ސާނަވި ތަޢުލީމް ނިންމާ ދަރިވަރުންގެ ޝަޢުގުވެރިކަން ފަތުރުވެރިކަމާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހެދި ދިރާސާއަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން މިފަދަ ދިރާސާއެއް ކޮށްފައި ވަނީ ގުރޭޑް ދިހައެއް ނިންމާ ދަރިވަރުން އެކުދިންގެ މުސްތަގުބަލް ރާވާފައިވާ ގޮތް ދެނެގަތުމުގެ ބޭނުމުގައެވެ.
މި ދިރާސާގެ މަގުސަދަކީ މަތީ ތައުލީމާއި ތަމްރީނު ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، ސީދާ ދަރިވަރުންނަށް މައުލޫމާތު ފޯރާނެހެން ފޯރުކޮށްދިނުމެވެ. އަދި ދަރިވަރުންގެ މުސްތަގުބަލް ރޭވުމުގައި ނިންމާ ނިންމުންތަކަކީ ރަނގަޅު، ތެދު، އެންމެ ފަހުގެ މައުލޫމާތުގެ އަލީގައި ނިންމާ ނިންމުންތަކަށް ހެދުމެވެ.
މި ދިރާސާއިން ދައްކާގޮތުގައި 21 އިންސައްތަ ދަރިވަރުން ބޭނުންވަނީ ފަތުރުވެރިކަމާ ގުޅުން ހުރި ދާއިރާތަކުން ކުރިއަށް ދާށެވެ. 12 އިންސައްތަ ކުދިންގެ ޝަޢުޤު ހުރީ ސިއްހީދާއިރާއިން ކުރިއަށް ދާށެވެ. 11 އިންސައްތަ ކުދިންގެ ޝަޢުޤު ހުރީ އިންޖިނިއަރިންގެ ރޮނގުން ކުރިއަށް ދާށެވެ.
ކުދިންގެ ޝަޢުޤު ހުރި އިތުރު ދާއިރާ ތަކުގެ ތެރޭގައި ވިޔަފާރިއާއި ގުޅުން ހުރި ދާއިރާތަކުން ކުރިއަށްދާން ބޭނުން ވަނީ އެންމެ ދިހަ އިންސައްތަ ކުދިންނެވެ. ތަޢުލީމީދާއިރާއާ ގުޅުން ހުރި ދާއިރާއަކީ ކުދިން ކުރިއަށްދާން ޝަޢުޤުވެރިވާ ދާއިރާއެއް ނޫން ކަމަށް މި ދިރާސާއިންދައްކައެވެ. އެއީ ތަޢުލީމީދާއިރާއާ ގުޅުން ހުރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ކުދިންގެ ނިސްބަތަކީ އެންމެ ފަސް އިންސައްތައެވެ. އެއީ ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވި ހަތް އިންސައްތަ ކުދިންނަށްވުރެވެސް ދެ އިންސައްތަ މަދު އަދެކެވެ.
ކުރިއަށްދާނެ ދާއިރާ ކަނޑައަޅަނީ އެކަމަށް ޝައުގުވެރިކަން ވެސް ހުރުމުން ކަމަށާއި، ލިބެން ހުރި ވަޒީފާގެ ފުރުސަތުގެ މައްޗަށް ބިނާކޮށް 14 ޕަސެންޓް ދަރިވަރުން ވަކި ދާއިރާތަކެއް ހިޔާރުކުރާކަން ވެސް، ދިރާސާއިން ވަނީ ބުނެފައެވެ. އަދި ކުރިއަށްދާނެ ދާއިރާ ކަނޑައެޅުމުގައި މާލީ އެހީތެރިކަން ބޮޑަށް ލިބޭ ދާއިރާތަކާއި މަތީ ތައުލީމުގެ ފުރުސަތު ބޮޑު ދާއިރާތަކާއި ފަސޭހައިން ވަޒީފާ ލިބޭނެ ދާއިރާތަކުގެ އިތުރުން އާއިލާ އާއި ރައްޓެހިންގެ ޕްރެޝަރު އޮތްކަމަށް ވެސް ބުނެފައިވެއެވެ.
ހަޔާތުގައި ކުރިއަށް ދާނެ ދާއިރާ އިހުތިޔާރުކުރުމުގެ ފަހަތުގައި ހުރި ސަބަބުތަކުގެ ތެރޭގައި، ދިރާސާއިން ދެއްކީ، މާލީ އެހީތެރިކަން ބޮޑަށް ލިބޭ ދާއިރާތަކާއި މަތީ ތައުލީމުގެ ފުރުސަތު ބޮޑު ދާއިރާތަކާއި ފަސޭހައިން ވަޒީފާ ލިބޭނެ ދާއިރާތަކުގެ އިތުރުން އާއިލާ އާއި ރައްޓެހިންގެ ޕްރެޝަރު ހިމެނެ އެވެ. އާއިލާ އާއި ރައްޓެހިންގެ ޕްރެޝަަރުގައި ވަކި ދާއިރާއެއް ހިޔާރުކުރާ ކުދިންގެ ނިސްބަތް ހަތަރު ޕަސެންޓަށް އަރަ އެވެ.
ހުރިހާ އަތޮޅެއްގެ ދަރިވަރުން ހިމެނޭހެން ކުރިއަށް ގެންދިޔަ މި ސާވޭއިން ދެއްކި ގޮތުގައި ދަރިވަރުންގެ ޝައުގުވެރިކަން އެންމެ ކުޑައީ މަސްވެރިކަމާއި ދަނޑުވެރިކަމަށެވެ.
އޯ ލެވެލް ހަދާ ދަރިވަރުންގެ ތެރެއިން އޭ ލެވެލްއަށް ކިޔަވަން ވިސްނަނީ 31.5 އިންސައްތަ ދަރިވަރުންނެވެ. އޭލެވެލްއަށްފަހު، މަތީ ތައުލީމަށް ދިއުމަށް ވިސްނުން ހުރީ 23.6 އިންސައްތަ ދަރިވަރުންގެއެވެ.
ސާނަވީ އިމްތިހާނަށްފަހު، ޕާޓް-ޓައިމް ވަޒީފާއެއްގައި އުޅުމުގެ ވިސްނުން ހުރީ އެންމެ 21 އިންސައްތަ ދަރިވަރުންގެއެވެ.
މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް ކުދިން އަހުލުވެރިވާ މިންވަރުވެސް މި ދިރާސާގައި ބަލާލާފައިވެއެވެ. އެގޮތުން އެންމެ ރަނގަޅަށް އެކަމަށް އަހުލުވެރިވި ކަމަށް ދައްކަނީ އެންމެ ފަސް އިންސައްތަ ދަރިވަރުންނެވެ.
77 އިންސައްތަ ދަރިވަރުން ކޮންމެވެސް ވަރަކަށް މަތީ ތަޢުލީމާ ތަމްރީނަށް އަހުލުވެރިވި ނަމަވެސް އަހުލުވެރި ނޫން ދަރިވަރުންގެ ނިސްބަތް 18 އިންސައްތައަށް އަރައެވެ.
advertisment
ހިޔާލު