ޕްރިންސިޕަލުން މަސައްކަތްކުރަން އެކުލަވާލި އުސޫލު މުރާޖައާކޮށް، އެ އުޞޫލާ ގުޅިގެން ހަދަންޖެހޭ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.
ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުން މަސައްކަތްކުރާނެ އުޞޫލު މުރާޖަޢާކޮށް، ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ފަށާފައި ވަނީ ޕްރިންސިޕަލުން އެ މިނިސްޓްރީއާ އެކިފަހަރު މަތިން ހިއްސާ ކުރައްވާފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމާއެކުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ވަނީ ބުނެފައެވެ. އަދި އެ އުޞޫލުގައި ބުނެފައިވާ ކަންތައްތައް ކުރިއަށް ގެންދާނީ އުޞޫލުގައިވާ ގޮތަށް ގަވާއިދު އާންމު ކުރުމަށްފަހު އެއާ އެއްގޮތަށް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
"ސަރުކާރު ސްކޫލު ތަކުގެ ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުޞޫލު" ގެ ނަމުގައި އުޞޫލެއް އެކުލަވާލީ، ސްކޫލްތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްކޫލުތަކަށް އެންމެ އެކަށީގެންވާ ގާބިލު ޕްރިންސިޕަލުން އައްޔަން ކުރުމާއި، އައު ޚިޔާލުތަކާއި އައު ވިސްނުންތަކަށް ބިނާކޮށް ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް، ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ސްޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.
ސަރުކާރު ސްކޫލުތަކުގެ އިދާރީ އޮނިގަނޑުގައި ތިއްބެވި ޕްރިންސިޕަލުން އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ބަދަލުވާނެ ކަމަށް އެ އުޞޫލުގައި ބުނެފައިވާއިރު، އަދި އެއް އަހަރު ދުވަހުގެ ތެރޭގައި ޕްރިންސިޕަލުންނަށް ޓެނުއަރޝިޕް ހަމަޖައްސައި ނިންމަންވާނެ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.
ޕްރިންސިޕަލުންގެ މަގާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ މަގާމަކަށްވި ނަމަވެސް، ޕްރިންސިޕަލްގެ މަގާމަށް މީހަކު ހޯދަން އިއުލާން ކުރަންވާނީ ސިވިލް ސާވިސް ކޮމިޝަނުގެ ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުން ކަމަށް ބުނެފައިވެއެވެ. އަދި ޕްރިންސިޕަލް ކަމުގެ މަގާމަށް ހޮވާ ފަރާތެއް ކަނޑައަޅާނީ ތަޢުލީމީ ދާއިރާގެ ފަންނީ މަގާމުތަކަށް މީހުން ހޮވުމުގައި މާކުސް ދިނުމުގެ އުޞޫލާއި، ދާއިމީ ގިންތީގެ މުވައްޒަފުންނާ މެދު އަމަލުކުރާ އުޞޫލުންނެވެ.
ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލެއް ކަނޑައަޅަން އެޑިއުކޭޝަން މިނިސްޓްރީގައި ދާއިމީ ކޮމިޓީއެއް އެކުލަވާފައި އޮންނަންޖެހޭނެ ކަމަށް މި އިޞޫލުގައި ކަނޑައަޅާފައިވެއެވެ. އެ ކޮމިޓީ އެކުލަވާލަން ބާރު ދީފައި ވަނީ އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަށެވެ.
ސްކޫލުތަކުގައި ތިއްބަވާ ޕްރިންސިޕަލުންނަކީ އެޑިއުކޭޝަން މިނިސްޓްރީގެ ދާއިމީ މަގާމެއްގައި ތިއްބަވާ ބޭފުޅުންނަށް ވި ނަމަވެސް، އެ މަގާމުގައި ތިއްބަވާނީ އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ޓެނުއަރޝިޕެއްގައެވެ. ސަރުކާރު ސްކޫލެއްގައި ޓެނުއަރޝިޕެއްގައި ހުރެވޭނީ ހަތަރު އަހަރަށެވެ. ޕްރިންސިޕަލް ކަމުގައި އެއް ސްކޫލެއްގައި ހުރެވޭނީ ވިދިވިދިގެން އަށް އަހަރުގެ މުއްދަތަކަށެވެ.
ޓެނުއާޝިޕް އުސޫލުން ޕްރިންސިޕަލުން ސްކޫލުތަކަށް ހަމަޖައްސަން އިންޓާނަލީ އިއުލާނުކުރަން ޖެހޭނެ ކަމަށާއި، އިއުލާނުގައި އެ ވަގުތު ޕްރިންސިޕަލުން ޓެނުއަޝިޕް އުސޫލުން ހަމަޖައްސަން ބޭނުންވާ އިސްކޫލުތައް ބަޔާންކުރަން ޖެހެއެވެ.
ޓެނުއަޝިޕް އުސޫލުން ޕްރިންސިޕަލުން ސްކޫލުތަކަށް ހަމަޖެއްސުމުގައި ޕާފޯމަންސް އެޕްރައިޒަލްއަށް 50 މާކްސް އަދި ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލު ކަނޑައަޅާ ކޮމިޓީގެ ގާބިލްކަން ދެނެގަތުމަށް ކުރާ އިންޓަވިއުއަށް ވެސް 50 މާކްސް ކަނޑައަޅާފައި ވެއެވެ.
advertisment
ހިޔާލު