ރާއްޖޭގެ ފުރަތަމަ ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ޚިދުމަތް ރަސްމީކޮށް ދުވާފަރު ސްކޫލުން ފަށައިފި

ރާއްޖޭގެ ފުރަތަމަ ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ޚިދުމަތް ދުވާފަރު ޕްރައިމަރީ ސްކޫލުން ފަށައިފިއެވެ. އެ ސްކޫލުން މި ޚިދުމަތް ރަސްމީކޮށް ފެށީ ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ދިން ވަގުތީ ހުއްދައިގެ ދަށުންނެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ދާދި ފަހުން ވަނީ ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ޚިދުމަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެވިދާނެ ޚިދުމަތެއްތޯ ބެލުމުގެގޮތުން ޕައިލެޓް ޕްރޮޖެކްޓެއް ފަށާފައެެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލްގެ ޕްރިންސިޕަލް މުޙަންމަދު ޝުކުރީ ވިދާޅުވީ ކޮމިއުނިޓީ ޓީވީގެ ޚިދުމަތް ދެމުން ގެންދަނީ އެރަށުގައި ކޭބަލްޓީވީގެ ޚިދުމަތް ދެމުން ގެންދާ ކޭ ޓީވީގެ ކޭބަލް ވިއުގަ މެދުވެރިކޮށް ކަމަށެވެ.
ޝުކުރީ ވިދާޅުވީ ފުރަބަންދުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް އެ ސްކޫލުން ޓީވީގެ ޚިދުމަތް ފައިގަނެ މިހާރުވެސް ދަރިވަރުންނަށް އެ ޗެނަލް މެދުވެރިކޮށް ފިލާވަޅު ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

" މިފަދަ ވަޞީލަތެއް ބޭނުން ކުރުމުން އިންޓަރނެޓް ސްޕީޑް ދަށްވުމުގެ މައްސަލައެއް ނުނުކުންނާނެ. ގޭގައި ތިބެގެން ފިލާވަޅުތައް ފޯރުކޮށްދެވޭ. ޓީވީން ނުފެންނަ ކުދިންނަށް ޔޫޓިއުބް ޗެނަލް މެދުވެރިކޮށްވެސް ފިލާވަޅުތައް ލިބެން ހުންނާނެ" ޝުކުރީ ވިދާޅުވިއެވެ.
ޝުކުރީ ވިދާޅުވި ކުރިއަށް އޮތް ތަނުގައި ސްކޫލްގެ ހަރަކާތްތައް ވެސް ޗެނަލުން ގެނެސްދޭނެއެވެ.

މި މަޝްރޫޢު އިފްތިތާޙުކުރުމުގެ ގޮތުންނާއި، ދުވާފަރު ޕްރިމަރީ ސުކޫލަށް ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތްދިނުމުގެ ޚާއްޞަ ހުއްދަ ލިބުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔުމުގެ ގޮތުން، އެ ސްކޫލާއެކު ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ޒޫމް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމަކަށް މިއީ ވަރަށް ފައިދާ ހުރި މުހިންމު ޚިދުމަތެއް ކަމަށާއި، ޚިދުމަތް ދޭ ފަރާތްތަކަށް ކޮމިޝަނުން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ދުވާފަރު ޕްރައިމަރީ ސުކޫލަށް ދޫކޮށްފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ޚާއްޞަ ހުއްދައިގެ ދަށުން ޚިދުމަތް ދޭނީ ރ. ދުވާފަރު ސަރަޙައްދަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *