މާލީ ދަތިތަކާހުރެ ކުޅުދުއްފުށީ އަމީރު އަމީން ސްކޫލް ބަންދުކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ. ކޮންމެ ކުއްޖެއްގެ އަތުން 350ރުފިޔާގެ ފީއެއް ނަގައިގެން ހިންގަމުން އައި އެ ސްކޫލަށް މާލީ ދަތިތަކާ ކުރިމަތިވީ ކޮވިޑްއާ ގުޅިގެން ބެލެނިވެރިން ފީ ދައްކަމުން ނުދިއުމުންނެވެ. ކޮވިޑާ ގުޅިގެން ކިޔެވުން ހުއްޓާލަން ޖެހުމާ ގުޅިގެން އެ ސްކޫލްގެ މުދައްރިސުންނަށް މުސާރަ ދެމުން ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ކައުންސިލުންނެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފު ދަރިވަރު ނޫހަށް ވިދާޅުވީ ސްކޫލް ހުއްޓާލަން ނިންމީ މާލީގޮތުން ފައިދާ ހުރި ގޮތަކީ އެއީކަމަށް ގާނޫނީ ލަފާއެއްވެސް ލިބުމާ ގުޅިގެން ކަމަށެވެ. ކޮވިޑްއާ ގުޅިގެން ގިނަ ބައެއްގެ އަތްމަތި ދަތިވުމުން ކުރިން ދައްކަމުން އައި ފީ ބެލެނިވެރިންނަށް ދައްކަން ދަތިވުމާއި، ގިނަ އަދަދެއްގެ ކުދިން ވަކިކުރަން ބެލެނިވެރިން އެދެމުން ދިއުމެވެ.
ލަތީފު ވިދާޅުވީ ޕްލޭސްކޫލެއްގެ ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން ބޭބީނާސަރީ އަދި ނާސަރީއަށް ކިޔަވައިދޭން ފެށި ސްކޫލްގައި މިހާރުވެސް 18 މުދައްރިސުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އަހަރެއްގެ މައްޗަށް ކައުންސިލުން އެކަނިވެސް މަރާމާތުގެ މަސައްކަތާއި މުސާރައަށް އަށް ލައްކަ ރުފިޔާ ޚަރަދުވަމުންދާ ކަމަށެވެ.
" ދަރިވަރުން އަތުން ނެގޭ ފީގެ އިތުރުން ކައުންސިލުން ބޮޑު އެއްޗެއް ކޮންމެ އަހަރަކުވެސް މި ހޭދަކުރަނީ. ކޮވިޑާ ގުޅިގެން ގިނަ ބެލެނިވެރިންނަށް ފީ ދެއްކޭކަށް ނެތް. ފީ ކުޑަކުރަން ބަލާއިރު އެކަންވެސް ކުރެވޭކަށް ނެތް" އެހެންވެ އެންމެ ފައިދާ ހުރި ގޮތަކީ ޕްރައިވެޓް ޕާޓްނާޝިޕެއްގެ ތެރެއިން މިކަން ކުރުން" ލަތީފު ވިދާޅުވިއެވެ.
ލަތީފު ވިދާޅުވީ 322 ކުދިން ކިޔަވަމުން ދިޔަ ސްކޫލުން 130 ކުއްޖަކު ވަކިވާން މިހާރުވެސް އެދިފައިވާ ކަމަށާއި، ސްކޫލް ބަންދުކުރަން ނިންމީ ފިނޭންސް މިނިސްޓްރީއާ ވެސް މަޝްވަރާކުރުމަށްފަހު ކަމަށެވެ.
" ބެލެނިވެރިންގެ އަތުން ފީއެއް ނުނަގާ ހިންގާނަމަ އަހަރެއްގެ މައްޗަށް 1.5 މިލިއަން ރުފިޔާ ލިބިގެން ނޫނީ ސްކޫލެއް ހިންގޭކަށް ނެތް. އެވަރުގެ އަދަދެއް ޚަރަދު ކުރުމަކީ ކައުންސިލްގެ މަލީ ތަނަވަސްކަމަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫން" ލަތީފު ވިދާޅުވިއެވެ.
އަމީރު އަމީން ސްކޫލް އުފެދިގެން އައީ ޕްރީ ސްކޫލެއްގެ ގޮތުގައި ނަމަވެސް، 2015 ވަނަ އަހަރު ޕްރީ ސްކޫލްތައުލީމް ސަރުކާރުގެ ސްކޫލްތަކުން ދޭން ފެށުމުން، އެ ސްކޫލް ޚާއްޞަ ކުރީ ބޭބީނާސަރީ އަދި ނާސަރީ ކުދިންނަށް ކިޔަވައިދޭ ޕްލޭސްކޫލެއްގެ ގޮތުގައެވެ. އެ ސްކޫލް ބަންދުކުރަން ނިންމިއިރު، 24 މުވައްޒަފުން މަސައްކަތް ކުރަމުން ގެންދެއެވެ.
advertisment
ހިޔާލު