއަކީ އެތައް ބަޔަކަށް ޢިލްމު ފޯރުކޮށްދެއްވި މުދައްރިސެކެވެ. ބައްޕަގެ އެދިލެއްވުމާއެކު 2 އަހަރު ދުވަހު ވަގުތީ ޓީޗަރެއްގެ ގޮތުން އެ ސްކޫލުގައި ކިޔަވައިދިނުމަށް އުޅުނެވެ. ކުޑަކުދިންތަކަކާ އެކު ހޭދަކުރި އެ ދުވަސްތަކަކީ އަޙްމަދު މޫސާ ފާހަގަކުރައްވާ ގޮތުން ވަރަށްވެސް އުފަލާ މަޖަލާއެކު ހޭދަކުރެވުނު ދުވަސްތަކެކެވެ. އަދި ވަރަށްގިނަ ކަންތައްތަކެއް ދަސްވެ، ކިޔަވައިދިނުމަކީ ހަމައެކަނި ކުލާސް ރޫމުގެ ހަތަރުފާރު ތެރޭގައި ކުރާ ކަމެއް ނޫންކަން އެނގިގެން ދިޔައެވެ. ތަފާތު ގިނަ އިތުރު ހަރަކާތްތައް އިސްވެ ރާވައި ހިންގުމަށް ފުރުސަތު ލިބި އެކަންކަމަށް ލޯހުޅުވުނެވެ. ތަޢްލީމީ ދާއިރާއާމެދު އަޙްމަދު މޫސާ ދެކެނީ އެއީ އެމީހަކަށް ލިބިފައިވާ ކޮންމެ ހުނަރެއްވެސް ބޭނުންކުރެވޭނެ ދާއިރާއެއްގެ ގޮތުގައެވެ.

ތަޢުލީމީ ޙަޔާތް
ތަޢުލީމީ ޙަޔާތް ފެށިފައިވަނީ އަމީރު އަމީން ޕްރީސްކޫލުންނެވެ. އެސްކޫލުން ޕްރީސްކޫލް ތަޢުލީމް ފުރިހަމަކޮށް، ގްރޭޑް 7 އާއި ހަމަޔަށް ކިޔެވީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭރު ރާއްޖެ ތެރޭގެ ގިނަ ސްކޫލު ތަކުގައި ކިޔަވައިދެނީ ގްރޭޑް 7 އާއި ހަމައަށެވެ. އިތުރަށް ކިޔަވަން ބޭނުންނަމަ ދާންޖެހެނީ މާލެއަށެވެ. މިގޮތުން އަޙްމަދު މޫސާވެސް އިތުރަށް ކިޔެވުމަށް މާލެ ދިޔައެވެ. އޯލެވެލް އާއި ހަމަޔަށް އަޙްމަދު މޫސާ ތަޢްލީމް ހާސިލްކުރެއްވީ މާލޭ އިންގްލިސް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލުގައެވެ. އެއަށްފަހު، ކިޔަވައިދިނުމުގެ ދާއިރާއިގެ ފުރަތަމަ ސެޓްފިކެޓް "ސެޓްފިކެޓް އޮފް ޓީޗިންގ ޕްރައިމަރީ" ކޯސް ހާސިލްކުރީ އިންސްޓިޓިއުޓް ފޯރ ޓީޗަރ އެޑިޔުކޭޝަން (އައިޓީއީ) އިންނެވެ. އަދި 2004 ވަނަ އަހަރު އިންޑިޔާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، މައިސޫރުއިން "ޑިޕްލޮމާ އޮފް ޓީޗިންގ މިޑްލް ސްކޫލް" ފުރިހަމަ ކުރެއްވި އެވެ. ކިޔަވައިދިނުމުގެ ބުރަ މަސައްކަތާ، އަމިއްލަ ދިރިއުޅުމާ އެކުވެސް ތަޢްލީމު އުނގެނުމަށް ކުރަމުންދިޔަ މަސައްކަތް އެހިސާބުން އަޙްމަދު މޫސާ ދުލެއް ނުކުރައްވައެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން "ބެޗްލަރ އޮފް އެޑިޔުކޭޝަން" އާއި "މާސްޓަރ އޮފް އެޑިޔުކޭޝަން" އެތައް ބުރަ ގިނަ ހުރަސްތަކާއެކު ވެސް ފުރިހަމަ ކުރައްވައި ސެޓްފިކެޓް ހާސިލްކުރެއްވިއެވެ.
އިތުރު ޙަރަކާތްތައް
ކިޔަވައިދިނުމުގެ ދާއިރާގެ އިތުރުން، ކުޅިވަރު ކުޅުމާ އެތްލެޓިކްސް އާއި މިފަދަ ގިނަ ހަރަކާތްތަކަކުން އަޙްމަދު މޫސާ ދިޔައީ ކޯސްތައް ފުރިހަމަ ކުރަމުންނެވެ. މިގޮތުން 2002 ވަނަ އަހަރު ހާސިލްކުރެއްވި އޭ.އެފް.ސީ "ސީ" ލައިސެންސް ކޯޗިންގ ސެޓްފިކެޓާއި، އައި.އޭ.އޭ.އެފް ގެ އެތްލެޓިކްސް ކޯޗިންގ ސެޓފިކެޓް 1 އަކީ ފާހަގަކޮށްލެވޭ 2 ކޯހެވެ. އަދި 2014 ވަނަ އަހަރު ކޮރެއާއިން އައި.އޭ.އޭ.އެފް ގެ އެތްލެޓިކްސް ކޯހުގެ ސެޓްފިކެޓް 3 ވެސް ފުރިހަމަ ކުރެއްވިއެވެ. ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން ހިންގެވި ވޮލީ ބޯލް ރެފްރީސް ކޯހަކީވެސް އަޙްމަދު މޫސާގެ މިދެންނެވި ރޮނގަށް އިތުރުކޮށްލެވޭނެ ކޯހެކެވެ.
ކުޅިވަރުގެ ދާއިރާގައި ރަށު ފެންވަރުގައި ބޭއްވުނު ގިނަ މުބާރާތްތައް ރާވައި ހިންގުމުގައި އިސްވެ އުޅެއެވެ. މީގެ ތެރޭގައި، އާދަމް އިސްމާއީލް ލީގާއި، ކްއަންޓަމް ވެޓަރަންސް ކަޕާއި، މަގުލަސް ކްލަބުގެ ސިކްސް އަސައިޑް ކަޕް ފަދަ މުބާރާތްތަކަކީ، އެ މުބާރާތްތަކުގެ އެންމެ ފުރަތަމަ ކަރުދާހުން ފެށިގެން އެންމެ ފަހު ކަށިގަނޑާ ޖެހެންދެންވެސް އިސްވެ އަމަލީގޮތުން އަޙްމަދު މޫސާ މަސައްކަތް ކޮށްފައިވާ މުބާރާތްތަކެވެ.
މީގެ އިތުރުން އަޙްމަދު މޫސާ ވަނީ ކުޅުދުއްފުށީގެ ކާމިޔާބު އެއް ކްލަބު ކަމަށްވާ، މަގްލަސް ކްލަބުގެ ނާއިބު ރައީސްކަން ވެސް ވަރަށްގިނަ ދުވަހު ކޮށްފައެވެ. އަދި އެ ކުލަބުން ކުރިޔަށް ގެންދިޔަ މުބާރާތްތަކާ ހަރަކާތްތައް ރޭވުމުގައިވެސް އަޙްމަދު މޫސާގެ ދައުރު ވަރަށްބޮޑެވެ. އަމަލީގޮތުން އެ މުބާރާތްތަކުގައި ބައިވެރިވެ ކުޅުނެވެ.

ޓީޗަރެއްގެ ގޮތުގައި
ކިޔަވައިދިނުމުގެ ދާއިރާއަކީ އަޙްމަދު މޫސާ އެންމެ ފުރަތަމަ ޝައުގުވެރިކަން ހުރި ދާއިރާއެއް ނޫނެވެ. ނަމަވެސް ރަށުގައި އޭރު ގިނަ ވަޒީފާތަކެއް ނުހުރެއެވެ. މޭޒު ކައިރީގައި އިށީނދެ އިނދެގެން އަދާކުރާ ވަޒީފާއެއް ބޭނުން ނުވުމާއެކު، މިދާއިރާ އިޚްތިޔާރު ކުރަންޖެހުނީއެވެ. އެގޮތުން 1995 ވަނަ އަހަރު ހދ. އަތޮޅު ތަޢްލީމީ މަރުކަޒުގެ ހެޑްމާސްޓަރ ސަޢީދު އަޙްމަދުގެ އެދިލެއްވުމާއިއެކު، ރަސްމީކޮށް ވަގުތީ ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަން ފެށުނެވެ. ވަގުތީ ޓީޗަރެއްގެ ވަޒީފާގައި ހޭދަވި އެ 2 އަހަރު ދުވަހުގެ މުއްދަތުގައި ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުގު އުފެދި ހަޔާތުގެ ދަތުރުގައި ކުރިޔަށް ދިޔުމަށް މިދާއިރާ ކަނޑައެޅުނެވެ. 7 އަހަރު ދުވަހު ހދ. އަތޮޅު ތަޢްލީމީ މަރުކަޒުގައި ވަޒީފާ އަދާކުރިއެވެ.
އެއަށްފަހު މިހާރު ވަޒީފާ އަދާކުރަމުން އަންނަ އަފީފުއްދީން ސްކޫލް އުފެދުމުން، އެ ސްކޫލަށް 25 އެޕްރީލް 2004 ގައި ބަދަލުވިއެވެ. އަޙްމަދު މޫސާގެ އަންހެނުން ޒާހިޔާ އާދަމަކީވެސް އެ ސްކޫލުގެ ޓީޗަރެކެވެ. އަދި 2 ފިރިހެން ދަރިން ކިޔަވަމުން އަންނަނީވެސް ހަމަ މިސްކޫލުންނެވެ. ވުމާއެކު އަފީފުއްދީން ސްކޫލަކީ، އަޙްމަދު މޫސާގެ ހިތުން ޚާއްސަ ޤަދަރެއްދެވި ލޯބި އުފެދިފައިވާ ސްކޫލެކެވެ.
އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ ނާޞިޙާ އިދުރީސް ވިދާޅުވީ އަޙްމަދު މޫސާ ފުރަތަމަވެސް ފާހަގަވީ ކިޔަވައިދިނުމާ ވަރަށްވެގެން ކިޔަވައި ދެއްވަވައި މުދައްރިސެއްގެ ގޮތުގައި ކަމަށެވެ. ކުލާހަށް ވެންނެވުމަށްފަހު އިށީނދެ އިންނަވާތަން ނުފެންނާނެ ކަމަށާއި، ކިޔަވައިދިނުމަކީ އުފަލެއްކަމުގައި ދެކިގެން ވަރަށްބޮޑަށް ގަޔާވެގެން އެކަން ކުރައްވާ ކަމަށް ނާސިހާ ވިދާޅުވިއެވެ.
" ސްކޫލުން ކުރިޔަށްގެންދާ ކުޅިވަރު މުބާރާތްތަކުގައިވެސް އަޙްމަދު ފެންނާނީ ދަރިވަރުންނާ ވަރަށް ގުޅިގެން ދަރިވަރުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ ފަރާތެއްގެ ގޮތުގައި. ދަރިވަރުންވެސް އަޙްމަދު ކައިރީ ތިބޭނީ ނިކަން ހެވިލައިގެން އުފަލުން. ކިޔަވައި ދިނުމުގައި އައު އުކުޅުތައް އަބަދުވެސް ބޭނުންކުރައްވާނެ. ކޯވިޑާ ގުޅިގެން ކުރިޔަށް ގެންދެވޭ އޮންލައިން ކްލާސްތަކުގައިވެސް އަޙްމަދުގެ ކުޅަދާނަކަން ފެނިގެންދޭ. ގޫގުލް ސައިޓް ހައްދަވައިގެން ކްރިއޭޓިވް އާރޓް ގަޑީގައި ދަރިވަރުން ކުރާ މަސައްކަތް ބަހައްޓަވަނީ ރައްކާކުރައްވާފައި" ނާސިހާ ވިދާޅުވިއެވެ. " މިނޫނަސް ސްކޫލުގެ ހުރިހާ ހަރަކާތްތަކެއްގައި އަޙްމަދުގެ ވަރަށް ފުރިހަމަ އެއްބާރުލެއްވުމާ ބިނާކުރަނިވި އައު ޚިޔާލު ލިބޭ. އަޙްމަދު ނުގުޅޭ ބޭފުޅަކު ސްކޫލުގައި މަސައްކަތް ނުކުރައްވާނެ. އަޅުގަނޑު ދެކޭގޮތުގައި އަޙްމަދު މޫސާ އަކީ މަދުންނޫނީ ނުފެންނާނެ ވަރަށް ކުޅަދާނަ ނަމޫނާ ޓީޗަރެއް" ނާޞިޙާ ވިދާޅުވިއެވެ.

ސްކޫލުގައި ވަޒީފާ އަދާކުރަމުން، ޕާޓް ޓައިމް ލެކްޗަރަރ އެއްގެ ގޮތުގައި ކުޅުދުއްފުށީގައި ހުންނަ ގައުމީ ޔުނިވަރސިޓީ އާއި މައި ކޮލެޖުގައި އަޙްމަދު މޫސާ އަންނަނީ ކިޔަވައިދިނުމުގެ މަސައްކަތް ފުރުސަތު ލިބޭ ވަރަކުން ކުރަމުންނެވެ.
މިއަދާ ހަމައަށް 25 އަހަރު ކިޔަވައިދިނުމުގެ ދާއިރާގައި އަޙްމަދު މޫސާ ހޭދަކުރުވުނުއިރު މިހާރު އެންމެ ކުރާ ހިތްވާ މަސައްކަތަކަށްވެސް ވެފައިވަނީ މިމަސައްކަތެވެ. މިހާ ގިނަ ދުވަހު ޓީޗަރެއްގެ ގޮތުގައި ހޭދަކުރެއްވުމަކީ، މިދާއިރާއިން އަޙްމަދު މޫސާއަށް ލިބުނު ބޮޑު ކާމީޔާބީއެއް ގޮތުގައި ދެކެއެވެ. ހަމައެއާއެކު، ކިޔަވައިދިން ކުދިންގެ ލޯތްބާއި އިޙްތިރާމް ލިބެމުންދާ ދިޔުންވެސް މި ކާމިޔާބީގައި އަޙްމަދު މޫސާ ހިމަނުއްވައެވެ.
އަޙްމަދު މޫސާގެ މުދައްރިސެއްގެ އިތުރުން ކިޔަވައިދިނުމުގެ ދާއިރާއަށް ރަސްމީކޮށް ނެރުއްވި ފަރާތްކަމުގައިވާ މިހާރު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް ސަޢީދު އަޙްމަދު ފާހަގަކުރެއްވި ގޮތުގައި، އަޙްމަދު މޫސާއަކީ ކިޔަވަން އުޅުނު އިރުވެސް އަޚްލާޤް ރަނގަޅު، ޒިންމާދާރު އަދިވެސް ރަނގަޅު ގިނަ ސިފަތަކެއް ލިބިފައިވާ ކިޔެވުން ރަނގަޅު ކުއްޖެކެވެ. އަދި މި ސިފަތައް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިރުވެސް ފެނިފައިވާކަން އޭނާ އިތުރަށް ފާހަގަ ކުރެއްވިއެވެ.
advertisment
ކިޔުންތެރިންގެ ޚިޔާލުތައް
ފިސާރި ފަންނުވެރި ބޭފުޅެެއް. އެކުގައި ޓީޗިންގ ހެދުމުގެ ފުރްޞަތު ލިބުން. ވަރަށް ހެލްޕްފުލް ހުރިހާ ކުދިންނަށްވެސް. އަތުލިޔުމުގެ ސްޓައިލް އެއީ އައްމަޑޭގެ މޮޅު ހުނަރެއް.