ލެޓްސްރީޑް ޕްރޮގުރާމުން ކުޑަކުދީންގެ 100 ވާހަކަ ދިވެހިބަހަށް ތަރުޖަމާކޮށް ތާރީޚުގެ ތެރެއަށް

އޭޝިޔާ ފައުންޑޭޝަނުން ކުރިއަށް ގެންދާ "ލެޓްސް ރީޑް" ޕްރޮގްރާމުގެ ދަށުން ކުޑަކުދީންގެ 100 ވާހަކަ ދިވެހިބަހަށް ތަރުޖަމާކޮށް ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ. އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ ދިވެހި ވާހަކަތަރުޖަމާކޮށް އޮންލައިން މަންސައެއްގައި ޝާއިޢުކޮށް ލެޓްސް ރީޑް ޕްރޮގުރާމްގެ މަސައްކަތް ތާރީޚުގެ ތެރެއަށް ވަދެފައިވާ އިރު މި ފޮތްތައް ޝާއިޢުކޮށްފައި މިވަނީ އެންމެ ފަސް މަސްދުވަހުގެ ތެރޭގައެވެ.

އޭޝިޔާ ފައުންޑޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އިސްނެގުމުގެ މަތިން ދިވެހިބަހުގެ އެކެޑެމީއާއި ނެޝަނަލް ލައިބްރަރީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން ވާހަކަތައް ޝާއިޢުކޮށްފައިވާ މަންސައަކީ އެކި ލެވެލްތަކަށް ފޮތްތައް ބަހާލައި ޢުމުރާ ގުޅޭ އެކި ވާހަކަތައް ކިޔުމަށް މަގުފަހިވާނެ ގޮތަށް ފަރުމާކޮށްފައިވާ މަންސައެކެވެ.

ލެޓްސްރީޑް ޕްރޮގުރާމްގެ ކަންކަން ބަލަހައްޓަވަމުންގެންދަވާ ކޯޑިނޭޓަރ އަދި ގައުމީ ޔުނިވަރސިޓީގެ ލައިބްރޭރިއަން ފާތުމަތު ނަޝްފާ ވިދާޅުވީ ތަރުޖަމާކޮށް ޝާއިޢުކުރެވުނު ފޮތުގެ ޢަދަދު އިއްޔެ 100 އަށް އަރާފައިވާކަމަށާއި މި މަސައްކަތަކީ ވަރަށް ބުރަ އަދި ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށެވެ.

" އިއްޔެ 100 ވަނަ ފޮތް ޝާއިޢުކޮށްފައިވާނެ. ހަގީގަތުގައި މިއީ ވަރަށް ބޮޑު ކާމިޔާބެއް. 100 ފޮތަކީ ވެސް މަދު ޢަދަދެއް ނޫން. މިކަމުގައި ތަރުޖަމާ ކުރައްވާ ބޭފުޅުންނާއި އެޑިޓްކުރައްވާ ބޭފުޅުން ވެސް ވަރަށް ބުރަކޮށް އުޅުއްވަމުން ވެސް މި ކަމަށް ވަގުތުދެއްވާކަން ފާހަގަކުރަން. އެހެން ނޫންނަމަ މިހާ އަވަހަށް މި ކަމެއް ނުވާނެ" ނަޝްފާ ވިދާޅުވިއެވެ.

ނަޝްފާ އިތުރަށް ވިދާޅުވީ މިހާރު ތަރުޖަމާ ކުރެވިފައިވާ ފޮތުގެ ޢަދަދު 100 އަށް ވުރެ ގިނަ ކަމަށާއި ނަމަވެސް އެ ހުރިހާ ފޮތެއް އަދި ޝާއިޢު ކުރެވިފައި ނުވާކަމަށެވެ.

" 100 އަށް ވުރެ ގިނަ ފޮތް ވަނީ ތަރުޖަމާ ކުރެވިފައި. ނަމަވެސް އެޑިޓްކޮށް ޕްރޫފްރީޑްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެ. މިހާރު ދަނީ އެ ފޮތްތައް އެޑިޓްކޮށް ފްރޫފްރީޑްކުރުމުގެ މަސައްކަތް. ހަމަ އެއާއެކު އިތުރު ފޮތްތައް ތަރުޖަމާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދޭ. އަޅުގަނޑުމެން މިބަލަނީ ކޮންމެ މަހަކު އާ 20 ފޮތް އިތުރަށް ޝާއިޢުކުރެވޭތޯ" ނަޝްފާ ވިދާޅުވިއެވެ.

ލެޓްސްރީޑް ޕްރޮގްރާމުގެ ދަށުން 33 ގައުމެއްގެ ބަހަށް ފޮތްތައް ތަރުޖާމާ ކުރަމުންގެންދެއެވެ. ގިނަ ޢަދަދެއްގެ ދަރިވަރުންނާއި ސްކޫލުތަކުން މި ފޮތްތައް މިހާރު ދަނީ ބޭނުންކުރަމުންނެވެ. މިއީ މި އަހަރުގެ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހު ފަށައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

ހިޔާލު

3 Responses

  1. މިކަމަކީ ވަރަށް ރަގަޅުކަމެއް. ސްކޫލްތަކުން މިކަމަށް ކުޑަނަމަވެސް ބާރެއްލާފިއްޔާ ދަރިވަރުންނަށް ވަރަށް މަޖާކަމަކަށް
    ވެގެން ފޮތް ކިއުމުގެޝައުގު އުފެއްދޭނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *