އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި އެންމެ ކާމިޔާބު ސްކޫލަކީ އައްޑޫ ހައި ސްކޫލާއި އެމްޖޭއެސް

އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި ވިހި އަހަރުން ދަށުގެ ދެ ބައިން ވެސް ޗެމްޕިއަން ހޯދި އައްޑޫ ހައި ސްކޫލުގެ ޓީމް: އެތްލެޓިކްސްގައި އެ ސްކޫލަކީ ކާމިޔާބު ސްކޫލެއް- ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީގައި ބޭއްވީ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި އެންމެ ކާމިޔާބު ސްކޫލަށް އައްޑޫ ހައި ސްކޫލާއި ފުވައްމުލައް ސިޓީގެ މުޙައްމަދު  ޖަމާލުއްދީން ސްކޫލް ހޮވިއްޖެއެވެ.

އެ ދެ ސްކޫލުން ކުރެ ކޮންމެ ސްކޫލަކުން ވަނީ އެއް އުމުރު ފުރައަކުން ފިރިހެން އަދި އަންހެނުންގެ ޗެމްޕިއަންކަން ހޯދާފައެވެ. އައްޑޫ ހައި ސްކޫލް ޗެމްޕިއަންކަން ހޯދީ ވިހި އަހަރުން ދަށުގެ އަންހެން އަދި ފިރިހެނުންގެ ބައިންނެވެ. އެމްޖޭއެސް ޗެމްޕިއަންކަން ހޯދީ 15 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ކުދިންގެ ބައިންނެވެ.

31 ސްކޫލަކުން ބައިވެރިވި މި މުބާރާތުގެ ދެން ހުރި އުމުރުފުރާ ތަކަށް ބަލާއިރު، ތޭރަ އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަނުންނަކީ މަރަދޫ ސްކޫލެވެ. އަންހެން ޗެމްޕިއަން ސްކޫލަކީ ހާފިޒު އަހުމަދު ސްކޫލެވެ. 17 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެން ޗެމްޕިއަނުންނަކީ ޏ. އަތޮޅު ތައުލީމީ މަރުކަޒެވެ. އަންހެން ޗެމްޕިއަނުންނަކީ ޝަރަފުއްދީން ސްކޫލެވެ.

އެންމެ މޮޅު އެތްލީޓުންނަށް ބަލާއިރު، ވިހި އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތްލީޓަކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ހުސެއިން ޒީކް ސުވާދެވެ.  އޭނާ ވަނީ ވިހި އަހަރުން ދަށުގެ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމުގެ އިތުރުން މީޓް ރެކޯޑް ވެސް ހަދާފައެވެ. ވިހި އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތްލީޓަކީ އައްޑޫ ހައި ސްކޫލުގެ ހައްވާ މުޒްނާ ފާއިޒެވެ. މުޒްނާ ވަނީ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދާ، މި ތިން ކެޓަގަރީން ވެސް މީޓް ރެކޯޑް ހަދާފައެވެ.

ސަތާރަ އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ އަފީދުއްދީން ސްކޫލްގެ ސިޒާން އަލީއެވެ. އެންމެ މޮޅު އަންހެން އެތުލީޓަކީ ޝަރަފުއްދީން ސްކޫލްގެ އާސިޔަތު އަތުފާ ރަޝީދެވެ. ފަނަރަ އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ މަރަދޫ ސްކޫލްގެ މުހައްމަދު ޔޫނުސް ބިން ހުސެއިން ބިން އިބްރާހިމެވެ. އަންހެން އެތުލީޓަކީ މުހައްމަދު ޖަމާލުއްދީނުގެ ނީމް އިބްރާހިމް އަހުޝަންއެވެ.

މި މަހުގެ 11ން 16އަށް ކުރިއަށް ގެންދިޔަ އެތްލެޓިކްސް މީޓްގައި 2000އަށްވުރެ ގިނަ އެތްލީޓުން ވާދަ ކުރިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *