އަފުހަމް ތާސްބައިން ދައްކާ ޖާދޫ

ސްކޫލަށް ނުދެވި ގޭގައި އިންނަން ޖެހުމުން ލިބޭ ހުސްވަގުތުގައި ށ. ފުނަދޫ ސްކޫލްގެ ފަސްވަނަ ކިލާހު ގައި ކިޔަވަމުންދާ އާދަމް އަފުހަމް އަޝްފާގު ނެގީ އޭނާގެ ތާސްބައެވެ. ޔޫޓިއުބުންނާއި އިންޓަރ ނެޓުން އޭނާ ދަސްކުރަން ފެށީ ޖާދޫގެ އެތައް ހުނަރެކެވެ.

ގޭގައި އުޅުނަސް، ބޭރަށް ދާއިރުވެސް އޭނާގެ ޖީބުގައި ތާސްބައެއް ނެތް އިރެއް ނުދެއެވެ. ތާސްބައިން " ޓްރިކެއް" ހަދާލަން މީހަކު ބުނާ އިރަށް އޭނާއަށް އެއީ ބޮޑުކަމެއް ނޫނެވެ. އެހާވެސް އެކަމަށް އޭނާ ދޭ ސަމާލުކަން ބޮޑެވެ.

" ފުރަބަންދުގެ ތެރޭގައި ޔޫޓިއުބުން ވީޑިއޯއެއް ފެނިގެން ޝަޢުޤު އުފެދުނީ، އޭގެ ތެރެއަށް ވަދެގެން ވަރަށް ގާވެގެން ދަސްކުރީ. ވަރަށް ގިނަ ވަގުތު އެކަމުގައި ހޭދަކުރޭ" އަފުހަމްގެ މަންމަ އައިޝަތު ރަޒިއްޔާ ( ރަޒީ) ކިޔައިދިނެވެ.

ކޮވިޑާ ގުޅިގެން އެހެން ސްކޫލްތަކޭ އެއްގޮތަށް ފޮނަދޫ ސްކޫލްގައި ކިޔަވައިދެމުން ގެންދަނީ ހަފުތާއަކު ދެ ދުވަހުއެވެ. ދެން ކިޔަވައި ދެނީ އޮންލައިކޮށެވެ. އެހެންވެ ފިލާވަޅު ދަސްކުރުމުގެ އިތުރުން ހުސްވަގުތު އަފުހަމްއަށް ލިބެއެވެ. އެ ހުރިހާ ވަގުތެއްވެސް އޭނާ ހޭދަކުރަނީ އާ ޖާދޫއެއް ދަސްކުރުމުގައެވެ. ދަސްކުރާ ޖާދުލަށް އެތައް ބައެއްގެ ތަޢުރީފު ދަނީ އޭނާއަށް ލިބެމުންނެވެ.

ތާސްބައިން މީހުން ހައިރާންކޮށްލާފަދަ 30 ވަރަކަށް ޖާދޫ އޭނާ ވަނީ ފަސްކޮށްފައެވެ. އަދި ދަސްކުރަންޖެހޭ ބައި ކުރިއަށް އޮތީއެވެ.

" ގެއިން ބޭރުގައި އުޅޭއިރު، އަފުހަމް ފެނިގެން މީހަކު ބުނެފާނެ ޓްރިކެއް ހަދަން، ވަގުތުން ޓްރިކެއް އެމީހަކަށް ދައްކާލަފާނެ" ރަޒީ ބުންޏެވެ.

" އަފުހާމް ޕީސީ ކޮމެޑީ" ގެ ނަމުގައި އޭނާ ދަނީ ޔޫޓިއުބު ޗެނަލެއްވެސް ހިންގަމުންނެވެ. މި ޗެނަލުގައި އޭނާގެ އެތައް " ޓްރިކެއް" ފެންނަން އެބަހުއްޓެވެ. އަދި އޭނާގެ އެތައް ހުނަރެއްވެސް އެ ޗެނަލުން ފެންނަން އެބަހުއްޓެވެ.
ޔޫޓިއުބު ޗެނަލްއަށް ލާ ކޮންމެ ވީޑިއޯއަކީވެސް އޭނާގެ މަސައްކަތެކެވެ. ކެމެރާއިން ވީޑިއޯ ނެގުމަށްފަހު އެޑިޓް ކުރަނީ ފޯނުންނެވެ. ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އަފުހަމްގެ ޗެނަލަށް ވަންނަ މީހުން ދަނީ އިތުރުވަމުންނެވެ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އެތައް ޖާދުލެއް ދައްކަން އޭނާ ހުރީ ނިންމައިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *