ރައްޓެހިންނާއި ތިމާގެ ކުދިންނާއެކު އެ ކުދީން ފައިމަގުގައި ހިނގާފައި ކުޑަފަރީ ސްކޫލްގެ ގޭޓުން އެތެރެއަށް ވަދެގެން ދިޔަ އިރު އެ ކުދީންގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރި ހިނިތުންވުމެކެވެ. އެ ހިނިތުންވުން އިތުރުވީ ސްކޫލުން އެ ކުދީންނަށް ކީ މަރުޙަބާއިންނެވެ. ސްކޫލްގެ ގޯތިތެރެއިން ފެނުނީ ފެހިކަމެވެ. އެކި ވައްތަރުގެ ހިޔާދޭ ގަސްތަކެވެ. ސްކޫލްގެ ހަތަރު ފާރުން އެތެރެ ތަނަވަހެވެ. ކުލާސްތަކުގައި ކުދިން އެހައިމެ މަދެވެ.
އާންމު ދުވަސްތަކާ ޚިލާފަށް ތިން ފޫޓް ދުރުގައި ތިބެން ޖެހުމާއި ގަޑި ނިމެންދެން ގޮނޑީގައި އިންނަންޖެހުން ފޫހިވިޔަސް، މުދައްރިސުންގެ އަޅާލުން ކުރިއަށްވުރެ ބޮޑުވިއެވެ. ދިން ވަގުތު އެތައް ގުނައެއް އިތުރުވިއެވެ. އެއީ އެ ކުދިންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
ކޮވިޑާއެކު ދިވެހިން ހޭދަކުރި ހިތްދަތި ހަތަރު މަހެއްހައި ދުވަހަށް ފަހު، ޒޫނާ ނަސީމްގެ ދެ ކުދީން ދިޔައީ ނ. ކުޑަފަރީ ސްކޫލަށެވެ. މާލެ ވިލިގނިލީގައި ހުންނަ މުޙުޔިއްދީން ސްކޫލްގައި އެއް ކުއްޖަކު ކިޔަވަމުންދާއިރު، އެނެއް ކުއްޖާ ކިޔަވަމުން ދަނީ ވިލިނގިލީ ޕްރީސްކޫލްގައެވެ. އެ ދެކުދިންގެ އުމުރަކީ ފަސް އަހަރާއި ހަތް އަހަރެވެ. މި ދެކުދިން މިހާރު ތިބީ ކުޑަފަރީގައެވެ. މަންމައާއެކު ކާފައާއި މާމަ ކައިރީގައެވެ.
ކޮވިޑް 19ގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުމާއެކު އެ ކަންތައްތައް ސަހަލު ގޮތަކަށް ނުދާނެކަން މޫދުބުޅާގެ ނަމުގައި އަމިއްލަ ޑައިވިން ސެންޓަރެއް ހިންގަމުން އަންނަ ޒޫނާއަށް ވިސްނުނެވެ. އެ ހިސާބުން ޒޫނާ މިސްރާބު ޖެހީ ކުޑަފަރީއަށެވެ. ދަރިންނާއެކު ރަށްފުށުގެ ދިރިއުޅުމުގައި ވަގުތު ހޭދަކުރާށެވެ. މާމައާއި ކާފަގެ މަސައްކަތުގައި ދަރިން ބައިވެރިކޮށް އަމަލީ މައިދާނަށް ދަރިން ހޭނުވުމަށެވެ. ކިރިޔާ ވެސް ފުރުޞަތެއް ލިބޭއިރަށް ދަރިންނާއެކު އޭނާ އުޅެން ބޭނުންވަނީ އެ ދިރިއުޅުމުގައެވެ. ރަށްފުށުގެ ދިރިއުޅުމުގައެވެ. އެއިން ލިއްބައިދެނީ ދިވެހިންގެ ދިވެހިވަންތަ ހިތްފަސޭހަ މާހައުލެކެވެ. އުނގެނުމާއި ދިރިއުޅުމުގެ ހުނަރު ދަސްކުރަނީ އަމަލީ ގޮތުން އެކަމުގެ ތެރޭގައި ވަގުތު ހޭދަކޮށްގެންނެވެ. މާމާއާއި ކާފަގެ ގާތުންނެވެ. ޒޫނާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް ކާފައާއި މާމަ ދަރީން ބައިވެރިކޮށްގެން އޭނާގެ މަންމައާއި ބައްޕަ މަސައްކަތް ކުރާތީއެވެ. އެހެންވެ އެ ކުދީން ވެސް ތިބެނީ ކޮންމެ ކަމެއް ކުރިއަސް އެކަމާ ގަޔާވެފައެވެ.
ޒޫނާ ގަބޫލުގޮތުގައި ރަށުގައި އުޅެމުން، މާމައާއި ކާފަކައިރީގައި އުޅެގެން ދަސްވާ ދިރިއުޅުމުގެ ހުނަރަކީ ސްކޫލަށް ގޮސްގެން އުނގެނޭ ތަޢުލީމުހާ މުހިންމު އެއްޗެކެވެ. ވިލިނގިލީގައި ދިރިއުޅެން ވިސްނީ ވެސް އެ މާހައުލު ކޮންމެވެސް ވަރަކަށް ގުޅޭތީއެވެ. އެކަމަކު ރަށްފުށުގެ ދިރިއުޅުމުގެ އެ އުފަލެއް އެ ރަށަކުން ނުލިބެއެވެ.
" މަންމައާއި ބައްޕައަކީ ނަމޫނާ ދެ މީހުން. އެމީހުން ވަރަށް އުފާވޭ ކުދިން އައީމާ ވެސް. ކަމެއް ކުރިޔަސް އެއްވެސް ކަހަލަ ރުޅިއެއް ނާންނާނެ. ހުރިހާ ކަމެއްގައި ވެސް ކުދިން ވަރަށް ބޮޑަށް ބައިވެރިކުރާނެ. ބާކީއެއް ނުކުރާނެ. އެ މަންޒަރު ފެނުމަކީ ވެސް ކުއްޖާއަށް ލިބޭ ހިތްހަމަ ޖެހުމެއް" ޒޫނާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެއީއެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި މާމައާއި ކާފަ ކޮންމެ ކަމެއް ކުރިއަސް ވަށައިގެން ތިބެނީ މާމަ ދަރިންނެވެ. އެ ކުދިން އެހައިމެ ޝައުގާއެކު މަސައްކަތް ކުރަނީ ނުލާހިކު ގަޔާވެގެންނެވެ. ދަނޑުވެރިކަން ކުރަން ޖެހުނަސް މަސްބާނަން ދިޔަޔަސް އެ ކުދީންގެ ޝައުގުވެރިކަން އެހައިމެ ބޮޑެވެ.
" ކަމެއް މަނައެއް ނުކުރާނެ. އެކަން ކުރާނެ ގޮތް ކައިރީގައި ހުރެގެން ދަސްކޮށްދޭނީ. ވަޅިވެސް ދޭނެ. ވަޑާންކަށި ވެސް ދޭނެ. އެ ދީފައި އެއިން ކުރާނެ ބޭނުން ކިޔާދީފައި ކައިރީގައި ހުރެގެން ދަސްކޮށްދޭނީ" އެއީ ކޮންމެ ކޮންމެ މާމައެއް ކާފައެއްގައި ހުންނަ ހުނަރެއް ނޫނެވެ. ކުދިންގެ މިޒާޖު އެނގޭ ދެމަފިރިއަކަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. " މަސްބާނަން ދާއިރު، ބައްޕަ ވާހަކަ ދައްކާނީ ވެސް އާދައިގެ ބަހުރުވައިން. ދޯންޏަށް ކިޔާ ބައިތައް ވެސް އެ ކުދިންނަށް އެނގޭނެހެން ކިޔައިދޭނެ. އެގޮތަށް ހަދަން ފެށުމުން ދެތިން ފަހަރަކު އެ ބަހެއް ބުނެލާއިރަށް އެ ކުދީން ހަނދާން ހުރޭ"
ޒޫނާ ކަންބޮޑުވަނީ ރަށުގައި ދިރިއުޅެން އޮތްވައި ކިޔަވައިދޭށޭ ކިޔާފައި ތުއްތު ކުދިން ގޮވައިގެން މީހުން މާލެ ބަދަލުވާތީއެވެ. ތަނަވަސް ގޯއްޗާއި ހިތްފަސޭހަ މާހައުލު ދޫކޮށް ހަތަރެސްކަން ކޮއްޓަކަށް ކުއްޖާ ލުމުން އެ ކުއްޖާއަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަސަރުކުރާނެ ކަމަށް ޒޫނާއަށް ދެކެއެވެ.
" އަޅުގަނޑަކަށް ގަބޫލުކުރެވޭ ގޮތުގައި އެހައި ތުއްތު އިރު، ކުދީން ގޮވައިގެން ކޮށްޓެއްގެ ތެރޭގައި ގެންގުޅެން ޖެހުމަކީ ކުއްޖާއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް. ވަކި ވަރަކަށްވުރެ ބޮޑުވީމާ އިތުރަށް އުނގެނެން ދިއުމަކީ މައްސަލައެއް ނޫން" ރަށުގައި ދިރިއުޅުމުގެ ވިސްނުން އަބަދުވެސް ގެންގުޅޭ ޒޫނާ ވިދާޅުވިއެވެ.
އެންމެ ތުއްތުއިރުއްސުރެ ކުދިންގެ އަތުގައި އޮންނަނީ ފޯނެވެ. ނުވަތަ ޓެބްލެޓެކެވެ. ކުދިން ތިބެނީ އޭގެ ތެރެއަށް ގެއްލިފައެވެ. އެއީ ޒޫނާ ގަޔާވާކަމެއް ނޫނެވެ. އެންމެ ކުޑައިރުއްސުރެ ދަރީންނަކަށް އޭނާ ފޯނެއް ނުދެއެވެ. ޓްބްލެޓެއް ނުދެއެވެ. ދިނަސް ދެނީ މަދު ވަގުތު ކޮޅަކަށެވެ.
" އަޅުގަނޑަކީ ވަރަށް ބޮޑަށް ސްކްރީން ޓައިމްއާ ވަރަށް އިދިކޮޅު މީހެއް. ފޯނެއް ދަރީންނަށް ނުދެން. ފޯނަކީ މި ކަހަލަ ކަންތައްތަކަށް ކުދީން ދިއުމަށް އެޅޭ ހުރަހެއް. ފޯނެއް ނޫނީ ގޭމުކުޅެން ފަށައިފިއްޔާ އެ ކުއްޖާ ނުވޭ އެހެން ކަންތައްތަކެއް ކުރާ ހިތެއް. އަޅުގަނޑުމެން ވާނެ އެ ކުއްޖާ އެންޖޯއީ ކުރާން ޓައިމް ދޭން. ކަމެއް ކުރާށޭ ބުނުމަކުން ނުވާނެ އެ ކުއްޖާ ބައިވެރިކޮށްގެން އުޅުމަކީ އެކުދިންނަށް ވަރަށް ބޮޑު އެއްޗެއް ދަސްވާކަމެއް. ކުއްޖާއަށް ކަންކަމުގައި ލޯ ހުޅުވޭނެ." ޒޫނާ ބުންޏެވެ. " ފަހަރެއްގައި އެކަޑަމިކަލީ އެހައި މޮޅު ކުއްޖަކަށް ނުވެދާނެ. އެކަމަކު ދިރިއުޅުމުގެ މާހައުލަށް އެކުއްޖާ ނުކުންނަ އިރު މާ ރަނގަޅުވާނެ ދެ ބައިވެސް ހިމެނިގެން ކިޔަވަމުން ދާނަމަ"
ޒޫނާ ގަބޫލުކުރާ ގޮތުގައި ސްކްރީނާ ދަރިން ދުރުކުރުމަށް އެ ކަން ނުކުރަން ދަރީން ކައިރީގައި ބުނުމަކުންނެއް އަދި ނުފެދެއެވެ. ފޯނު ނުދިނުމަކުން އެކަން ހައްލެއް ނުވެއެވެ. ހައްލު ވަނީ އެ ކުދީންނާއެކު އެ ވަގުތު ރަނގަޅު ގޮތުގައި ހޭދަކުރެވޭ ނަމައެވެ. އެ ކުދީންނާ އެކީ ކުޅުމުގައާއި އުގަންނައި ދިނުމުގައި މައިންބަފައިން ބައިވެރިވެވޭ ނަމައެވެ. ޒޫނާ ވެސް މިސާލު ދައްކައި ފަދައިންނެވެ.
2 Responses
ދެން ޒޫނާ ކީއްވެޔޯ އޭނާގެ އުމުރުން 5 އަހަރުން ފެށިގެން މާލޭގަ ދިރިއުޅެމުންއެދަނީ. މިހާރު މާބޮޑަށް ރަށް ކަމުގޮސްގެން އުޅުނަކަސް އިހަށް އުޅުނީ ކުޑަފަރި އޮތް ކޮޅަށް ބޯވެސް ނުލާން.
ހިތައްއަރަނީ ޒޫނާ ދެން މާލޭގައި އުޅެނީ ކީއްވެ ހޭ؟