އަތޮޅުތެރޭގެ ސްކޫލްތަކުގައި އޮންލައިން ކުލާސްތައް މަދުކޮށް، ސްކޫލްގައި ކިޔަވައިދޭ ވަގުތު އިތުރުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކޮވިޑް ނެތް ރަށްރަށުގައި ކިޔަވައިދޭ ގަޑިތައް އިތުރުކުރަން ނިންމީ އާ އާންމު ހާލަތަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
ކޮވިޑާ ގުޅިގެން ބަންދު ކުރި ސްކޫލްތައް ޖުލައި އެއްވަނަ ދުވަހުން ފެށިގެން ހުޅުވިއިރު، ކިޔަވައިދެމުން ގެންދަނީ ހަތަރު ގަޑިއިރަށެވެ. އަންނަ ހަފުތާއިން ފެށިގެން ފަސް ގަޑިއިރަށް ކިޔެވުން ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.
މި ނިންމުމާ އެކުވެސް މާލޭގެ ސްކޫލްތަކުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ކިޔެވުން ފަށަނި ގުރޭޑް 9ން މަތީގެ ހުރޭޑްތަކަށް ކުރިއެކޭ އެއްގޮތަށެވެ. އެއީ ހަތަރު ގަޑިއިރަށް މާއްދާއަކަށް 35 މިނިޓެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބަލި ފެތުރުމުގެ ފުރުޞަތު ކުޑަކަމަށާއި، މިހާތަނަށް ސްކޫލްތަކާ ގުޅުން ހުރި ކުލަސްޓާއެއް ފެނިފައި ނުވާކަމަށެވެ.
ރަށްރަށުގައި ސްކޫލުގައި ކިޔަވައިދޭ ވަގުތު އިތުރުކުރުމުން، މާލެ ސަރަހައްދާއި އެހެން ރަށްރަށުގައި ކޮންޓެންޓް ކަވަކުރުމުގައި ތަފާތެއް ނުހުންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
" ލާނިން އެރޭންޖްމަންޓްސް ހަދާފައި ހުރީ، ކޮންމެ ހަފުތާއަކު ވެސް ކޮންމެ މާއްދާއަކުން ވަކި ވަގުތަކަށް ގަޑި ނަގައިދޭ ގޮތަށް. ވަގުތު ހަމަކުރަނީ ކްލާސްރޫމާއި، އޮންލައިންކޮށް ކްލާސްތައް ނަގައިދީގެން" މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލަށް ގެންގޮސްގެން ދަރިވަރުންނަށް ކިޔަވައި ދިނުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށާއި އެކަމަށް ދަރިވަރުންނަށް އެންމެ ރައްކާތެރި އެއް ތަނަކީވެސް ސްކޫލްތައް ކަމަށެވެ.
advertisment
ހިޔާލު