އޯލެވެލްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ކޮމްޕިއުޓަރ ސައިންސުން ދުނިޔެއިން ތިންވަނަ ކުޅުދިއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލްގެ ދަރިވަރު އައިޝަތު އަބްދުއްރަހުމާނު ހޯދައިފިއެވެ.
އައިޝަތަށް ގައުމީ ގަދަ ދިހައެއްގެ ދެވަނަ ކަށަވަރުވެފައިވާއިރު، އޯލެވެލްގައި އޭނާ ވަނީ ހަތް އޭ ސްޓަރ އާއި އެއް އޭ ހޯދާފައެވެ.
ގައުމީ ގަދަ ދިހައެއްގައި ޖަލާލުއްދީނުގެ އިތުރު ތިން ދަރިވަރަކުވެސް ވަނީ ހިމެނިފައެވެ. އެއީ ހަތަރު އޭ ސްޓަރއާއި ހަތަރު އޭ ހޯދައިގެން ފަސްވަނައިގައި ހިމެނުނު މައީޝާ އަބްދުލް މާޝިން އާއި ތިން އޭ ސްޓަރއާއި ތިން އޭ ހޯދައިގެން އަށްވަނައިގައި ހިމެނުނު ފާތިމަތު އިނާޝާއާއި، ދިހަ ވަނައިގައި ހިމެނުނު މުޙަންމަދު އިބުރާހިމެވެ. މުޙަންމަދު އިބްރާހިމް ދިހަ ވަނައަށް ދިޔައީ ދެ އޭ ސްޓަރއާއި ތިން އޭ އަދި ތިން ބީ ހޯދައިގެންނެވެ.
އައިޝަތުގެ މަންމަ ނާޒިމާ ބުނީ ގައުމީ ގަދަ ދިހައެއްގައި ހިމެނޭނެ ކަމަށް އުއްމީދު ކުރި ނަމަވެސް ދުނިޔޭގެ ލެވެލްގައި ހިމެނިދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ.
" އައިޝަތަކީ ކިޔަވާ ހިތުން ކިޔަވާ ކުއްޖެއް. ޓާގެޓެއް ކަނޑައަޅައިގެން އެ ޓާގެޓަށް ކިޔަވަމުން ދިޔައީ. ޓޮޕްޓެންގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ހިމެނުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް" ނާޒިމާ ދަރިވަރު ނޫހަށް ކިޔައިދިނެވެ.
ނާޒިމާ ބުނިގޮތުގައި އައިޝަތަކީ އެހާފަސޭހައިން ކަންތައްތައް ނުވާނެ ކަމަަށް ދޫކޮށްލާ ކުއްޖެއް ނޫން ކަމަށާއި، އުއްމީދަކީ އޭލެވެލްގައިވެސް އޯލެވެލްއިން ހޯދި ފަދަ ފަޚުރިވެރި ކާމިޔާބެއް ހޯދުމެވެ.
އައިޝަތު ހޯދި ކާމިޔާބަށް މަރުޙަބާ ދަންނަވަވައި އެ ސްކޫލުން ބުނެފައި ވަނީ އެއީ އެ ސްކޫލަށައި ރަށަށް ހޯދައިދިން ފަޚުރެއް ކަމަށެވެ. އަދި އެކަމުގައި މަސައްކަތް ކުރެއްވި ހުރިހާ މުދައްރިސުންނަށް ވަނީ ޝުކުރއަދާކުރައްވާފައެވެ.
advertisment
ހިޔާލު