މުދައްރިސުންނަށް ހުޅުވާލައިގެން ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވަނީ

މުދައްރިސުންނަށް ޚާއްޞަކޮށްގެން ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވަން ނިންމައި، އެކަން ޕްރޮފެޝަނަލް ޓީޗަރސް އޮފް މޯލްޑިވްސްއިން (ޕީޓީއެމް) އިއުލާން ކޮށްފިއެވެ.

ފަންނީ ގޮތުން މުދައްރިސުންނަށާއި ތައުލީމީ ދާއިރާއަށް އެހީތެރިވުމަށް އުފައްދާފައިވާ ޖަމިއްޔާއިން ބުނި ގޮތުގައި މި މުބާރާތުގައި، ޚިދުމަތުގައި ތިއްބެވި މުދައްރިސުންނާއި މުދައްރިސުންގެ ގޮތުގައި ހިމެނޭ ލީޑިންގ ޓީޗަރުންނަށް ބައިވެރިވެވޭނެއެވެ. ބައިވެރިވާން ބޭނުންވާ މުދައްރިސުން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހަޅަން ޖެހެއެވެ. މި ފޯމް ޕީޓީއެމްގެ ފޭސްބުކު ޕޭޖުން ޑައުންލޯޑް ކުރެވޭނެއެވެ.

މި މުބާރާތަކީ މުދައްރިސުންގެ ވާހަކަ ދެއްކުމުގެ ހުނަރު މަތިކުރުމާއި، އެކުވެރިކަމާއެކު ވާހަކަ ދެއްކުމުގެ ރޫޙު މުދައްރިސުންގެ މެދުގައި އާލާ ކުރުމާއި، މުދައްރިސުންގެ މުނިފޫހިފިލުވުމާއެކު ހިތްއުފާވާ އިލްމީ ކަމެއްގައި ޝާމިލު ވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
މުބާރާތުގެ ވަގުތީ ގަވާއިދުގައި ބުނެފައި ވަނީ ވާހަކަ ދައްކަން ހަމަޖައްސާ މައުޟޫއު ވާންޖެހޭނީ ރާއްޖޭގެ މިނިވަންދުވަހާ، މިނިވަންކަމާ ގުޅުންހުރި މައުޟޫއަކަށެވެ. ނުވަތަ ދިވެހި ޤަޢުމިއްޔަތާ ގުޅުން ހުރި މައުޟޫއަކަށެވެ.
މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭނީ ކަނޑައަޅާ މައުޟޫއަށް ވާހަކަ ދެއްކުމަށްފަހު، އޭގެ ވީޑިއޯ ރެކޯޑިންއެއް ކަމަށެވެ. ވީޑިއޯ ހުށަހަޅަން މުއްދަތު ދީފައި އޮތީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތް ކުރިއަށް ގެންދަން ރާވާފައި އޮތީ އުމުރުފުރާ ތަކަށް ބަހާލައިގެންނެވެ. އެއީ 30 އަހަރުން ދަށާއި، 40 އަހަރުން ދަށާއި، 50 އަހަރުން ދަށުގެ ބައެވެ.

" މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަން ޖެހެނީ އެމީހަކު އިޙްތިޔާރު ކުރާ މައުޟޫއަކަށް، ވާހަކަ ދައްކާފައިވާ ވީޑިއޯއެއް. ކޮންމެ ރަށުގައި ހުރެގެންވެސް ކޮންމެ މުދައްރިސަކަށް ބައިވެރިވެވޭނެ ގޮތަށް މި އޮތީ" ޕްރޮފެޝަނަލް ޓީޗަރސް އޮފް މޯލްޑިވްސްއިން ސެކެރެޓަރީ ޖެނެރަލް އަދި މަދަރުސަތުލް އިފްތިތާހުގެ ޕްރިންސިޕަލް ޒިޔާދު ރަޝީދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ މުބަރާތަށް އެކަށީގެންވާ އިނާމްވެސް ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތަފުޞީލްތައްވެސް ހާމަކުރައްވާނެ ކަމަށެވެ.

މިއީ ހުރިހާ މުދައްރިސުންނަށް ހުޅުވާލައިގެން މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ޕީޓީއެމް އިން ވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ޕްރީ ސްކޫލް މުދައްރިސުންނަށް އަމާޒުކޮށްގެން ޚާއްޞަ ފޯރަމެއް ބާއްވާފައެވެ. މި ފޯރަމުގައި 170 މުދައްރިސުން ބައިވެރިވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *