ތައުލީމުގެ ބިލް އިސްލާހު ވެގެން އަންނަ އިރު، ކުލާހެއްގައި ތިބޭނެ ދަރިވަރުންގެ އަދަދު ކަނޑައެޅިފައި އޮތުން މުހިންމުކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ދިރާސާ ކުރަމުންދާ ތަޢުލީމީ ބިލާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ތަޢުލީމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެ ކަމަނާ ވިދާޅުވީ " ސްޓޫޑެންޓް، ޓީޗާ ރޭޝިއޯއެއް " އޮންނަން ޖެހޭ ކަމަށެވެ.
ފަޒުނާގެ ޚިޔާލަށް ތާއީދު ކުރައްވައި ޕެނަލްގައި ބައިވެރިވެވަޑައިގެންނެވި މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް ވިދާޅުވީ ސްކޫލެއްގައި ގިނަ ވަގެން ކިޔެވޭނެ ދަރިވަރުންގެ އަދަދު ވެސް ކަނޑައަޅަންޖެހޭ ކަމަށާއި، ޓީޗަރަކަށް ފަހަރު ގިނަވެގެން ކިޔަވައިދެވޭނެ އަދަދެއް ކަނޑައެޅިފައި އޮންނަ ފަދައިން ޕްރިންސިޕަލަކަށް ވެސް އެންމެ ގިނައިން ގެންގުޅެވޭނެ އަދަދެއް ކަނޑައަޅަންޖެހޭ ކަމަށެވެ.
އިބްރާ ވިދާޅުވީ ތައުލީމީ ދާއިރާއަށް ޚަރަދުކުރަން ކޮންމެ އަހަރެއްގެ ވެސް ބަޖެޓްގެ ވަކި ޕަސެންޓެއް ގާނޫނުން ކަނޑައަޅަންޖެހޭ ކަމަށާއި، އެކަން ކުރުން ސަރުކާރުގެ ސިޔާސަތުގެ ތެރެއަށް ދޫކޮށްލުން ރަނގަޅުނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ތަޢުލީމަށް އިންވެސްޓް ކުރާ ކޮންމެ 10 ރުފިޔާ އަކީ ފަހުން އަޅުގަނޑުމެންނަށް ސަލާމަތް ކުރެވޭ 1،000 ރުފިޔާ ކަމަށެވެ.
" އަޅުގަނޑު ދެކޭ ގޮތުގައި މި ބިލުގައި އޮތުން ވަރަށް މުހިންމު ދައުލަތުގެ ބަޖެޓުގެ މަދުވެގެން މިވެނި މިންވަރެއް ތަޢުލީމަށް ޚާއްސަ ކުރަން ޖެހޭނެއޭ" އިބްރާ ވިދާޅުވިއެވެ.
އާންމު ތަޢުލީމު ގެއްލިގެންދާ ގޮތަށް ވޮކޭޝަނަލް އެޑިއުކޭޝަން ދޭން އިބްރާ ތާއީދެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި އިބްރާ ވިދާޅުވީ އާންމު ތަޢުލީމަށް އިސްކަންދޭންޖެހޭ ކަމަށެވެ.
" ހައްދު ފަހަނައަޅައި ދިއުމާ ދެކޮޅަށް ވެސް މުގައްރަރުގެ ތެރެއިންނާއި ގާނޫނުގެ ތެރެއިން އުސޫލުތަކެއް ކަނޑައަޅަންޖެހޭ. އިސްލާމީ އުސޫލުތަކަށް ކުދިން އުޅުމަށާއި އަގީދާ ވަރުގަދަ ކުރުމަށާއި ވާޖިބުތައް އަދާކުރުމަށް އަމާޒުކޮށްގެން މަދަރުސީ ބައި ގެންދަން ޖެހޭނީ" އިބްރާ ވިދާޅުވިއެވެ.
މުދައްރިސުން ތަމްރީނު ކުރުމުގައި ގައުމީ ޔުނިވަރސިޓީގައި މަސައްކަތް ކުރަމުން އަންނަ ލީލާ އަހުމަދު ވިދާޅުވީ ޓީޗަރސް ބެޗްލާސް ޑިގްރީއެއް ރާއްޖެއިން ބޭރުން ހެދެނީ ހަތަރު އަހަރުން ކަމަށާއި، ރާއްޖެއިން ތިން އަހަރުން ހެދޭކަމަށެވެ. ލީލާ ދެކެވަޑައިގަންނަވާ ގޮތުގައި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކޯސްތައް ބަދަލުކޮށް އޭގެ ތެރެއަށް އިތުރު ހަތަރުފަސް ޔުނިޓެއް ލާން ޖެހެއެވެ.
ލީލާ ވިދާޅުވީ ވަށައިޖެހޭ ތަޢުލީމް ކުއްޖާއަށް ފޯރުކޮށް ދިނުމަށް ކޮންމެ ޓީޗިންގ ޑިގްރީއެއްގައި މަޖުބޫރުވާނެ ގޮތަށް ހަތަރު ފަސް މޮޑިއުލެއް ހަދަންޖެހޭ ގޮތަށް އޮތުން މުހިންމު ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ކޮންމެ ޓީޗިންގ ޑިގްރީއެއްގައި ސްޕެޝަލް އެޑިއުކޭޝަން ޔުނިޓެއް ހަދަން ޖެހުމާއި، ފިޒިކަލް އެޑިއުކޭޝަނާއި ލައިފް ސްކިލްސްއާއި ޓްކްނޮލިޖީގެ ބައެއް އަންނަންޖެހޭ ކަމަށެވެ.
" ދުޅަހެޔޮ ސިއްޙަތެއްގައި ކުއްޖާ ހުންނައިރު ޓީޗަރު ކިބައިގައި އެކަން ނެތްނަމަ އެ ކަމެއް ނުވާނެ" ލީލާ ވިދާޅުވިއެވެ.
ލީލާ ވިދާޅުވި ގޮތުގައި ތައުލީމުގެ ބިލުން އެއް ދަންފަޅީގެ ވާހަކަ ފެންނަން ނެތް ކަމަށާއި، އެއީ ބިލުގައި ލިޔެފައި އޮތުން މުހިންމު ވާހަކައެއް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެއް ދަންފަޅިއަށް މާލޭގައި ހިންގި ސްކޫލްތައް ވެސް ބަދަލުކުރީ އެކަން ލިޔެފައި ނެތީމައެވެ.
ޓީޗަރުން ތަމްރީނު ކުރުމުގައި މަސައްކަތުގައި ގައުމީ ޔުނިވަރސިޓީގައި ކިޔަވައިދެމުން އަންނަ ހައްވާ ޒާހިރާ (ހައްވަމިސް) ވިދާޅުވީ ދުވަހު ކުށްޔަށް ދޭ ތަންތަނުގައި ވެސް ޕްރީ ސްކޫލްތައް ހިންގަމުން ގެންދާ ކަމަށާއި، ކުއްކާ ދަނީ އެއް ކޮޓަރިން އަނެއް ކޮޓަރިއަށް ކަމަށެވެ. މިއީ ބިލުން ބަދަލުކުރަންޖެހޭ ކަމެއް ކަމަށް ހައްވަ ފާހަގަކުރެއްވިއެވެ. އިތުރު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ފަތުރުވެރިކަން ފުޅާވަމުންދާ އިރު، އިތުރު ބަސްތައް ކިޔަވައި ދިނުން މުހިންމު ކަމަށެވެ.
advertisment
ހިޔާލު