ޑރ. ޝާފިޔާގެ ޤަލަމުން: ދެމެހެއްޓެނިވި ގޮތެއްގައި އެންމެ ތުއްތުކުދިން މުސްތަޤްބަލަށް ތައްޔާރު ކުރާނީ ކިހިނެއް؟

އައްޑޫ ސިޓީ ހިރާ ސްކޫލުގެ ދަރިވަރުން ފިލާވަޅާ ގުޅުވައިގެން، އޮޕަރޭޝަން ތިއޭޓަރުގެ ހާލަތު ސިފަކޮށްދެނީ- މިފަދަ ހަރަކާތްތަކުން ދަރިވަރުންނަށް ފިލާވަޅުގެ ތެރެއަށް ވަދެވި ކަންތައްތަކަށް ލޯހުޅުވޭ- ފޮޓޯ: ހިރާ ސްކޫލް
ޑރ. އާމިނަތު ޝާފިޔާ އާދަމް

ކުރީ ހަފުތާގެ ލިޔުމުގައި އަލިއަޅުވާލެވުނު ޔުނެސްކޯ (2012) ދެމެހެއްޓެނިތަރައްގީގެ ލަނޑުދަނޑިތައް ހާޞިލުކުރުމަށް ދަސްކޮށްދޭން ޖެހޭ ހުނަރުތައް މިސާލަކަށް ދިރިއުޅުމާއި ދިރިއުޅުމުގެ ހުނަރު (އެބަހީ ކޮންސިއުމަރ ހޭލުންތެރިކަން)، މައްސަލަ ހައްލުކުރުމުގެ ހުނަރު، އިނޮވޭޝަން ހުނަރު (އެބަހީ ވިޔަފާރިވެރިކަމުގެ ތަޢުލީމު)، އަދި ރައްޔިތުކަމުގެ ހުނަރު ފަދަ ކަންކަމަކީ ސްކޫލާއި ބެލެނިވެރިން ބައިވެރިވެގެން ކުދިންގެ ކިބައިގައި އަށަގެންނުވޭނެ ހުނަރުތަކެކެވެ. އަދި ޚާއްޞަކޮށް އެންމެ ތުއްތުކުދިންގެ ކިބައިގައި މިފަދަ ހުނަރުތައް ތަރައްޤީކުރުމަކީ ވަކިން ބޮޑަށް ބެލެނިވެރިންގެ މަސްއޫލިއްޔަތާއި ޒިންމާ އެކުލެވޭ ކަމެކެވެ. ތުއްތުކުދިންގެ ބެލެނިވެރިން މި ހުނަރުތައް ތަރައްޤީކުރުމަށް ސަމާލުކަން ދެވިދާނެ މުހިންމު ދެތިކަމެއް މިތާނގައި ކުރުކޮށް ބަޔާންކޮށްލާނަމެވެ.

  1. މަދުވެގެން ކޮންމެ ދުވަހަކު 15 މިނެޓް ވަންދެން ދަރިފުޅަށް ފޮތް ކިޔައިދިނުން

މިގޮތުން އެންމެ ތުއްތުކުދިންނަށް ފޮތްކިޔައިދޭއިރު މަޖާ އަޑު އަޑާއި، ގޮތްތައް ބޭނުންކޮށްގެން ކުއްޖާގެ ލޮލަށް ބަލާ ފޮތަށް ބަލައި ހަރަކާތްތަކާއި އެކު ފޮތް ކިޔައިދިނުން މުހިންމެވެ. ކުއްޖާއަށް އަކުރު އެނގި ކިޔަންފަށައިގަންނަ ޢުމުރު ނަމަ ބަދަލު-ބަދަލު ކޮށް ފޮތްކިޔުން މިއީ ކުރެވިދާނެ ކަމެކެވެ. މާނައަކީ ތިބާ އެއް ޞަފްޙާ ކިޔައި، އަނެއް ޞަފްޙާ ކުއްޖާލައްވާ ކިއުއްވުން ފަދަ ގޮތްތައް ބޭނުންކުރުމެވެ. އެއަށްވުރެ ބޮޑުވެ އަމިއްލައަށް ފޮތްކިޔޭ ޢުމުރު ނަމަ  އާއިލީ ކިޔުމުގެ ވަގުތެއް ޤާއިމުކުރުން ވެސް މިއީ ކުއްޖާގެ ކިއުންތެރިކަން ކުރިއެރުވޭނެ ގޮތެކެވެ. މިދެންނެވުނު ތިން މަރުހަލާގައިވެސް ފޮތްކިއުމަށް ލޯބި ޖެއްސުމަކީ މުސްތަޤުބަލުގައި ދެމެހެއްޓެނިވި އުނގެނުމަށް ކުއްޖާގެ ހިތުގައި ޖޯޝާއި ލޯބި އަދި އެކަމުގެ ތަމުރީނުވެސް ދެވޭނެ ގޮތެކެވެ. ތަމުރީނު މިތާގައި މާނަ މިކުރެވެނީ ކަމުގެ އާދަ ހަރުލެއްވުމަށެވެ.

  1. ޚިޔާލު ފާޅުކޮށް ވާހަކަ ދައްކަން ފުރުސަތު ދިނުން

ކޮންމެ ޢުމުރެއްގެ ކުއްޖެއް ނަމަވެސް ވާހަކަ ދައްކަން ފެށުމަށްފަހު، އެކުދިން ޚިޔާލު ފާޅުކުރުމަށާއި، އެކުދިންގެ އިޙްސާސްތަކުގެ ވާހަކަ ދެއްކުމަށާއި، ކަންކަމުގައި އަމިއްލަ އިޚްތިޔާރުތަކަށް ހިތްވަރު ދިނުމަކީ މުހިންމު ކަމެކެވެ. ހުރިހާ ކަމެއް މައިންބަފައިން ކޮންދެމުންދާނަމަ، ކުދިންގެ އަމިއްލަ ނަފުސުގެ ގާބިލުކަމަށް ހުރަސް އެޅެއެވެ. އަދި ހަމައެހެންމެ ކަންކަމުގައި ވިސްނުމާއި އެކި އެކި ޚިޔާލުކުރަން އެނގެނުން ލަސްވެއެވެ. މިކަމުގެ ސަބަބުން ސްކޫލްގެ މަޝްވަރާތަކާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ އިތުބާރު ކުޑަވާނެއެވެ. ގޭތެރެއިން މިފަދަ ފުރުސަތު ލިބޭކުދިން ކުލާސްތެރޭގައި ވެސް ކަންކަމުގައި ޚިޔާލު ހުށަހެޅުމާއި ވާހަކަ ދެއްކުން ފަރިތަވާނެއެވެ. ކުއްޖާގެ ނިންމާގޮތްތަކާއި ޚިޔާލުތަކަށް ސީދާ ފާޑުނުކިޔާ އެކަންކަމަށް ހުޅުވާލެވިގެން ވާހަކަ ދެއްކުން މުހިންމުވާނެއެވެ. މި ކަމުގެ ސަބަބުން މުސްތަގުބަލުގައި ދިމާވާ ތަފާތު މީހުންނާއެކު މުޢާމަލާތް ކުރުމާއި، ވާހަކަދެއްކުމާއި މަޝްވަރާކުރުންފަދަ ކަންކަމަށް ކުއްޖާގެ ލޯހުޅުވި އަހުލުވެރިވެ ތަރައްގީވާނެއެވެ.

  1. ތަފާތު ހޮބީތަކަށް/ކަންކަން ޝައުޤުވެރިކަން އުފެއްދުން

ކުއްޖެއްގެ އެންމެ ޅަފަތުގައިވެސް ތަފާތު ހޮބީތަކާއި ކަންކަމަށް ޝައުގުވެރިކަން އުފެއްދުމަށް އެހީތެރިވެދެވިދާނެއެވެ. މިގޮތުން ކުއްޖާއަށް ގަނެދެވޭ ކުޅޭއެއްޗެއްސާއި، ފޮތްތަކާއި، އެއްކޮށް ބައިވެރިވެ ކުރާ ކަންކަމާއި، ފަހިކޮށްދޭ ފުރުސަތުތަކީ ކުއްޖާގެ މުސްތަގުބަލަށާއި ދުވަހީ ދިރިއުޅުމުގެ އެކި ކަންކަމަށް ކުއްޖާތައްޔާރުކުރުމަށް ސަމާލުކަން ދެވިދާނެ ކަންކަމެވެ. މިފަދަ ގޮތަކަށް ކުއްޖާ ކަންކަމަށް ޝައުގުވެރިކުރުވާއިރު، ކުއްޖާއަށް ބޭނުންވާ ވަސީލަތްތައް ފަހިވެފައިވާކަން ޔަޤީން ކުރުން ވެސް މުހިންމެވެ. މިސާލަކަށް އެންމެ އާދައިގެ ކަންކަމަށް ބަލާލާއިރު އާންމުކޮށް ހަފުތާއަކު އެއްފަހަރު މޫދަށް ދާ ކުއްޖެއްނަމަ އަތިރިމަތީން ހޮވޭ ތަފާތު ބޮލިފަދަ ތަކެތީގެ ކަލެކްޝަން (އެއްކޮށްލުން) ނަންތައް ހޯދާ އެތަކެއްޗާއި ބެހޭގޮތުން ފޮޓޯ ފޮތް ހެދުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެވިދާނެއެވެ. މީގެ ސަބަބުން ކުއްޖާގެ މާހައުލަށް ކުއްޖާ ފަރިތަވެ، ކަންކަމާ ބެހޭގޮތުން އިތުރަށް ހޯދާ އާތަކެތި ހެދުން ފަދަ ކަންކަމަށް ޝައުޤުވެރިކަން އުފެއްދޭނެއެވެ.

  1. އުނގެނުމުގެ އެކި ގޮތްތަކާއި ސްޓައިލްތަކަށް ހޭނުވުން

އުނގެނުމަކީ ހަމައެކަނި ފޮތެއް ބަލައިގެން ކިޔާ އެއްޗެއް ނުވަތަ ލިޔުން ނޫންކަން އަޅުގަނޑުމެން އެންމެވެސް ގަބޫލުކުރަންޖެހެއެވެ. ދުނިޔޭގެ މަޝްހޫރު ފިލޯސަފަރުންނާއި ޢިލުމުވެރިން އުނގެނުން އެންމެ އާންމުކޮށް މާނަކުރަނީ ތަޖުރިބާއެއް ގޮތުގައެވެ. އެހެންކަމުން ކުއްޖާއަށް ތަފާތު ތަޖުރިބާތައް ކުރުމަށް ފަހިކޮށްދެވޭ ކޮންމެ ފުރުސަތަކީ އުނގެނުން ކުރިއަރާ ވިސްނުން ތަރައްގީވުމަށް ލިބޭ ރަނުގެ ފުރުސަތުތަކެކެވެ. މިގޮތުން ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަމަކީ އެކި ބާވަތުގެ އުނގެނުމުގެ ސްޓައިލްތަކަށް ހިތްވަރުދެވޭ ގޮތަށް ކުއްޖާގެ ދުވަހީ ދިރިއުޅުމުގެ ކަންކަން އިންތިޒާމުކުރުމެވެ. މިގޮތުން ކުޅުމުގެ ފުރުސަތުތައް އޭނާއަށް ފޯރުކޮށްދިނުމާއި، އަޑުއެހުމާއި ވިޝުއަލް އުނގެނުމުގެ ކަންކަން ހިމެނުމާއި، ފޮތްކިޔައި، ވާހަކަ ކިޔައި އަޑު އެހުމާއި، އާކަންތައްތައް އީޖާދުކޮށް ކަންކަން ހޯދުމާއި، އެކުދިންގެ އުފެއްދުންތެރިކަމާއި ޚިޔާލު ފާޅުކުރުމަށް ހިތްވަރު ލިބޭފަދަ ތަކެއްޗާއި ކަންކަން ރޭވުން ހިމެނެއެވެ.

  1. އުނގެނުމަށް ފޯރި އުފެއްދުން:

ކުދިންނަށް ފަހި ކޮށްދޭ އުނގެނުމުގެ ފުރުސަތުތަކަށް ފޯރި ޖައްސާ އެކަންކަމުގައި ބެލެނިވެރިންގެ މަޖާކޮށް ފޯރީގައި އުޅުމަކީ މުހިންމު ކަމެކެވެ. އޭގެ ސަބަބުން އުނގެނުމަކީ ހުރިހާ ހާލަތެއްގައިވެސް އުފާވެރިކަމާއި ގުޅިފައިވާ ކަމެކެއްކަން އިހުސާސްކުރަން ދަސްކޮށްދެވެއެވެ. އާ މައުލޫމާތު ހޯދައި އެކަމާ ބެހޭގޮތުން ވާހަކަ ދައްކާ، ތަފާތު ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، އުނގެނުމަކީ މަޖާ ކަމެއް ކަމަށާއި އަދި ދިމާވާ އުނދަގޫ، ޗެލެންޖިން/ގޮންޖެހުން ބޮޑު ކަންކަމުގައި ވެސް ނުހުއްޓި ކުރިއަށް ދިއުމުގެ ރޫހު ކުދިންގެ ކިބައިގައި ކުރިއެރުވޭނެ ގޮތް ބެލެނިވެރިން ނަމޫނާ ދެއްކުމަކީ މުހިންމު ކަމެކެވެ. މިސާލަކަށް ޢާއިލާމެމްބަރުން އެކުގައި ލެގޯ ހެދުމާއި، ޕަޒްލް ހެދުމާއި، ގޭމްކުޅުން ފަދަ ކަންކަމަކީވެސް މިފަދަ ހުނަރުތަކަށް ކުއްޖާ ތައްޔާރުކުރެވޭ ގޮތެކެވެ. އޭގެ އިތުރުން ކޮންމެ ކަމަކީވެސް އުނގެނުމާއި ގުޅޭ ކަމެއްގޮތަށް އިހުސާސް ކޮށްދިނުން މުހިންމެވެ.

އިސްވެ ބަޔާންވެދިޔަ ކޮންމެ ކަމަކީވެސް ދެމެހެއްޓިނިވި ގޮތެއްގައި އުނގެނުން ތަރައްގީކުރުމަށް މުހިންމު ކަންކަމެވެ. މިގޮތްތަކަކީ ލާރނިން ފޯ ލައިފް (ދިރިއުޅުމަށް އުނގެނުން) ނުވަތަ ލައިފް ލޯންގްލާރނިން (މުޅި ދިރިއުޅުމަށް އުނގެނުން) މި ކޮންސެޕްޓްތައް ކުއްޖާގެ ކިބައިގައި ތަރައްގީކުރެވޭނެ ގޮތްތަކެވެ. ޖުމުލަ ގޮތެއްގައި ކުދިން ތަރުބިއްޔަތު ކުރަން ޖެހެނީ ދިރިއުޅުމަށެވެ، އެމީހުންގެ މުސަތަޤުބަލަށެވެ. ދުނިޔެއަކީ އަބަދު ބަދަލު އަންނަ ތަނެކެވެ. އެއްވެސް ހާލެއް އެއްގޮތަކަށް އޮންނާނެ ތަނެއް ކަމަށް ގަބޫލުކޮށްގެން ނުވާނެއެވެ. މިހާރު އުޅޭ މީހުން ފަހުން ދުނިޔެ ދޫކޮށް، އަލަށް އުފަންވާ ޖީލުތައް އާގޮތްތަކާއި އާކަންތައްތައް ތަޢާރަފުކޮށް، އެކި ހާލަތްތަކާއި، މަންޒަރުތައް ބަދަލުވަމުންދާނެ ތަނެކެވެ. މިއީ ކޮންމެ ބެލެނިވެރިޔަކުމެ އަދި ތަޢުލީމު ފޯރުކޮށްދޭ ފަރާތެއްމެ ގަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ސަމާލުވާންޖެހޭ މުހުންމު ނުކުތާއެކެވެ. ތަޢުލީމުދިނުމަކީ ދެމެހެއްޓެނިވިގޮތެއްގައި މުސްތަޤްބަލުގައި ދިމާވެދާނެ އަދި ބަދަލުވެދާނެ ކޮންމެ ކަމަކަށް ހޭލުންތެރިވާން އިނގޭ ދިރިއުޅުމަށް ފަހި ކުދިން ތައްޔާރުކުރުމެވެ. އުއްމީދަކީ މި ލިޔުންކޮޅުން މުޖުތަމަޢަށް ފައިދާހުރި އަގުހުރި މަޢުލޫމާތުކޮޅެއް ފޯރުކޮށްދެވުމެވެ. މި ސިލްސިލާގައި އަޅުގަނޑުގެ ލިޔުންތައް އަމާޒުކުރާނީ ދެމެހެއްޓެނިވި އުނގެނުމަށް އަދި މުސްތަގްބަލަށް ކުދިން ތައްޔާރުކުރުމާއި ބެހޭގޮތުންނެވެ.

ހަވާލާ ދޭ ފަރާތްތައް

ޔުނެސްކޯ (2012) އެވެ. ދެމެހެއްޓެނިވި ތަރައްޤީއަށް ހުނަރުތައް ކުރިއެރުވުން (ED/PSD/ESD/2012/PI/4). ޕެރިސް، ފްރާންސް: ޔުނެސްކޯ. www.unseco.org/educationESD012/PI/4 އިން ލިބިފައިވާ މަޢުލޫމާތު

ނޯޓް: ޑރ. އާމިނަތު ޝާފިޔާ އަކީ ޤައުމީ ޔުނިވަރސިޓީގައި އެސިސްޓެންޓް ޕްރޮފެސަރގެ މަގާމުގައި މަސައްކަތް ކުރައްވާ ދާރިސެކެވެ. އޭނާގެ ވަޒީފާގެ މައިގަނޑު ދާއިރާތަކަކީ މުދައްރިސުން ތަމުރީނު ކުރެއްވުމާއި، މާސްޓާރސް އަދި ޕީއެޗްޑީ ފެންވަރަށް ކިޔަވާ ދަރިވަރުންގެ ދިރާސީ މަސައްކަތުގައި އެހީތެރިވެދެއްވުމާއި ތަފާތު ދިރާސީ މަސައްކަތްތަކުގައި އިސްރޯލެއް އަދާކުރެއްވުމެވެ. ޑރ. ޝާފިޔާއަކީ ރޭޑިއޯ/ޓީވީ ޕްރޮގްރާމްތަކާއި ނޫސް/މަޖައްލާ ފަދަ އެކި ދާއިރާތަކުގެ ޢިލުމީ މުހާވަރާތަކުގައި ޚިދުމަތް ފޯރުކޮށްދެއްވާ އެއީ އޭނާގެ އިޖުތިމާޢީ ޒިންމާއެއް ކަމުގައި ދެކެވަޑައިގަންނަވާ ބޭފުޅެކެވެ. ޖުމުލަގޮތެއްގައި ޑރ. ޝާފިޔާއަކީ އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާއަށް ޚާއްޞަ ލޯތްބެއް އޮންނަ ފަންނީ މާހިރެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *