ރީތިކޮށް ބަންގިގޮވާ ކުޑަކުޑަ އިމާމުގެ ލޯ މަދީނާ ޔުނިވަރސިޓީއާ ދިމާލަށް

މުހައްމަދު ލުތުފީ

ޝަޔަލް އާ ބައްދަލުވަނީ ފުވައްމުލަކު ފުނާޑުއަވަށުގެ މަސްޖިދު ތައުބާ އިންނެވެ. އެއީ ހުނަރުން ފުރިގެންވާ އުމުރުން 9 އަހަރުގެ ކުޑަ ކުއްޖެކެވެ. ހުކުރުދުވަހު އެމިސްކިތުގައި ގޮވި ދެ ބަންގި ވެސް ގޮވީ ޝަޔަލް އެވެ. ރީތި ރާގަކަށެވެ. ޢަރަބި މަޚުރަޖުންނެވެ. ހިތްގައިމު އަޑަކުންނެވެ. އުމުރުން ކިތަންމެ ހަގެއް ކަމަކު އެތައް ބައެއްގެ ކުރިމަތީގައި ހުކުރު ޖަމާއަތުގައިވެސް އެއްވެސް ޖެހިލުމެއް ބިރެއްނެތި އަރަބި މަޚުރަޖުން ރީތިކޮށް ބަންގި ގޮވާ ހެދުމަކީ ޝަޔަލް އަށް އެއްވެސް ކަމެއް ނޫނެވެ.

ފުވައްމުލަކު ކައުންސިލުން އެރަށުގެ އިމާމުންނާއި ގުޅިގެން ހިންގި ނަމާދު ޕްރޮގްރާމް ގައި ބައިވެރިވެ ދަސްވެނިވެފައިވާ ޢަލީ ޝަޔަލް އިބްރާހީމް މައުރޫފަކީ، ހާފިޒު އަހުމަދު ސްކޫލްގެ ގްރޭޑް 3 ގައި ކިޔަވާ ކުއްޖެކެވެ. ޝަޔަލްގެ މަންމަ ބުނިގޮތުގައި އޭނާ އަބަދުވެސް ދެކެމުންއަންނަ ހުވަފެނަކީ އިމާމަކަށް ވުމެވެ.

"އެންމެ ކުޑައިރުވެސް ބުނާނެ، ވާނީ އިމާމަކަށޭ." ޝަޔަލްގެ މަންމަ ކިޔައިދިނެވެ." މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ކުރިންވެސް ނަމާދުގައި ކިޔާތަކެތި ދަސްކޮށްފި."

ބައެއް ދުވަސްދުވަހު މަސްޖިދު ޞިއްދީޤު ގައި އަދި މަންހަޖުލްހުދާ މިސްކިތުގައި ޝަޔަލް އިމާމުވެ ނަމާދު ކުރެއެވެ. މަސްޖިދު ޞިއްދީޤު ހުންނަނީ ކުޑަކުޑަ އިމާމު ދިރިއުޅޭ ގެ، "ނަސްރު" އާ ވަރަށް ކައިރީގައެވެ. މަންހަޖުލްހުދާ ގެއާ ދުރުގައެވެ. ދެ މިސްކިތުގެ އިމާމުންނަށްވެސް ޝަޔަލް އަށް އިތުބާރު އޮވެއެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ 40 ދުވަހުގެ މުއްދަތަށް އެކި މިސްކިތްތަކުގައި އިމާމުންގެ ބެލުމުގެ ދަށުން ހިންގި ނަމާދު ޕްރޮގްރާމް ކާމިޔާބު ކަމުގައެވެ. މި ޕްރޮގްރާމްގައި ބައިވެރިކުރީ އުމުރުން 9 އަހަރާއި 13 އަހަރުން ދަށުގެ ކުދިންނެވެ. ޕްރޮގްރާމް ފުރިހަމަކުރި ކުދިންގެ ތެރެއިން އެންމެ ހަގީ ޝަޔަލެވެ. މި ޕްރޮގްރާމް ހިންގި ކޮންމެ މިސްކިތެއްގައި 20އާއި 25 އާ ދެމެދުގެ އަދަދެއްގެ ކުދިން ބައިވެރިވިއެވެ. ޝަޔަލް ނަމާދު ޕްރޮގްރާމް ފުރިހަމަކުރީ ގޭ ކައިރީގައި ހުންނަ ތައުބާ މިސްކިތުގައެވެ.

ނަމާދު ޕްރޮގްރާމަކީ، އެރަށުގެ ކޮންމެ ރައްޔިތަކީ 5 ނަމާދު ގާއިމުކުރާ ރައްޔިތަކަށް ހެދުމުގެ މަގްސަދުގައި ހިންގެވި ޕްރޮގްރާމެކެވެ. ޝަޔަލް ބުނީ، މި ޕްރޮގްރާމުން ކުދިންނަށް ނަމާދުގެ ހަރަކާތްތައް ދަސްވި ކަމުގައެވެ. އަދި ވުޟޫކުރާނެގޮތާއި، ނަމާދުގައި ކިޔާތަކެތި ދަސްކޮށްދީ، ޤުރުއާނުން ކޮންމެވެސް މިންވަރެއް ހިތުން ދަސްކުރުވިއެވެ. އަދި އަޤީދާ އާއި ގުޅޭ މައުލޫމާތު އިމާމުން ދެއްވިއެވެ.

"އެންމެ ކުރަން ބޭނުންވަނީ އިމާމްކަން" ޚަތިމްގެ 29 ވަނަ ފޮތުން ބޮޑު ބަޔަކާއި 30 ވަނަ ފޮތް ހިތުން ދަސްކޮށްފައިވާ ޝަޔަލް އޭނާގެ އުންމީދު ފާޅުކުރިއެވެ. ޝަޔަލްގެ މިކާމިޔާބީއާއި މެދު މަންމަ އާއި ބައްޕަ ތިބީ އުފަލުންނެވެ. މަންމަގެވެސް އުންމީދެއް އެބައޮތެވެ. އެއީ ލިބޭ ފުރުސަތެއްގައި ކޮންމެވެސް ދުވަހަކުން މަދީނާ ޔުނިވަރސިޓީން ޤުރުއާންގެ އިލްމް ކިޔަވައިގެން ރަށުގައި އިމާމުވެ ޝައިލް ނަމާދުކުރާތަން ދުށުމެވެ. ޝަޔަލްގެ ލޯވެސް ވަނީ މަދީނާއާ ދިމާއަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *