ދަރިވަރުންގެ އުނގެނުމުގެ ދަތިތަކާ ގުޅޭގޮތުން ސްކޫލްތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް އެޑިއުކޭޝަނުން ފަށައިފި

ކޮވިޑް-19 އާއި ގުޅިގެން ދަރިވަރުންގެ އުނގެނުމަށް ދިމާވާ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފިއެވެ. ޔުނިސެފާ ގުޅިގެން ކުރިއަށްދާ މި ބައްދަލުވުމުގައި މިނިސްޓްރީގެ ބޭފުޅުން މިއަދު ވަނީ ސީއެޗްއެސްއީގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނާއި ބައްދަލުކޮށްފައެވެ.

އޮންލައިންކޮށް ތިން ސެސަޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ބައްދަލުވުންތަކުގައި ވަނީ ކޮވިޑް19- އާއި ގުޅިގެން ކުދިންގެ ކިޔެވުމަށް އައިސްފައިވާ ބަދަލާއި، އަދި އެކަމާ ގުޅިގެން ސްކޫލްތަކުން އަޅަމުންދާ ފިޔަވަޅުތަކާމެދު ދެކެނީ ކިހިނެއްތޯއާއި އަދި މީގެ އިތުރުން ދަރިވަރުންގެ ތަޢުލީމު މެދުނުކެނޑި ކުރިއަށް ގެނައުމަށް އެޅެން ހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ.

މި ބައްދަލުވުން ތަކުގައި، ބައިވެރިންނަށް ވަނީ އެ ގްރޫޕަކާ ގުޅޭގޮތަށް، ސްކޫލަށް ދިއުން މެދުކެނޑުމުން ދިމާވާ ލަރނިންގ ލޮސް ނުވަތަހުނަރު ގެއްލިގެން ދިއުމުގެ ސަބަބުން ދިމާވާ ބޮޑެތި މައްސަލަތަކާބެހޭ ގޮތުން މަޢުލޫމާތު ދީފައެވެ.

މީގެ އިތުރުން ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ސްކޫލްތަކުގައި ޤާއިމްކުރެވިފައިހުރި ވަސީލަތްތަކާއި، އިންތިޒާމްތައް ބައްދަލުވުމުގެ ބައިވެރިންނަށް ވަނީ ދައްކާލާފައެވެ.

ވަކި ވަކިން ބޭއްވުނު މި ބައްދަލުވުން ތަކުގައި ދަރިވަރުން، ބެލެނިވެރިން އަދި މުދައްރިސުންވަނީ އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ޙިއްސާ ކުރައްވާފައެވެ. އަދި މިކަންބޮޑުވުންތަކަށް ހައްލުހޯދޭނޭ ގޮތްތަކާ ބެހޭގޮތުން މި ބައްދަލުވުން ތަކުގައިވަނީ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ޕެނަލަކުންނެވެ.

މިއަދު ފެށިގެން މިދިޔަ ބައްދަލުވުންތައް ހުރިހާ ސްކޫލެއްގައި ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. ސްކޫލްތައް ބަންދުވެ ކުދިން ގޭގައި ތިބުމުން އެ ކުދިންނަށް ލިބޭ އިޖުތިމާޢީ ގެއްލުމަކީ މިންކުރެވޭ ވަރަށްވުރެން ބޮޑުގެއްލުމެއް ކަމަށާއި، ކުދިން ސްކޫލަށް ނުގޮސް ގިނަ ދުވަހު ގޭގައި ތިބެންޖެހުމުގެ ސަބަބުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އިޖްތިމާޢީ އަދި ތަޢުލީމީ ގޮތުން ކުރިއެރުމަށް ހުރަސް އެޅިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ތަޢުލީމަކީ ހަމައެކަނި ފޮތުގައި އޮންނަ ފިލާވަޅުގެ އިތުރުން ދަރިވަރުން އެކަކު އަނެކަކާއި ދެކެވޭ ވާހަކައިންނާއި، ރަޙުމަތްތެރިންނާ އެހެނިހެން ދޭދޭ ގުޅުމުގެ ތެރެއިން ދަސްކުރާ ކަންކަމެވެ. އިޖުތިމާޢީ ހުނަރު އެންމެ ބޮޑަށް ކުދިން ދަސްކުރަނީ އެހެން ކުދިންނާއެކު އެކި ކަންކަމުގައި އުޅުމުގެ ތެރެއިން ކަމަށްވާއިރު، ސްކޫލް މާހައުލުން ދަރިވަރުންނަށް އުނގެނެން ފުރުޞަތު ވީހާވެސް އަވަހަށް ހޯދައިދިނުމަކީ ދަރިވަރުންގެ މުސްތަޤުބަލަށް އެޅިގެންދާނެ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *