ކާރިސާގެ އަސަރު ކުޑަކުރަން ޓީޗަރުން ގެންގުޅޭ އީޖާދީ ވިސްނުންތަކުން އެ މީހުންގެ އިސްނެގުން ހާމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޙިޠާބުގައެވެ.
އާއްމު ހާލަތުގައި ފިލާވަޅު ތައްޔާރުކުރުމަށް ޓީޗަރުން ކުރާ ބުރަ މަސައްކަތާއި އެކަމަށް ހޭދަވާ ވަގުތު، ޓީޗަރެއްގެ ހައިސިއްޔަތުން އެކަމަނާއަށް އެނގިވަޑައިގަންނަވާ ކަމަށާއި، މިހާރު އޮތް ބަލިމަޑުކަމާ ކުރިމަތިލަމުން އަމިއްލަ އާއިލާއަށް ވަގުތުދެމުން ފިލާވަޅުތައް ނަގައިދެމުން ގެންދަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
" ދަރިވަރުންގެ ކިޔެވުން އާންމު ހާލަތަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގިނަގުނަ. ނަމަވެސް ކާރިސާއިން ލިބުނު ޢިބުރަތުން ފިލާވަޅުލިބި މުދައްރިސުންގެ ހިތްވަރާއެކު އީޖާދީ ވިސްނުންތަކުން މުސްތަޤްބަލަށް ކުރަހާލަދެއްވި ތަޞައްވަރުން އުއްމީދު އާވެއްޖެ" މިނިސްޓަރުގެ ހިޠާބުގައި ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ ޓީޗަރެއްގެ ކްލާހުގައި ހުރިހާ ދަރިވަރުންގެ ސަމާލުކަން ހޯދުމަށް ކުރާ މަސައްކަތަށް ޝަރަފު ދެވިފައިވާ ކަމަށާއި، އެކަން އެގޮތަށް ކުރެވުނީ އެންމެ ކުއްޖަކު ފިލާވަޅުގައި ބައިވެރިކުރުމަށްޓަކައި ޓީޗަރަކު ކުރަންޖެހޭ ބުރަ މަސައްކަތް ބެލެނިވެރިންނަށް ތަޖުރިބާކުރެވުމުން ކަމަށެވެ.
" ކްލާސްރޫމްގެ ހަތަރު ފާރުން ބޭރުގެ ގޭތެރެއަށް ޓެލިކިލާސް އައުމުން ޓީޗަރުން ކުރާ މަސައްކަތްތަކަށް އިތުރު ގަދަރުދެވި އެމީހުންނަށް ހިތުގައި ދެވިފައިވާ ލޯބި ވެސް އެތައް ގުނައަކުން ވަނީ އިތުރުވެފައި" މިނިސްޓަރު ވިދާޅުވިއެވެ.
ފުރަބަންދުގެ ތެރޭގައާއި މި އުނދަގޫ ދުވަސްވަރުގައި މުދައްރިސުން އިސްނަންގަވާ ދަރިވަރުންނަށް ދެވޭ ފިލާވަޅުތައް އެއްވާނެއްގައި ފޯރުކޮށްދެއްވުމުގައި ދެމިތިއްބެވި، ސިއްހީ ކާރިސާއެއްގެ ހިރާސްއާ ކުރިމަތިލަމުން، އަމިއްލަ އާއިލާއަށް ވަގުތުދެމުން ދަރިވަރުންގެ ހާލު ބަލަމުން، ކުރިން ނުފަރިތަ މަންސަތަކަށް ފާގަތިވެ، އެ ބޭނުންކުރުމަށް ތަމްރީނުހޯދާ، ދަރިވަރުންނަށް އާ ފިލާވަޅުތައް ނަންގަވާދެއްވަމުން އެބަ ގެންދަވާ ކަމަށް އެޑިއުކޭޝާން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ޙިޠާބުގައި ވިދާޅުވެފައިވެއެވެ.
advertisment
ހިޔާލު