އިސްކަންދަރު ސްކޫލްގައި ކިޔެވި ދުވަސްވަރު ކަނޑައެޅި ޓާގެޓަކީ އޯލެވެލްއިން އެއްވަނަ ހޯދުމެވެ. އެ ޓާގެޓަށް ވާސިލްވެ، ސީއެޗްއެސްސީގެ ހަތަރުފާރުން އެތެރެވެ ޓާގެޓް ކުރީ އޭލެވެލްއިން ވެސް އެއްވަނަ ހޯދާށެވެ. މި ޓާގެޓަށް ދަތުރުކުރުމަށް ކުރަންޖެހޭ މަސަކަތް އުނދަގޫވެފައި ބުރަވާނެކަން ހުސްވި އޭލެވެލް އިމްތިޙާނުން ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައި، ރައީސުލްޖުމުހޫރިއްޔާގެ ސްކޮލަރޝިޕް ވެސް ހޯދި އައިޝަތު ރިސްލާ އުމަރަށް އެނގެއެވެ. އެހެންވެ އޭނާ މަސައްކަތް ކުރީ އެ ހުރިހާ ކަމެއް ދަނެގެންނެވެ. އޭނާގެ ހުރިހާ ވަގުތެއް ހުސްކުރީ އެ ކަމަށެވެ. ވިސްނި ވިސްނުމެއް ވިސްނީ އެ ލަނޑުދަނޑި ހާސިލުކުރާށެވެ.
ރިސްލާއަކީ އަބަދުވެސް ކިޔެވުމަށް އިސްކަންދީ މުދައްރިސުންނާއި މައިންބަފައިންގެ ބަސްއެހި ކިޔަމަންތެރި ކުއްޖެކެވެ. އޯލެވެލްއާއި އޭލެވެލް ނިންމާލީ އެ އިޙުތިރާމާއި ލޯތްބާއެކީގައެވެ.

ރިސްލާގެ ދެކޭ ގޮތުގައި އޭނާގެ ތައުލީމީ ހަޔާތުގައި ފާއިތުވި އަށާރަ އަހަރުގެ ކާމިޔާބީގެ ސިއްރަކީ އަބަދުވެސް ހެޔޮދުއާކޮށް، ޓާގެޓެއް ކަނޑައަޅައިގެން ކުރި ބުރަ މަސައްކަތެވެ.
" ކަމެއް ޙާޞިލްކުރަން ފުރަތަމަ ކަނޑައަޅަންވާނީ ޓާގެޓެއް. އެ ޓާގެޓަށް ދިއުމަށް ކުރަންޖެހޭ މަސައްކަތް ހުއްޓާލައިގެން ނުވާނެ. ޢަޒުމް ވަރުގަދަ ވާންޖެހޭނެ" ރިސްލާ މަސައްކަތް ކުރި ގޮތް ހިއްސާކުރިއެވެ.
ރިސްލާ ދެކޭގޮތުގައި އޭނާގެ ކާމިޔާބީގެ ފަހަތުގައި ތިއްބެވީ މައިންބަފައިންނެވެ. އެމީހުންގެ ހެޔޮދުއާއެވެ.
" ބަރާބަރަށް ނަމާދު ކުރަންވާނެ. ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރަންވާނެ. ދޭ ފިލާވަޅުތައް ފަހުމްވާ ވަރަށް އޭގެ ތެރެއަށް ވަދެވެންޖެހޭނެ" ކިޔެވުމުގައި ރިސްލާ ގެންގުޅުނު ފޯމިއުލާ އޭނާ ކިޔައިދިނެވެ.

މި ހުރިހާ ކާމިޔާބެއް އޭނާ ހޯދީ ޓިއުޝަނެއް ނެތިއެވެ. އަމިއްލައަށް ކިޔަވައިގެންނެވެ. ޓިއުޝަން ނެގުމަކީ ކޮންމެ ކުއްޖަކަށް މުހިންމު ކަމެއް ނޫން ކަމަށް ރިސްލާ ދެކެވެ. ސަބަބަކީ ޓިއުޝަން މުހިންމު ވަނީ އޭގެ ބޭނުން ޖެހޭ ކުދިންނަށެވެ. އެ ނޫން ކުދިންނަށް ޓިއުޝާން މުހިންމު ކަމަކަށް އޭނާއެއް ނުދެކެއެވެ.
އޯލެވެލްގެ ގަދަ ދިހައެއްގެ އެއްވަނައަށް ރިސްލާ ދިޔައީ ބައިވެރިވި އަށް މާއްދާއިން އޭ ހޯދައިގެންނެވެ. އެއީ ކުޑަ ކަމެއް ނޫނެވެ. އޭލެވެލްގައި ވެސް ތަކުރާރު ކުރީ އެ ނަތިޖާއެވެ. އޭލެވެލްގައި ބައިވެރިވި ފަސް މާއްދާއިން އޭ ހޯދިއެވެ.
ރިސްލާއަށް އޯލެވެލްއާއި އަލާބަލާއިރު، އޭލެވެލް ހީކުރިހައި އުނދަގުލެއް ނޫނެވެ. އުނދަގުލީ އޭލެވެލްގެ ޓެސްޓެވެ.
" ކިޔެވުމަށް އިސްކަންދެވޭތީ އޭލެވެލް އުނދަގުލޭ ބުނާހައި އުނދަގުލެއް ނޫން. ނަމަވެސް ޓެސްޓްތައް ހީކުރި ވަރަށްވުރެ އުނދަގޫ" ރިސްލާ ކިޔައިދިނެވެ.

ރިސްލާ އެންމެ ކިޔަވާހިތްވަނީ ހިސާބެވެ. އެހެންވެ ކުރިމަގަށް ކަނޑައެޅީ ވެސް އެއާ ގުޅުން ހުރި ދާއިރާއެކެވެ.
" އެންމެ ކުޑައިރުއްސުރެ މެތްސްއަށް ޝައުޤު ހުރޭ. އެހެންވެ ހިސާބާއި ކޮންޕިއުޓަރ ސައިންސްގެ ދާއިރާއިން ކުރިއަށް ދާން ނިންމައިގެން މި ހުރީ" ރިސްލާ ބުންޏެވެ.
ރައީސުލްޖުމުހޫރިއްޔާގެ ސްކޮލަރޝިޕްގައި ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުޞަތު އޮތީ ރިސްލާއަށް ހުޅުވިފައެވެ. އޮސްޓްރޭލިޔާއަކީ ރިސްލާގެ ފުރަތަމަ މަންޒިލެވެ.

" ވަކި ޔުނިވަރސިޓީއަކަށް ދާކަށް، ވަކި ގައުމަކަށް ދާކަށް އަދި ނުވިސްނަން. އެކަމަކު ލިސްޓްގެ ކުރިއަށް އޮސްޓްރޭލިޔާ ލައިގެން މި އުޅެނީ"
ރިސްލާ ބުނީ ތައުލީމީ ބިންގާގެ ފުރަތަމަ މަރުހަލާ ނިމުނީއެވެ. ދެން އޮތީ އޭގެ ދެވަނަ މަރުހަލާއެވެ. މަންމައާ ބައްޕަ ބޭނުންވާ ހުވަފެނުގައި ކުލަޖެއްސިއްޖެ ކަމަކަށް އޭނާއެއް ނުދެކެވެ.
" ހުރިހާ ކާމިޔާބެއްގެ ފަހަތުގައި މި ތިބީ މަންމައާއި ބައްޕަ. އެ ދެ މީހުންގެ އުއްމީދުތަކުތަކުގައި ޖުލަޖެއްސުނު ކަމަކަށް އަދި ގަބޫލެއް ނުކުރަން. އަދި އޮތީ ކުރިއަށް" ރިސްލާގެ ޓާގެޓް އަދި އޮތީ ކުރިއަށެވެ. އެނގޭކަމަކީ އެ ޓާގެޓަށް އޭނާ ވާޞިލްވާނެކަމެވެ. އެ ކަމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް އޭނާ ކުރާނެކެމެވެ. އޭނާގެ ފޮނި ހުވަފެންތައް ހަގީގަތަކަށް ހަދާނެކަމެވެ.
advertisment
ހިޔާލު