ކޮވިޑާ ގުޅިގެން ސްކޫލްތައް ދިގު މުއްދަތަކަށް ބަންދުކުރަން ޖެހުމުން ދަރިވަރުންގެ އުނގެނުމުގެ ހުނަރު ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ކިޔެވުން ގެއްލިގެން ދާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި، ދިރާސާވެރިންގެ ދިރާސާތަކުން އެނގޭގޮތުގައި ދަރިވަރުގެ އެނގެނުމުގެ ހުނަރު ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށެވެ.
" މިސާލަކަށް ބަލާނަމަ މެތަމެޓިކްސްގެ ސްކިލްސް ވަރަށް ބޮޑަށް ދަށަށް އެބަދޭ ގިނަ ދުވަސްތަކަކަށް ދަރިވަރު ސްކޫލަށް ނުގޮސް ހުރީމާ. ކުއްޖާގެ ސިއްޙަތަށް އިސްކަންދިނުމާއެކު ސްކޫލަށް ކުއްޖާ ގެނައުމަށް ތައުލީމީ ދާއިރާގެ ހުރިހާ ބޭފުޅުންވެސް ބާރުއަޅުއްވާ. ސްކޫލަށް ދަރިވަރު ފޮނުވުމުން ވާ ފައިދާތައް ވަރަށްބޮޑު" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގައި އަޅާފައިވާ ސަލާމަތީ މިންގަނޑުތަކާއެކު އިތުރު ގުރޭޑްތަކަށް ކިޔަވައިދޭން ފަށަންވެސް ތައްޔާރު ވަމުންދާ ކަމަށެވެ. އެކަމަކު އެ ގުރޭޑްތަކަށް ކިޔަވައިދޭން ފަށާނެ ތާރީޚެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
" ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންވެސް ސްކޫލްތައް މި ހުޅުވީ ދަރިވަރުންގެ އުނގެނުމުގެ ހުނަރު ތަރައްގީ ކުރުމުގެ ބޭނުމުގައި" މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ. " އަޅުގަނޑުމެން އަޅާފައި މި ހުރީ ރައްކާތެރި ކަމުގެ ވަރަށް ރަނގަޅު ފިޔަވަޅުތަކެއް. އެޗްޕީއޭއިން ވެސް އެކަން ކަށަވަރުކޮށް ދެއްވާ."
ކޮވިޑާ ގުޅިގެން ސްކޫލްތައް ދިގު މުއްދަތަކަށް ބަންދުކުރަން ޖެހުމުން ދަރިވަރުންނަށް ކިޔަވައި ދެމުން ގެންދިޔައީ ޓެލިކިލާސްތަކުގެ އިތުރުން އޮންލައިން މެދުވެރިކޮށެވެ.
ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލޭގެ ސްކޫލްތައް ފިޔަވައި އެހެން ސްކޫލްތަކުގެ ކިޔެވުން ވަނީ ފަށާފައެވެ. ޖުލައި މަހުގެ އެއްވަނަ ދުވަހު މާލޭގެ ސްކޫލްތަކުގައި ގުރޭޑް 9ން ފެށިގެން ކިޔަވައި ދެމުން ދަނިކޮށް މާލޭގައި ކޮވިޑް ކޮންޓްރޯލް ނުކުރެވިގެން ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީން މިހާރު ނިންމާފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ގުރޭޑް 9ން މަތީގެ ގުރޭޑް ތަކަށް ކިޔަވައިދޭށެވެ.
advertisment
ހިޔާލު