ޕޮޒިޓިވްވެފައި ތިބި ދަރިވަރުންނާއި ކަރަންޓީނުގައި ތިބި ދަރިވަރުންނަށް އޭ ލެވެލް ހެދުމަށް ވަކި ހޯލުތަކެއް

ކޮވިޑަށް ޕޮޒިޓިވްވެފައިވާ ދަރިވަރުންނާއި ކަރަންޓީނުގައި ތިބޭ ދަރިވަރުންނަށް އޭ ލެވެލް އިމްތިޙާން ހެދުމަށް ވަކި ހޯލްތަކެއް ހަމަޖައްސައިދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނެފިއެވެ.

އެ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ރޭ ވިދާޅުވީ ބަލިހާލަތު ހުންނަގޮތުން އެހެން ކުދިންނާ ވަކިން އިމްތިޙާން ހެދުމުގެ އުޞޫލުތަކެއް އިންޓަނޭޝަނަލް ބައެއް އިމްތިހާނުތަކުގައި މިހާރުވެސް އޮންނަކަމަށެވެ. އިމްތިޙާނުގައި ބައިވެރިވޭ ހާލަތުގައި ހުންނަ ކޮންމެ ކުޖަކަށް އެ ފުރުޞަތު ކޮވިޑްގެ މިހާލަތުގައި ވެސް ތަނަވަސްކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް އިހުސާން ވިދާޅުވިއެވެ.

ނެޝަނަލް އިމެޖެންސީ ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ އޭ ލެވެލް އިމްތިޙާން މާލޭގައި، ހަތަރު ސެންޓަރެއްގައި ހަދާއިރު، އެއްވެސް ދަރިވަރަކު ސެންޓަރަކުން ޕޮޒިޓިވްވެއްޖެނަމަ އިމްތިޙާނު ދޭނީ ޕޮޒިޓިވްވާ ކުދިންނަށް ވަކި ހޯލެއްގައިކަމަށެވެ. އަދި ކަރަންޓީނުވާންޖެހޭ ހާލަތުގައިވެސް އިމްތިޙާން ދޭނީ ވަކި ހޯލެއްގައިކަމަށެވެ.

" އަޅުގަނޑުމެން މިދަނީ އެކަމާ ގުޅުން ހުރި ގައިޑްލައިންތަކާއި، އެސްއޯޕީތައް އެކުލަވާލަމުން" އިހުސާން ވިދާޅުވިއެވ.

ޕަބްލިކް އެގްޒަމިނޭޝަނުން ނިންމާފައި ވަނީ ޕޮޒިޓިވްވެގެން ނޫނީ ކަރަންޓީނުވާންޖެހޭ ހާލަތުގައި އިމްތިޚާން ހަދަން ދެ ސެންޓަރެއް މާލެ ހިމެނޭ ސަރަހައްދުގައި ގާއިމްކުރާށެވެ. އަދި މާލެ ފިޔަވައި އަތޮޅުތަކުގެ 33 ސެންޓަރެއްގައި އިމްތިޚާނު ހަދާއިރު، ޕޮޒިޓިވްވެ ނޫނީ ކަރަންޓީނު ކުރަންޖެހޭ ހާލަތުގައިވެސް އިމްތިޙާނު ބާއްވާނެ ހޯލްތައް ކަނޑައަޅާފައިވެވެ.

ކޮވިޑާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް އިމްތިޚާނު ކުރިއަށް ގެންދާއިރު ދަރިވަރުންގެ ރައްކާތެރިކަމަށް އިސްކަންދޭނެ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.
އިހުސާން ވިދާޅުވީ ޓެސްޓްޕޭޕަރުތައް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ސެންޓަރުތަކަށް ފޮނުވަން ފަށާނެ ކަމަށާއި، މި މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *