ތައުލީމާ ތަމްރީނު ދިނުމަށް މެނުވީ ސޯޅަ އަހަރު ނުފުރޭ ކުދިން ލައްވައި މަސައްކަތެއް ނުކުރެވޭނެ: ގަވާއިދު

ސޯޅަ އަހަރު ނުފުރޭ ކުއްޖަކު ލައްވައި ތަޢުލިމާއި ތަރުބިއްޔަތު ދިނުމަށް މެނުވީ ވަޒީފާއެއް، މަސައްކަތެއް ނުކުރެވޭ ގޮތަށް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ އާންމު ގަވާއިދުގައި ހިމަނައިފިއެވެ.

މިއަދު ގެޒެޓްކުރި އެ ގަވާއިދުގައި ބުނެފައިވާ ގޮތުން ކުއްޖާއަށް ތަޢުލީމު އުނގެނުމަށް ހުރަސްއެޅޭ ފަދަ ނުވަތަ ކުއްޖާގެ ޞިއްޙަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫޙާނީ ނުވަތަ އިޖުތިމާޢީ ތަރައްޤީއަށް ނޭދެވޭ އަސަރެއް ނުވަތަ ގެއްލުމެއް ކުރިމަތިކުރުވައިފާނެ ފަދަ މަސައްކަތްތަކުން ރައްކައުތެރިކަން ލިބުމުގެ ޙައްޤު ކޮންމެ ކުއްޖަކަށް ވެސް ލިބިދީފައި ވެއެވެ.
އުމުރުން 16 އަހަރު ނުފުރޭ ކުއްޖަކު، އެ ކުއްޖެއްގެ ތަޢުލީމާއި ތަރުބިއްޔަތާ ގުޅޭ ގޮތުން ތަމްރީނު ދިނުމަށް މެނުވީ، ވަޒީފާއެއްގައި ނުވަތަ މަސައްކަތެއް ކުރުވުމަށް ގެންގުޅުން މި ގަވާއިދުން މަނާކުރެއެވެ. ނަމަވެސް ޢާއިލާގެ ފަރާތުން ކުރާ މަސައްކަތެއްގައި ކުއްޖާ ބައިވެރިކުރުން ހުއްދަވާނީ، އެ މަސައްކަތަކީ، ކުއްޖާއަށް ތަޢުލީމު އުނގެނުމަށް ހުރަސްއެޅޭ ފަދަ ނުވަތަ ކުއްޖާގެ ޞިއްޙަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫޙާނީ ނުވަތަ އިޖުތިމާޢީ ތަރައްޤީއަށް ނޭދެވޭ އަސަރެއް ނުވަތަ ގެއްލުމެއް ކުރިމަތިވެދާނެ ފަދަ މަސައްކަތެއް ކަމުގައި ނުވާ ނަމައެވެ.

ކުޑަކުދިން ބައިވެރިކުރުވޭނެ މަސައްކަތްތައް ކަމަށް ބުނެފައި ވަނީ ކުއްޖާގެ ޞިއްޙަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫޙާނީ ނުވަތަ އިޖުތިމާޢީ ތަރައްޤީއަށް ގެއްލުމެއް ނުލިބޭނޭ އަދި ނުރައްކައުތެރި ނުވާނެ ފަދަ، ކުއްޖާގެ ތަޢުލީމަށް ހުރަސްނޭޅޭނެ ނުވަތަ ކުއްޖާއަށް ތަޢުލީމު ހާސިލުކުރުމުގެ މަންފާއިން އެ ކުއްޖަކު މަޙުރޫމް ނުކުރުވާ ފަދަ ލުއި މަސައްކަތްތަކަށެވެ.

ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް ކަމުގައި 17 ކަމެއް ފާހަގަކޮށްފައިވެއެވެ. އެ ކަންތައްތަކަކީ:

1-ކުއްޖާގެ ޞިއްޙަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫޙާނީ ނުވަތަ އިޖުތިމާޢީ ތަރައްޤީއަށް ގެއްލުމެއް ނުވަތަ ނުރައްކައުތެރި މަސައްކަތްތައް؛
2-ކޮންސްޓްރަކްޝަންގެ މަސައްކަތްތައް؛
3- ނުރައްކައުތެރި ކެމިކަލްތަކާއި ގޮވާތަކެތި އުފުލުމާއި، އެ ތަކެތި ރައްކައުކުރުމާއި، ހިފައި ގެންގުޅުމާއި، އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްތައް؛
4- ގަރާޖާއި، ވޯކްޝޮޕާއި، ކާޕެންޓްރީއާއި، ވެއަރހައުސްތަކުގައި ކުރާ ޢަމަލީ މަސައްކަތްތައް؛
5- ތެލާއި ޕެޓްރޯލު ފޯރުވައިދިނުމުގެ ޢަމަލީ މަސައްކަތްތައް؛
6- ސިމެންތިއާއި، ކައްކަން ބޭނުންކުރާ ގޭހާއި، އެނޫންވެސް ބާވަތެއްގެ ގޭހާއި ބިއްލޫރި އުފެއްދުމާއި، ޢަމަލީގޮތުން އެ ތަކެތި ފޯރުވައިދިނުމުގެ މަސައްކަތްތައް؛
7- ރެސްޓޯރަންޓުތަކުގެ ނުވަތަ ކެފޭތަކުގެ ބަދިގޭގައި ކުރާ ޢަމަލީ މަސައްކަތްތައް؛
8- އެއަރކޮންޑިޝަން މަރާމާތުކުރުމާއި، ސަރވިސްކުރުމާއި، ހަރުކުރުމާއި، ބެހެއްޓުމާއި، ހިފައި ގެންގުޅުމުގެ މަސައްކަތްތައް؛
9- ދަތުރުފަތުރު ކުރުމުގެ ޚިދުމަތެއް ޢަމަލީގޮތުން ކޮށްދިނުމުގެ މަސައްކަތްތައް؛
10- ނައިޒްޑްކޮށް ކުރެވޭ މަސްވެރިކަމުގެ މަސައްކަތްތައް؛
11- ކުނި މެނޭޖްކުރުމާއި، ކުނި ނައްތައިލުމުގެ ޢަމަލީ މަސައްކަތްތައް؛
12- ސިނގިރޭޓް ފަދަ އެއްވެސް ބާވަތެއްގެ ޓޮބޭކޯގެ މާއްދާ ހިމެނޭ ތަކެތި ވިއްކުމުގެ ޢަމަލީ މަސައްކަތްތައް؛
13- ދިވެހިރާއްޖޭގެ ހިންގާ ބަނދަރެއްގައި ކުރާ ހުރިހާ ބާވަތްތަކެއްގެ މަސައްކަތްތައް؛
14- އެއްވެސް ބާވަތެއްގެ ކާނާއެއްގެ ފުޑް ޕްރޮސެސިންގ މަރުޙާލަތަކުގައި ހިމެނޭ މަސައްކަތްތައް؛
15- ދަނޑުވެރިކަމުގެ މަސައްކަތުގައި ދަނޑުގޮވާން ކުރުމަށް ގިނަ ވަގުތު ޢަމަލީގޮތުން މަސައްކަތް ކުރަންޖެހޭ ފަދަ މަސައްކަތްތައް؛
16- އެއްވެސް ބާވަތެއްގެ ދިރޭއެއްޗެއް ގެންގުޅެ، އެ ތަކެތި އާލާކުރުމުގެ މަސައްކަތް ކުރާ ތަނެއްގައި، އެފަދަ ދިރޭ އެއްޗެއްގެ ބެލެހެއްޓުމާ ގުޅޭ މަސައްކަތްތައް؛ އަދި
17- ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައި ހިމެނޭ އެކި ބާވަތުގެ އެކޮމޮޑޭޝަން ބެލެހެއްޓުމާއި، ކޭޓަރ ކުރުމާއި، ފުޑް އެންޑް ބެވެރޭޖާ ގުޅޭ މަސައްކަތްތަކާއި، އެކްސްކާރޝަންތަކާއި، ރިކްރިއޭޝަނަލް ކަންކަމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ޓުއަރ އޮޕަރޭޓްކުރުމާއި، ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި، ސުވެނިއަރ ވިއްކުމާބެހޭ މަސައްކަތްތައް.
ކުދިން ލައްވައި ކުރުވުން މަނާ މަސައްކަތްތައް ކުއްޖަކު ލައްވައި ކުރުވާ ފަރާތެއްގެ މައްޗަށް ފިޔަވަޅު އަޅަން މިނާފައިވާއިރު، އުމުރުން 18 އަހަރު ފުރިހަމަނުވާ ކޮންމެ ކުއްޖެއްގެ މައްޗަށް ހިނގާނެ ކަންކަން ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.
މި ގަވާއިދާ ޚިލާފުވާ ފަރާތްތައް އަދަބު ކަނޑައަޅާފައިވާއިރު، އިދާރީ ފިޔަވަޅުގެ ގޮތުގައި ނަސޭހަތްދިނުމާއި، ޕޭރަންޓިންގ ޕްރޮގްރާމެއްގައި ބައިވެރިކުރުވައި، އެ ޕްރޮގްރާމް ފުރިހަމަކުރުވުމާއި، އެ ފަރާތަކުން ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 2000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ކަނޑައަޅާފައެެވެ.
މިއަދު ގެޒެޓް ކުރި ނަމަވެސް މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިއަދުން ފެށިގެން ތިން މަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *