ކިޔަވާ ކުދިންނަށް ސްމާޓް ފޯން ދިނުމަކީ އެކުދިންގެ ކިޔެވުމަށް މަގުފަހިވާނެ ކަމެކެވެ.

ލިޔުނީ: އައިޝަތު ޙުޝާމާ ޙުސައިން، ( 10 ބީ، އުކުޅަހު ސްކޫލް)

ކިޔަވާ ކުދިންގެ އުނގެނުމަށް އެންމެ ބޮޑު އިންގިލާބެއް ގެނެސްދިން ފަންނިއްޔާތުގެ ވަސީލަތަކީ ކޮބާތޯއެވެ؟ އެއީ މިއަދު ކިޔަވާކުދިންގެ މެދުގައި އެންމެ މަޤުބޫލު ފަންނިއްޔާތުގެ ވަސީލަތް ކަމުގައިވާ މޯބައިލް ފޯނެވެ. އަޅުގަނޑުމެން ދަރިވަރުން "ސްމާޓް" ބަޔަކަށް ހަދައިދޭ ސްމާޓް ފޯނެވެ. ކިޔަވާކުދިންގެ މެދުގައި ސްމާޓްފޯނަށް މިހާބޮޑު މަގުބޫލު ކަމެއް ލިބިގެން އައީ އެތައްކުދިންނެއްގެ ތައުލީމީ ހަޔާތް އުޖާލާ ކުރުމުގައި ސްމާޓް ފޯނު މުހިއްމު ދައުރެއް އަދާކުރާތީކަން ޔަޤީނެވެ. ތަހުޒީބީ މިޒަމާނުގައި އަދުގެ ކިޔަވާކުދިންނަށް ބެލެނިވެރިން ސްމާޓް ފޯނު ދެނީ އޭގެ ސަބަބުން އެކުދިންގެ ކިޔެވުމަށް މަގުފަހިވާނެ އެތައް ހިދުމަތެއް ސްމާޓް ފޯނުން ހޯދޭތީއެވެ.

ފަންނާއި ޤާބިލްކަން ހޯދުމުގައި ސްމާޓް ފޯނު މިވަނީ ކިޔަވާ ކުދިންނަށް އެތައް ގޮތަކުން އެހީތެރިވެދީފައެވެ. މަދަރުސާ ތަކުގައި ދޭ ފިލާވަޅުތައް ގަޑިއަށް ނިންމުމަށްޓަކައި މިއަދު ދަރިވަރުންނަށް އެންމެ ބޮޑު މަދަދު ވެރިކަމެއް ލިބެނީ ސްމާޓް ފޯނުންނެވެ. އެގޮތުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ސްމާޓް ފޯނުން އެކި އެކި މަންސަތައް ބޭނުންކޮށްގެން ބޮޑެތި އެސައިމެންޓްތަކާއި، ޕްރޮޖެކްޓްތަކާއި އަދި ލީފްލެޓްތައް ނިންމާލެވެއެވެ. ޗެޓް ޖީޕީޑީ ، ގޫގަލް، ނުވަތަ އެސައިމެންޓް ކޮންޕްލީޓަރ ފަދަ މަންސަ ތަކުގެ އެހީތެރިކަން ފިލާވަޅު ނިންމުމަށް ލިބެނީ ސްމާޓް ފޯނު މެދުވެރިކޮށެވެ. މި އާއެކު ކިޔަވާކުދިންނަށް އެކުދިންގެ އެސައިމެންޓްތަކާއި ކަނޑައެޅިފައިވާ މުއްދަތައް ރަނގަޅު ފެންވަރުގައި ނިންމާލެވެއެވެ. ނަތީޖާއަކަށް ވެގެންދަނީ ކިޔަވާކުދިން އިލްމީ ޤާބިލްކަން އިތުރުވެ، ރަނގަޅު ނަތީޖާއެއް ލިބުމަށް މަގުފަހިވެގެން ދިއުމެވެ.

ދުނިޔެ ތަރައްޤީވެ ތަމައްދުންގެ ރޮނގުން މިހާ ބޮޑަށް ކުރިއަރާފައިވާ ޒަމާނެއްގައި ސްމާޓްފޯނުން ކިޔަވާކުދިންގެ ހަޔާތަށް ގެނެސްދިން އެންމެ ބޮޑު ލުއި ކަމަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ފަސޭހަކަމެވެ. އެންމެ ފިލާވަޅަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި ބަރު ބޮޑެތި ފޮތްތައް ކިޔުން މިއަދު މިވަނީ މާޒީވެފައެވެ. އޭގެ ބަދަލުގައި މިއަދު ކިޔަވާ ކުދިންގެ އަތުގައި އޮންނަ ކުޑަކުޑަ ސްމާޓް ފޯން މެދުވެރިކޮށް އެތައް ހާސް މައުލޫމާތެއް އެއްފަހަރާ ލިބެއެވެ. ގޫގަލް، ޑިކްޝަނަރީ ފަދަ މަންސަ ތަކުގައި ބޭނުންވާ މައުލޫއެއް ލިޔެލުމުން އެމައުލޫއަކާއި ބެހޭގޮތުން ލިޔެފައިވާ އެތަކެއް ލިޔުންތަކެއް ފެންނަ ހުރެއެވެ. އަދި މާނަ ނޭންގޭ އާލަފްޒުތަކުގެ މާނަ ސްމާޓް ޑިކްޗަނަރީގެ އެހީގައި އިތުރު އާ މިސާލުތަކާއެކު ސްމާޓް ފޯނުން ހޯދައިދެއެވެ. މިކަންކަމުގެ ސަބަބުން ކިޔަވާ ކުދިންގެ ބަސްކޮށާރު މުއްސަނދިވެ މައުލޫމާތު އިތުރުވެއެވެ. މިއީ ސްމާޓް ފޯނުގެ ސަބަބުން ކިޔަވާކުދިންގެ އުނގެނުމަށް ފަހި ފުރުޞަތުތަކެއް ހުޅުވިގެން ދިޔަ ކަމެވެކެވެ.

ޢިލްމު ހޯދާ ލިބިގަތުމަށް ފެންބޮވައިގަނެފައިވާ އެތަކެއް ދަރިވަރުންގެ ކަރުހިއްކުން ފިލުވައިލަދިން މައިގަނޑު ވަސީލަތަކީ ސްމާޓް ފޯނު ކަމާމެދު ޝައްކެއްވެސް ނެތެވެ. އެކުއްޖެގެ އަމިއްލަގޭގައި މައިންބަފައިން ގާތު ހުރެގެން އުފަލާއެކު ކިޔެވޭނެ މަގު ސްމާޓް ފޯނު މިވަނީ ދަރިވަރުންނަށް ފަހި ކޮށްދީފައެވެ. މިގޮތުން މިއަދު އޮންލައިންކޮށް ސްމާޓްފޯނުގެ އެހީގައި ކިޔަވާ ކުދިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ކޮވިޑްގެ ފުރަންބަދުގެ ދުވަސްވަރު ކިޔެވުން މެދުކަނޑާނުލައި ގިނަދަރިވަރުން ވަނީ ސްމާޓް ފޯނުގެ އެހީގައި ކުރިއަށް ގެންގޮސްފައެވެ. ދަރިވަރުން ބަލިވެގެން ސްކޫލަށް ނާދެވޭ ދުވަސްތަކުގައިވެސް ސްމާޓް ފޯނު މެދުވެރިކޮށް ޒޫމް އަދި ގޫގަލް މީޓް ފަދަ މަންސަތަކުގެ އެހީގައި ސްމާޓް ފޯނުން މިވަނީ ކިޔެވުން ކުރިއަށް ގެންދިއުމަށް އިތުރު ތަނަވަސް ދޮރުތަކެއް ހުޅުވާލަދީފައެވެ. ކިޔަވާ ކުދިންނަށް އޮންލައިންކޮށް ކިޔެވުމުގެ މަގު ފަހިވެގެން ދިއުމަކީ ގިނަ ކުދިންނަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދީ ކިޔަވާކުދިންގެ ހަޔާތް އުޖާލާ ކޮށްދިން ކަމެކެވެ.

ޒަމާނުއްސުރެ ކިޔަވާ ކުދިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަނގަޅު ފެންވަރުގެ މުދައްރިސުން އެކުދިންގެ ސްކޫލުތަކުން ނޫނީ މުޖުތަމައުން ނުލިބުމުގެ ޝަކުވާއެވެ. ނަމަވެސް މިއްދު ސްމާޓް ފޯނު މިވަނީ މި ކުދިންގެ މި ޝަކުވާތަކަށް ނިމުން ގެނެސްދީފައެވެ. ދުނިޔޭގެ އެކި އެކި ކަންކޮޅުތަކުގައި ތިބި މޮޅެތި ޓީޗަރުންގެ ފަރާތުން އުނގެނުމުގެ ފަހި ފުރުޞަތުތައް ސްމާޓް ފޯން މިވަނީ ދަރިވަރުންނަށް ތަނަވަސް ކޮށްދީފައެވެ. މޮޅެތި ހުނަރުވެރި ޓީވަރުން މިއަދު ދަރިވަރުންނާ ކިތަންމެ ދުރުގައި ވީނަމަވެސް އެކުދިންނަށް މިއަދު މިވަނީ އެޓީޗަރުންގެ ފަރާތުން ޓިއުޝަނާއި އިތުރުކުލާސްތައް ނެގުމަށް މަގުފަހިކޮށްދީފައެވެ. މިއީ ކިޔަވާކުދިންނަށް އިލްމު ހޯދާ ލިބިގަތުމަށް ލިބިގެންދިޔަ ފަހި ތަނަވަސް ފުރުޞަތެކެވެ.

ސްމާޓް ފޯން މިވަނީ ކިޔަވާ ކުދިންގެ އުނގެނުމުގެ ހަޔާތަށް ވަރަށް ބޮޑު އިންގިލާބެއް ގެނެސްދީފައެވެ. އެގޮތުން މަދަރުސާތަކުގައި ދެވޭ ފިލާވަޅުތައް ގަޑިއަށް ނިންމުމަށް އެހީތެރިވެދީ އެކުދިންގެ އަގުހުރި ވަގުތުތައް ސަލާމަތް ކޮށްދީފައވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ތަނަވަސް ދޮރުތަކެއް ހުޅުވައި ދެއްވައި، ދަރިވަރުންގެ މައުލޫމާތު މުއްސަނދި ކޮށްދީފައެވެ. އަދި ހަމަ އެހެންމެ ތަމްރީން ލިބިފައިވާ ޤާބިލު ހުނަރުވެރި މުދައްރިސުންގެ މަދަދުވެރިކަން އޮންލައިން ކުލާސްތަކުގެ އެހީގައި ސްމާޓް ފޯނުން މިވަނީ ހޯދަދީފައެވެ. އެހެންކަމުން މި ވަސީލަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަކީ ކިޔަވާކުދިން ނަށް އިލްމީ ގޮތުން އެތަކެއް ކާމިޔާބުތަކެއް ލިބިގެން ދާނެ ކަމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *