އއ. ތޮއްޑޫ ސްކޫލުގެ ހައުސްތަކުގެ މެދުގައި ބޭއްވި ހޭންޑް ބޯޅައާއި ފުޓްބޯޅަ މުބާރާތުގައި ދަރިވަރުން ބޭނުން ކުރީ އެ ދަރިވަރުން އަމިއްލައަށް ފަރުމާކުރި ކުރި ޖޯޒީއެވެ. ކޮންމެ ޖޯޒީ އެއްގެ އަރިމަތީ ގައި ފަލަސްޠީން ދިދަ އާއެކު "ފްރީ ޕަލަސްޠީން" ޖަހާފައިވެއެވެ.
އެ ސްކޫލުގެ ތިން ހައުސްގެ މެދުގައި، ފިރިހެން ދަރިވަރުންނަށް ގެންދިޔައީ ފުޓްބޯޅައެވެ. އަންހެން ދަރިވަރުންނަށް ގެންދިޔައީ ހޭންޑް ބޯޅައެވެ. ތޮއްޑޫ ސްކޫލުގައި އޮންނަނީ މަދޮށި ހައުސްއާއި މިދިލި ހައުސްގެ އިތުރުން ކާނި ހައުސްއެވެ. ތިން ހައުސް އިން ޖުމްލަ 12 ޓީމު މި މުބާރާތުގައި ކުޅެފައިވެއެވެ.
12 އަހަރުން މައްޗާއި 12 އަހަރުން ދަށުގެ އުމުރުފުރާގައި ޖުމްލަ 241 ދަރިވަރުން 28 މެޗު ކުޅުނެވެ.

" މި މުބާރާތުގެ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރަނީ ދަރިވަރުންގެ ޖާރޒީ. މި ޖާރޒީ ތަކަކީ ދަރިވަރުންގެ އަމިއްލަ ފަރުމާ ތަކެއް. ވަރަށް ގިނަ އަދަދެއްގެ ފަތުރު ވެރިން މެޗު ތައް ބަލަމުން ދިޔައިރު ފަލަސްޠީނުގެ ދިދަ ޖާރޒީގައި ޖަހާލައިގެން ކުޅުމަކީ އަޅުގަނޑުމެން ފަޚްރެއްކަމުގައި ދެކުނު. އޭގެ ސަބަބުން ސްކޫލުން ދޭން ބޭނުންވާ މެސެޖު ފޯރުކޮށްދެވުނު. ދަރިވަރުންނަކީ ޒިންމާދާރު ބާރުވެރި ބަޔަކަށް ހެދުމަށް ސުކޫލުން ވަރަށް ބޮޑަށް އިސްކަމެއް ދޭ" ޕްރިންސިޕަލް އާދަމް އަފްޒަލް ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ، އެ ފަދަ ކޮންމެ މުބާރާތަކަށް ތޮއްޑޫގެ ވިޔަފާރިވެރިން ދެއްވާ އެއްބާރުލުން ވަރަށް އުފަލާއިއެކު ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ދަރިވަރުން ފަރުމާ ކުރި ޖާރޒީ ތަކުގެ ގްރެފިކު ޑިޒައިން ހަދާދެއްވި ރިއަލް ޖާރޒީ އަށް ވެސް ވަރަށް ހާއްސަ ޝުކުރެއް ދަންންވާ ކަމަށެވެ.

ތޮއްޑޫ ސްކޫލުގެ ލީޑިންގ ޓީޗަރު، މަރިޔަމް ލިއުޝާ ދަރިވަރު ނޫހަށް ވިދާޅުވީ މުބާރާތުގައި ބޭނުންކުރާނެ ޖޯޒީ ފަރުމާކުރަން ބޭނުންވެގެން ސްކޫލަށް ހުށައެޅީ ދަރިވަރުން އަމިއްލަ އިސްނެގުމަށް ކަމަށެވެ. އެހެންވެ ހައުސް މުބާރާތަށް ބޭނުންވާ ޖޯޒީ ފަރުމާކުރަން އެ ސްކޫލުގެ ދަރިވަރުންނަށް ހުޅުވާލީ ކަމަށް ލިއުޝާ ވިދާޅުވިއެވެ.
" ދަރިވަރުންގެ ފަރާތުން އެ ހުށައެޅުން އައީމާ އަޅުގަނޑުމެން ޖޯޒީ ފަރުމާކުރަން ހުޅުވާލީ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް. މުބާރާތެއްގެ ގޮތަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ފަރުމާތަކެއް ލިބުނު. އޭގެ ތެރެއިން އެންމެ ރަނގަޅު ކަމަށް ޖަޖުންގެ ޕެނަލަކުން ހޮވި ފަރުމާތަކަށް ޖޯޒީ ތައްޔާރު ކުރީ" ލިއުޝާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖޯޒީ ފަރުމާކުރަން ދަރިވަރުންގެ ޝަޢުޤުވެރިކަން ބޮޑު ކަމަށާއި، ގިނަ އަދަދެއްގެ ފަރުމާ ދަރިވަރުން ހުށަހެޅި ކަމަށެވެ.
" އަޅުގަނޑުމެން އުއްމީދު ނުކުރާ ވަރަށް ތަރުޙީބު ލިބުނު" ލިއުޝާ ވިދާޅުވިއެވެ.
ފުޓްބޯޅައާއި ހޭންޑް ބޯޅަ މުބާރާތުގައި، ތިން ހައުސްގެ ޓީމުތަކުން ބޭނުން ކުރީ އެންމެ ރަނގަޅު ކަމަށް ކަނޑައެޅި ފަރުމާ ތަކަށް ތައްޔާރު ކުރި ޖޯޒީ ތަކެވެ. އެންމެ ރީތީ ފަރުމާތަކަށް ހެދި ދަރިވަރުންގެ އަގުވަޒަންކޮށް ސެޓްފިކެޓްވެސް އެ ސްކޫލުން ދިނެއެވެ.
advertisment
ހިޔާލު