އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްރަން (އާރކް) ގެ ފަރާތުން ކްލިއަރ މާސްކް ހަދިޔާކޮށްފިއެވެ.
އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށާއި އެކުދިންގެ ޓީޗަރުން ބޭނުންކުރުމަށްޓަކައި 300 'ކްލިއަރ' މާސްކް، އޮފް އެޑިއުކޭޝަން މިނިސްޓްރީ އާ ޙަވާލުކޮށްފައިވަނީ މިއަދުއެވެ.
ރަސްމީކޮށް މި ހަދިޔާ މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑރ.އައިޝަތު އަލީއަށް ހަވާލުކޮށްދެއްވީ އާކް ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު މުރުތަޞާ މޫސާއެވެ.
އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން އެހެން ފަރާތްތަކާ މުޢާމަލާތްކުރުމަށްޓަކައި މޫނާއި ތުންފަތުގެ ހަރަކާތަކަށް ބަރޯސާވާންޖެހުމުގެ ސަބަބުން ކޮވިޑް 19 އާ ގުޅިގެން އެ ކުދިންނަށް އިތުރު ހުރަސްތަކާ އަންނަނީ ކުރިމަތިވަމުން. އޭގެ ނަތީޖާއެއްގެ ގޮތުން އެކުދިންގެ ތަޢުލީމާއި އިޖްތިމާއި ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، އެކުދިން މުޖުތަމަޢުގައި އިތުރަށް އެކަހެރިވުމުގެ ފުރުޞަތު ބޮޑުވަމުންދާ ކަމަށް އާރކް އިން ފާހަގަ ކޮށްފައިވެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖަންސީއިން ފާސްކޮށްފައިވާ މި މާސްކްގެ ޒަރިއްޔާއިން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާންމު ދިރިއުޅުމުގައި ދިމާވާ ދަތިތަކަށް ކޮންމެސް ވަރެއްގެ ލުއިތަކެއް ލިބި، މިފަދަ ދުވަސްވަރެއްގައި އެކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި އެހީތެރިވެދޭނެ ކަމަށްވެސް އާރކް ވަނީ ބުނެފައެވެ.
އާކުން ހަދިޔާކުރި މާސްކްތައް ތައްޔާރުކޮށްފައިވަނީ ދެފުށްފެންނަ ނުވަތަ ޓްރާންސްޕޭރަންޓް ކަވަރަކާއެކު ކޮޓަންފޮތީގެ ތިންފަށަލަ ހިމެނޭގޮތަށް، އެކި އުމުރުފުރާއަށް ހެޔޮވަރު ސައިޒުތަކަށް ބޭނުންކުރެވޭގޮތަށް 'އެޖަސްޓަބަލް ސްޓްރެޕް' އެއް ހިމަނައިގެންނެވެ.
އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި އެކުދިންގެ ޓީޗަރުންނަށް މި މާސްކްތައް ރައްދުކޮށްދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ދެއްވި އެހީތެރިކަމަށް އާރކުން ޝުކުރު އަދާކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ މަސައްކަތުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އާކުން ވަނީ ދީފައެވެ.
advertisment
ހިޔާލު