ކޮވިޑް ފެތުރޭތީ ކުރިއަށް އޮތް ދެ ހަފުތާއަށް މާލޭގެ ސްކޫލްތައް ބަންދުކޮށްފި

ކޮވިޑް19 ކޮންޓްރޯލް ނުކުރެވި ފެތުރެމުންދިއުމާ ގުޅިގެން ކުރިއަށް އޮތް ދެ ހަފުތާއަށް މާލޭގެ ސްކޫލްތައް ނުހުޅުވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މަޝްވަރާގެ މަތިން ކަމަށެވެ. އީދު ޗުއްޓީއަށްފަހު، އޮގަސްޓް މަހުގެ ނުވަވަނަ ދުވަހު ސްކޫލްތައް ހުޅުވި ނަމަވެސް މާލޭގެ ސްކޫލްތަކުގައި ކިޔަވައިދެމުން ގެންދާ ގުރޭޑް 9ން މަތީގެ ކުރޭޑް ތަކުގެ ކިޔެވުން އޮގަސްޓް މަހުގެ 19އާ ހަމައަށް ކުރިއަށް ނުގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފައެވެ. މާލޭގެ ސްކޫލްތައް ބަންދުކުރި ނަމަވެސް އަތޮޅުތެރޭގެ ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ދަރިވަރުން ހާޒިރުވާން ނުޖެހޭގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށާއި، ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހުނު ނަމަވެސް، އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްދާނެއެވެ. ދެ ހަފްތާއަށްފަހު ބަލިމަޑުކަން ފެތުރޭގޮތަށް ބަލައި، މި ނިންމުން މުރާޖަޢާ ކުރާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސްކޫލަކީ ދަރިވަރުންގެ ނަފްސާނީ އަދި އިޖުތިމާޢީ ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާ ތަނަކަށްވާއިރު، ސްކޫލަށްހާޒިރުވެ އުނގެނޭ އުނގެނުމުގެ ފައިދާއަކީ އެހެން އެއްވެސް ގޮތަކުން ލިބިގަނެވޭނެ އެއްޗެއް ނޫން ކަމަށާއި، އެ މިނިސްޓްރީއިން އަބަދުވެސް އެންމެ އިސްކަމެއްދޭނީ ދަރިވަރުންގެ ޞިއްޙަތަށް ކަމުގައިވާތީ، ކޯވިޑް19ގެ މިހާރުގެ ހާލަތަށް ރިޢާޔަތް ކުރުމަށްފަހު، ދަރިވަރުން އާއިލާއާއެކު ގޭގައި ތިބުމަކީ މިވަގުތަށް އެންމެ ރައްކާތެރިގޮތް ކަމުގައި ދެކޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

" ގޭގައި ދަރިވަރުން ތިބޭއިރު، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުންދޭ ލަފައާއި އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް ހަނދުމަފުޅުކޮށް އަރުވަމެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.

ކޯވިޑް 19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށް ފަހު، ޖުލައި 1 ގައި ވަނީ މާލޭ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް 1 ން 12 އަށް ކިޔަވައިދޭން ފަށާފައެވެ. އަދި މާލޭ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް 9 ން 12) އަށެވެ. މީގެ އިތުރުން ކީ ސްޓޭޖް (ގްރޭޑް 7 އަދި 8) ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލްތަކުގައި އޮގަސްޓު 16 ގައި ފެށުމަށް ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *