ޕްރިންސިޕަލުންގެ ޙައްޤެއް ނުގެއްލޭނެ، ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދެވޭނެ: އެޑިއުކޭޝަން

ސަރުކާރު ސްކޫލްތަކުގައި ޕްރިންސިޕަލުން މަސައްކަތް ކުރުމަށް އެކުލަވާލި އުޞޫލުގެ ސަބަބުން އެއްވެސް ޕްރިންސިޕަލެއްގެ ޙައްޤެއް ނުގެންލޭނެ ކަމަށާއި، ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓަރުގެ ނައިބް މުޙަންމަދު އިހުސާން ޕީއެސްއެމް ނިސްވްގައި ވިދާޅުވީ އަލަށް އެކުލަވާލި އުޞޫލާ ގުޅިގެން ޕްރިންސިޕަލުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް އެ މިނިސްޓްރީން ހޯދާފައިވާކަމަށެވެ. އުޞޫލެއް ހެދި، އެ އުޞޫލެއް ތަންފީޒު ކުރުމަށް ގަވާވައިދުތަކެއް ހަދަންޖެހޭ ކަމަށާއި އެ ގަވާއިދު ތަކުން ޕްރިންސިޕަލުންގެ މިހާރު ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންމެ ބަދަލަކާއެކު ކަންބޮޑުވުންތަކެއް ހުންނާނެ ކަމަށާއި، ކޮންމެ ބަދަލެއްވެސް ގެންނަނީ ޖުމްލަ ގޮތެއްގައި އޭގެ ފައިދާ މުޅި މުޖުތަމައަށް ކުރާނެތީ ކަމަށެވެ.

" މިހާރު ތިއްބެވި ޕްރިންސިޕަލުންގެ ޓެނުއާޝިޕު ފަށާނީ ވެސް ސުމަކުން. އެއްވެސް ޕްރިންސިޕަލެއްގެ ޙައްޤަށް އުނިކަމަށް ނާންނާނެ ފަދަ ގޮތަކަށް މި މަސައްކަތް ތަރުތީބު ކުރަމުން ގެންދާނީ. ގަދަކަމުން ނުރުހުމުގައި އެއްވެސް ޕްރިންސިޕަލެއްގެ ވަޒީފާ ބަދަލެއް ނުކުރާނެ" އިހުސާން ވިދާޅުވިއެވެ.
ސަރުކާރުގެ ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުންނެވޭނީ ހަތަރު އަހަރުގެ ދެ ޓާމްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި އުޞޫލުގައި ބުނެފައިވެއެވެ. މި ބަދަލާ ގުޅިގެން ބައެއް ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް މިނިސްޓްރީއާ ހިއްސާކޮށްފައިވާއިރު، ހުސްޓޭޓް މިނިސްޓަރު އާތިޔާ ނަޞީރު ވިދާޅުވީ ސްކޫލެއްގައި ޕްރިންސިޕަލަކަށް ހުންނެވޭނެ މުއްދަތު ކަނޑައެޅުމަކީ، ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި، ތައުލީމުގެ ފެންވަރު ރަނަގަޅު ކުރުމަށްޓަކައި އެޅި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އެފިޔަވަޅުގެ ފައިދާ މުސްތަގުބަލުގައި ފެނިގެންދާނެ ކަމަށް އާތިޔާ ވިދާޅުވިއެވެ.

" ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ފެންވަރު ރަނގަޅު ޕްރިންސިޕަލުން ސްކޫލްތަކަށް ދައުރުވާގޮތަށް ހަމަޖެއްސުމަކީ މި ގެނައި ބަދަލުގެ އެއް ބޭނުން. ސްކޫލްތަކުގެ ޕްރިންސިޕަލުން ބަދަލުވެގެން އަންނައިރު، އަލަށް އަންނަ ޕްރިންސިޕަލްގެ ފަރާތުން އަންނާނެ އާ ވިސްނުންތައް. ހިންގުމުގެ ސްޓައިލްވެސް ތަފާތުވާނެ. އެބޭފުޅަކު ފޯކަސް ކުރައްވާ ކަންތައްތައްވެސް ތަފާތުވާނެ. އާ ޕްރިންސިޕަލާއެކު އެ ހުރި ފެންވަރަށްވުރެ އިތުރަށް އެ ސްކޫލެއް ކުރިއަރައިގެންދާނެ" އާތިޔާ ވިދާޅުވިއެވެ. " ސިސްޓްމްގެ ތެރޭގައި އެބަތިއްބެވި ވަރަށް ގާބިލު ވަރަށް މޮޅު ޕްރިންސިޕަލުން. އެބޭފުޅުންގެ ތަޖުރިބާއާއި ހިންގުންތެރިކަން އެހެން ސްކޫލްތަކަށް ލިބުމަކީ އެ ސްކޫލްތައް ވެސް ކުރިއަރައިގެން ދާނެ ކަމެއް"
އާތިޔާ ވިދާޅުވީ، ހިންގުންތެރި ގާބިލު ޕްރިންސިޕަލުން ތިއްބަވާ ސްކޫލްތައް ވަރަށް ބޮޑަށް ކުރިއަރައިގެން ދާކަމީ އަޅުގަނޑުމެން އެންމެން ގަބޫލުކުރާ ހަގީގަތެއް ކަމަށާއި، ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާ އެއްބަޔަކީ ޕްރިންސިޕަލުން ކަމަށެވެ.

" ޕްރިންސިޕަލަކު އަބަދު އެއް ސްކޫލެއްގައި މަސައްކަތް ކުރައްވާ ކަމުގައިވާނަމަ، އެ އުޅުއްވަނީ އެއް ކަލްޗައެއް، އެއް ސަގާފަތެއްގެ ތެރޭގައި އެއް ބަޔަކާއެކު. މީގެ ސަބަބުން ޕްރިންސިޕަލަށް އިތުރުކުރިއެރުންތައް ހޯދަން، އިތުރުކަންތައްތައް ދަސްކުރަން ލިބޭ ފުރުޞަތު ހަނިވޭ. އެ ޕްރިންސިޕަލް އެހެން ސްކޫލަކަށް ވަޑައިގެންފިނަމަ އެ ސްކޫލްގެ ސަގާފަތުގެ ތެރެއިން ކުރިއެރުންތަކެއް ހޯދައްވައި ދެއްވުމުގެ ފުރުޞަތު އެބަ ފަހިވޭ" އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލްކަން ކުރެއްވި އާތިޔާ ވިދާޅުވިއެވެ.

އަލަށް އެކުލަވާލި އުޞޫލާ ގުޅިގެން ޕްރިންސިޕަލުން ތައުލީމީ ދާއިރާއާ ދުރަށް ވަޑައިގެންނެވުމުގެ ފުރުޞާތު އޮތް ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އިހުސާން ވިދާޅުވީ، މި ބަދަލާ ގުޅިގެން ގިނަ ބަޔަކަށް ފުރުޞަތު ފަހިވެގެން ދާނެ ކަމަށާއި، އަމިއްލަ ރަށުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަ ޕްރިންސިޕަލަށް ޗެލަންޖެއްގެ ގޮތުގައި އެހެން ސްކޫލަކަށް ވަޑައިގެންނެވުމުގެ ފުރުޞަތު ހުޅުވިގެން ދާނެކަމަށެވެ. ހަމައެއާއެކު ޕްރިންސިޕަލްގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އެކަށޭނެ އެތައް ބޭފުޅުންނެއް ސްކޫލްތަކުގައި މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މި އުޞޫލުގެ ތެރެއިން އެފަދަ ފަރާތްތަކަށް ޕްރިންސިޕަލެއްގެ ގާބިލުކަމާއި ހިންގުން ތެރިކަން ދައްކާލުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި އުޞޫލުގައިވާ ގޮތުން ސްކޫލްތަކަށް ޕްރިންސިޕަލުން ހަމަޖައްސާނީ ޓެނުއާޝިޕެއްގެ އުސޫލުންނެވެ. މިގޮތަށް ހަމަޖައްސާއިރު، އެއް ސްކޫލެއްގައި ހުންނެވޭނި ހަތަރު އަހަރުގެ ދެ ޓާމަށެވެ.

ޕްރިންސިޕަލް ކަމުގެ މަގާމަށް ހޮވާ ފަރާތެއް ކަނޑައަޅާނީ ތަޢުލީމީ ދާއިރާގެ ފަންނީ މަގާމުތަކަށް މީހުން ހޮވުމުގައި މާކުސް ދިނުމުގެ އުޞޫލާއި، ދާއިމީ ގިންތީގެ މުވައްޒަފުންނާ މެދު އަމަލުކުރާ އުޞޫލުންނެވެ.
ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ އިސްކޫލެއް ކަނޑައަޅަން އެޑިއުކޭޝަން މިނިސްޓްރީގައި ދާއިމީ ކޮމިޓީއެއް އެކުލަވާފައި އޮންނަންޖެހޭނެ ކަމަށް މި އިޞޫލުގައި ކަނޑައަޅާފައިވޭ. އެ ކޮމިޓީ އެކުލަވާލަން ބާރު ދީފައި ވަނީ އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *